2023/2024 ވަނަ އަހަރުގެ ސީޒަނުގެ ސްޕެނިޝް ލީގުގެ މެޗު ޝެޑިއުލް ނެރުނުއިރު އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ވާދަވެރި ރެއާލް މެޑްރިޑްގެ 'އެލް ކްލެސިކޯ' ގެ ފުރަތަމަ ކުރިމަތިލުން އޮތީ އަންނަ އޮކްޓޫބަރު މަހުގެ 29 ވަނަ ދުވަހު އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބާސެލޯނާގެ ދަނޑުގައެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ޑާބީ އޮތީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރެއާލްގެ ސެންޓިއާގޯ ބާނެބެއު ގައެވެ.
އަންނަ އޯގަސްޓް މަހުގެ 13 ވަނަ ދުވަހު ބާސެލޯނާ އިން ލީގުގެ ފުރަތަމަ މެޗުގައި ރަށުން ބޭރުގައި ގެޓަފޭއާ ދެކޮޅަށް ނިކުންނައިރު ދެން ޖެހިގެން އަންނަ ހަފްތާގައި ކަޑިޒްއާ ބައްދަލުކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މޮންޓްޖުއިކް އޮލިމްޕިކް ސްޓޭޑިއަމްގައެވެ.
އެހެން އަހަރުތަކާ ހިލާފަށް ކުރިއަށް އޮތް ސީޒަނުގައި ބާސެލޯނާގެ ހޯމް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މޮންޓްޖުއިކް އޮލިމްޕިކް ސްޓޭޑިއަމްގައެވެ. އެއީ ބާސެލޯނާގެ ރަސްމީ ދަނޑު ކަމަށްވާ، ނޯ ކޭމްޕް އިތުރަށް ތަރައްޤީކުރުމުގެ މަސައްކަތް ފެށިގެން ކުރިއަށްދާތީވެއެވެ. އެ ކްލަބުގެ ސްޓޭޑިއަމް ތަރައްޤީކުރުމުގެ ޕްރޮޖެކްޓަށް ވަނީ 1.5 ބިލިއަން ޔޫރޯ ހޯދާފައެވެ.
ލަލީގާގެ އެންމެ ފަހުގެ ރަނަރަޕް، ރެއާލުން ފަށާ މެޗުގައި ރަށުން ބޭރުގައި އެތުލެޓިކް ބިލްބާއޯއާ ބައްދަލުކުރާއިރު އެތުލެޓިކޯ މެޑްރިޑުން ނިކުންނާނީ އަލަށް ޕްރޮމޯޓުވި ގްރަނާޑާއާ ދެކޮޅަށެވެ.
ރެއާލުން ވެސް މި ފަހަރުގެ ސީޒަނުގެ ކުރީކޮޅު ސްޓޭޑިއަމް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރުމަށް އޮތުމާއެކު ލީގުގެ ފުރަތަމަ މެޗަށްފަހު ދެން އޮތް އަލްމޭރިއާ އަދި ސެލްޓާ ވިގޯއާ ބައްދަލުކުރާ މެޗު ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ރަށުން ބޭރުގައެވެ. އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅޭ ފުރަތަމަ މެޗަކީ އަންނަ ސެޕްޓެންބަރު މަހުގެ 3 ވަނަ ދުވަހު ގެޓަފޭއާ ދެކޮޅަށް ކުޅޭ މެޗެވެ.
ރެއާލާއި އެތުލެޓިކޯ ބައްދަލުކުރާ ފުރަތަމަ 'މެޑްރިޑް ޑާބީ' އަންނަ ސެޕްޓެންބަރު މަހުގެ 24 ވަނަ ދުވަހު މެޓްރޮޕޮލިޓާނީޯގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި ދެ ޓީމު ބައްދަލުކުރާ ދެވަނަ މެޗު އޮތީ އަންނަ އަހަރުގެ ފެބުރުއަރީ 4 ގައި ބާނެބެއު ގައެވެ.
ލަލީގާގެ ފުރަތަމަ ހަފްތާގައި ކުޅޭ އިތުރު މެޗުތަކަށް ބަލާއިރު އަލަށް ޕްރޮމޯޓުވި ލަސް ޕަލްމާސް އަމިއްލަ ދަނޑުގައި މަޔޯކާއާ ބައްދަލުކުރާއިރު މި ފަހަރު އަލަށް ޕްރޮމޯޓުވި އަނެއް ޓީމު ކަމަށްވާ އަލަވޭސް އިން ރަށުން ބޭރުގައި ނިކުންނާނީ ކަޑިޒްއާ ދެކޮޅަށެވެ.
ލަލީގާގެ ފުރަތަމަ ހަފްތާގައި ކުޅުމަށް ހަމަޖެހިފައިވާ މެޗުތައް:
އަލްމޭރިއާ - ރަޔޯ ވަޔެކާނޯ
އެތުލެޓިކް ބިލްބާއޯ - ރެއާލް މެޑްރިޑް
އެތުލެޓިކޯ މެޑްރިޑް - ގްރަނާޑާ
ސެލްޓާ ވިގޯ - އޮސަސޫނާ
ސެވިއްޔާ - ވެލެންސިއާ
ލަސް ޕަލްމާސް - މަޔޯކާ
ގެޓަފޭ - ބާސެލޯނާ
ވިޔަރެއާލް - ރެއާލް ބެޓިސް
ރެއާލް ސޮސިއެޑާޑް - ޖިރޯނާ
ކަޑިޒް - އަލަވޭސް
