ފައިވް ނޭޝަން ބާސްކެޓްބޯޅަ ޗެމްޕިއަންޝިޕްގެ ފައިނަލްގައި މިރޭ ބޫޓާނުން 62-60 އިން ބަންގްލަދޭޝް ބަލިކޮށް، އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ ބޫޓާނުން ސަރަހައްދީ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދީ ފުރަތަމަ ފަހަރެވެ.
މި ދެޓީމުން ލީގު ބުރުގައި ވާދަކުރި މެޗުން ބަންގްލަދޭޝް މޮޅުވިނަމަވެސް، މިރޭގެ ފައިނަލްގައި ބޫޓާނުން މިވަނީ އޭގެއަށް ރަނގަޅު ބަދަލެއް ހިފާފައެވެ. ލީގު ބުރުގައި ބޫޓާން އަތުން ބަންގްލަދޭޝް މޮޅުވީ 53-61 އިންނެވެ.
މި ޖޫން މަހުގެ 14 އިން 22 ގެ ނިޔަލަށް ކުރިއަށްދިޔަ މުބާރާތުގައި ބޫޓާނާއި ބަންގްލަދޭޝްގެ އިތުރުން ދެން ވާދަކުރީ ޕާކިސްތާނާއި، ނޭޕާލް އަދި ދިވެހިރާއްޖެ އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި މިރޭ ކުޅުނު މެޗު ފަށައިގެން ފުރަތަމަ ކުއާޓާ ނިންމާލިއިރު ބަންގްލަދޭޝް އޮތީ ދެ ޕޮއިންޓްގެ ލީޑެއްގައެވެ. އެ ޓީމުން ފުރަތަމަ ކުއާޓާ ނިންމާލީ 15-13 އިން ކުރީގަ އޮވެގެންނެވެ.
ނަމަވެސް، ދެން ޖެހިގެންއައި ދެވަނަ ކުއާޓާގައި ބޫޓާނުން ވަނީ ތަފާތު ދައްކައި 12 ޕޮއިންޓްގެ ލީޑަކާއެކު، 18-6 އިން ކުރި ހޯދާފައެވެ. އެއަށްފަހު، ދެން ކުޅެވުނު ތިންވަނަ ކުއާޓާގައި ވެސް ބޫޓާނުން ވަނީ ދެ ޓީމުގެ ދެމެދުގައި އޮތް ފަރަގު އިތުރަށް ފުޅާކޮށްފައެވެ. އެ ޓީމުން މި ކުއާޓާ ނިންމާލީ 22-15 އިން ކުރީގަ އޮވެގެންނެވެ.
މި މެޗުގެ ފަހު ކުއާޓާއާ ކުރިމަތިލިއިރު ބޫޓާނުން ލީޑްކުރަމުންދިޔައީ 53-34 އިންނެވެ. މި ކުއާޓާ ފެށިއިރު ދެ ޓީމުގެ ދެމެދުގައި އޮތް 19 ޕޮއިންޓްގެ ލީޑް، ބަންގްލަދޭޝް އިން ވަނީ ހަތަރުވަނަ ކުއާޓާގެ ފުރަތަމަ ތިން މިނެޓުގެ ތެރޭގައި ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ. މިވަގުތުކޮޅުގެ ތެރޭގައި ބަންގްލަދޭޝް އިން ފުލުފުލުގައި ގިނަ ބާސްކެޓްތަކެއް ކާމިޔާބުކުރިއިރު ބޫޓާނަށް އެންމެ ބާސްކެޓެއްވެސް ސްކޯ ނުކުރެވުނެވެ.
ހަތަރުވަނަ ކުއާޓާގައި ބަންގްލަދޭޝް އިން ދައްކަމުންދިޔަ އާދަޔާހިލާފު މޮޅު ކުޅުމާއެކު މެޗު ނިމެން 11 ސިކުންތައްވެފައި އޮތްއިރު ބޫޓާނުން 59-58 އިން ލީޑްގައި އޮއްވާ، ބަންގްލަދޭޝް އަށް ލިބުނު ދެ ފްރީ ތްރޯ އިން އެމްޑީ ސައިފުލް އިސްލާމް ކާމިޔާބުކުރި ދެ ޕޮއިންޓާއެކު އެ ޓީމުން ފަހު ދެ ކުއާޓާގައި 60-59 އިން ފުރަތަމަ ފަހަރަށް ލީޑްނެގިއެވެ.
ނަމަވެސް، އޭގެފަހުން މެޗު ނިމެން ބާކީ ހަ ސިކުންތު އޮއްވާ ކުޅުމުގެ ތެރެއިން ބޫޓާންގެ 10 ނަންބަރު، ދޯރްޖީ ކާމިޔާބުކުރި ބާސްކެޓާއެކު އެ ޓީމުން އަނެއްކާވެސް 61-60 އިން ލީޑްނެގިއެވެ. އަދި މި ބާސްކެޓް ކާމިޔާބުކުރަން އުޅުމުގެ ތެރޭގައި ބަންގްލަދޭޝް ކުޅުންތެރިއަކު ބޫޓާންގެ ދޯރްޖީ އަށް ކުރި ފައުލަކަށް ލިބުނު ފްރީތްރޯ ކާމިޔާބުކޮށް، އެ ޓީމުން ވަނީ 62-60 ކުރިހޯދާފައެވެ.
މި މެޗުގައި ބޫޓާނަށް އެންމެ މޮޅަށް ކުޅެދިން ރިންޗެން ދޯރްޖީ 17 ޕޮއިންޓާއެކު، 8 ރީބައުންޑް ނަގައި ދެ އެސިސްޓް އަދި އެއް ސްޓީލް ހަމަކުރިއެވެ. ބަންގްލަދޭޝް އިން އެންމެ މޮޅަށް ކުޅުނީ މިތުން ކުމާރް ބިސްވާސް އެވެ. އޭނާ ވަނީ 22 ޕޮއިންޓާއެކު 10 ރީބައުންޑް ނަގައި، ހަ އެސިސްޓާއި ހަތް ސްޓީލް ހަމަކޮށްފައެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މިތުން އެވެ.
