ކެންދޫ ކައުންސިލް ފުޓްބޯލް ޗެލެންޖް 2023 ގައި މިއަދު ކުޅެވުނު މެޗުގައި އެފް.ސީ ރައިވަލްސް އަތުން 9-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ގްލޯރިއަސް ވިކްޓްރީ މޮޅުވެއްޖެއެވެ.
މި ނަތީޖާއާއެކު ގްލޯރިއަސް ވިކްޓްރީ އިން ވަނީ ގްރޫޕް އޭގައި ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައި ހަމަޖެހިލާފައެވެ. ދެވަނައިގައި އޮތް ވިނާސް ބޯއީސް އަށް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ތިނެއްގައި އޮތް ބީ.އެލް.ޓީ އަށް ދެ މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ގްލޯރިއަސް ވިކްޓްރީގެ ގޯލުތައް ޖަހައިދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރ 30، ރަޝާދް އާއި ޖާޒީ ނަންބަރ 17، ޝާފިއު އަދި ޖާޒީ ނަންބަރ 8، ރައްޝާފް ގެ އިތުރުން ޖާޒި ނަންބަރ 2، ޝިމާން އެވެ. މި މެޗުގައި ރަޝާދް ވަނީ ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ. އަދި ޝާފިއު ވަނީ ހަތަރު ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި ރައްޝާފް ވަނީ ދެ ގޯލު ކާމިޔާބުކޮށްދީފައެވެ.

މިއަދުގެ މެޗުގައި ދެ ޓީމުގެ އެއްވެސް ކުޅުންތެރިއަކަށް ކާޑެއް ދައްކާފައެއް ނުވެއެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނީ ގްލޯރިއަސް ވިކްޓްރީގެ ޖާޒީ ނަންބަރ 17، ޝާފިއު ހަމީދެވެ.
މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހޭޅި އަތުން 6-2 އިން މޮޅުވެ، އެފް.ސީ ވެންގާޑް ވަނީ ގްރޫޕު ބީގެ ދެވަނަ މަގާމު ކަށަވަރުކޮށްފައެވެ. މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދީ ޑީ.އެސް.އާރް.ސީ އެވެ. ވެންގާޑް އާއި ޑީ.އެސް.އާރް.ސީ އަށް ވެސް ދެ މެޗުން ހަތަރު ޕޮއިންޓް ލިބިފައިވާއިރު ޑީ.އެސް.އާރް.ސީ އަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ވެންގާޑަށް ސެމީން ޖާގަ ލިބެން އޮތީ ގްރޫޕް އޭގެ ތިންވަނަ އަށް ދާ ޓީމު އަތުން މޮޅުވެގެންނެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

މުބާރާތުގެ ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުގައި މާދަމާ ހަވީރު ވިނާސް ބޯއީސް ނިކުންނާނީ ބީ.އެލް.ޓީއާ ދެކޮޅަށެވެ. މި މެޗުން މޮޅުވާ ޓީމަކަށް މުބާރާތުގެ ސެމީން ސީދާ ޖާގައެއް ކަށަވަރުވެގެންދާއިރު ގްރޫޕް އޭ ގެ ތިންވަނަ އަށް ދާ ޓީމެއް ޖެހޭނީ ގްރޫޕް ބީ ގެ ދެވަނަ ޓީމާ ދެކޮޅަށް މެޗެއް ކުޅޭށެވެ.
