ބަލާލުމުން އުފާވެރިކަން ރަމްޒުކޮށްދޭ ތުއްތުކުދިންގެ އެކުވެރިއާ ރަބަރ ޑަކް އަކީ އާންމު ކޮށް ކުދިން ފެންވަރުވާއިރު ބާތްޓަބް ފަޅުފިލުވާލަދޭ އެކުވެރިއާއެވެ. ނަމަވެސް މީގެ އެތެރޭގައި ފޮރުވިފައިވަނީ އެހާ އުފާވެރިކަމެއް ނޫނެވެ. ބިރުގަންނަން ޖެހޭ ވަރުގެ ނުރައްކާތެރިކަމެވެ.

ކުޑަކުދިން ކުޅެންގެންގުޅޭ މިރަބަރ ޑަކީ އަކީ އެކުދިން ފެންއަޅައިގެން ފިއްތާލުމުން ފެންފައިބާ އަދި އަނގަޔަށް ވެސް ލައިގެން ގެންގުޅޭ އެއްޗެކެވެ. ރަބަރ ޑަކްގެ އިތުރުންވެސް ތަފާތު އެކި ކުޅޭސާމާނު މިގޮތަށް ރަބަރުން ތައްޔާރުކޮށްފައި ހުރެއެވެ.

މިފަދަ ކުޅޭސާމާނުގައި އުފެދޭ ނުރައްކާތެރި ބެކްޓީރިއާ އަދި ފަންގަސް ދިރާސާ ކުރުމަށް ސައިންސްވެރިން ވަނީ މިފަދަ ކުޅޭސާމާނު 11 ހަފްތާ ފެނުގައި ބޭޏުންކުރުމަށްފަހު މެދުން ފަޅާލައިގެން އެތެރެ ބަލާފައެވެ. 80 ޕަރސަންޓް ކުޅޭ އެއްޗެހިން ވަނީ ނުރައްކާތެރި އެތައް ބެކްޓީރިއަކާއި ފަންގަސް އެއް ފެނިފައެވެ. ސައިންސްވެރިން ހާމަ ކުރިގޮތުގައި މިފަދަ ނުރައްކާތެރި ޕެތޯޖަންސްގެ ސަބަބުން ލޮލާ ކަންފަތާއި އަދި ގޮހޮރުގެ އިންފެކްޝަންތަކަށް ކުދިން ހުށައެޅުން އެކަށީގެންވެއެވެ.

ސައިންސްވެރިން ލަފާދެއްވަނީ މިފަދަ ރަބަރުން ހަދާފައިވާ ކުޅޭތަކެތި ބޭނުން ކުރާނަމަ ހައިކޮލިޓީ ޕޮލީމަރ އިން އުފައްދާ މިފަދަ ކުޅޭތަކެތި ބޭނުންކުރުމަށެވެ. އަދި އެއްވެސް އެއްޗެއްގެ ތެރެއަށް ފެންވަދެ ފެން ހަރުލާނަލަ އެފެނުގައި ތަފާތު ޖަރާސީމު އަށަގަނެ އަލާވުމަކީ އާންމު ކަމެކެވެ. ފުރަތަމަ ކަމަކީ އުފަައްދާފައިވާ ބާވަތެވެ. ދެވަނަ ކަމަކީ ބޭނުން ކުރެވޭ ގޮތެވެ. މީގެ ބަދަލުގައި އެތެރެއަށް ފެން ނޭޅޭ ގޮތަށް، ކުޑަކުދިންނާއި ރައްތެރި ބާވަތްތަކުން ތައްޔާރު ކޮށްފައިވާ ބާްތުޓަބް ޓޯއީސް މިހާރު ބަޒާރުން ލިބެން ހުންނާނެއެވެ. އެހެން ބާވަތްތަކާ އަޅާ ބަލާއިރު އަގު ބޮޑުވެދާނެ އެވެ. ނަމަވެސް ތިމާގެ ދަރިފުޅުގެ ފުރާނަ ނުވަތަ ސިއްޙަތަށް ވުރެ އަގުބޮޑެއް ނުވާނެއެވެ.