ގިނަ އަހަރުތަކެއްގެ މަޝްވަރާ އަށް ފަހު ފީފާ އިން މިދިޔަ ޑިސެމްބަރު މަހު ފައިނަލް ކުރި 32 ޓީމު ކުޅޭ ކްލަބް ވޯލްޑް ކަޕްގެ އައު ފޯމެޓާއެކު ބާއްވާ ފުރަތަމަ މުބާރާތް 2025 ވަނަ އަހަރު އެމެރިކާގައި ހޯސްޓް ކުރުމަށް ދުނިޔޭގެ ފުޓްބޯޅައިގެ ގަވަނިން ބޮޑީ، ފީފާ އިން ނިންމައިފިއެވެ.
އެގޮތުން، 2025 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ 32 ޓީމު ކުޅޭ ފީފާ ކުލަބް ވޯލްޑް ކަޕްގެ އައު ފޯމެޓުގެ މުބާރާތުގެ ހޯސްޓެއްގެ ގޮތުގައި އެމެރިކާ އައްޔަންކުރީ އިއްޔެ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ބޭއްވި ބައްދަލުވުމެއްގައި ފީފާ ކައުންސިލްގެ އިއްތިފާޤުންނެވެ.
އަދި މި ނިންމުމަކީ، އުތުރު އެމެރިކާ ބައްރުގައި ބާއްވާ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ކުރިން، އެ ސަރަހައްދުގެ ގައުމުތައް ކަމަށްވާ އެމެރިކާ، މެކްސިކޯ އަދި ކެނެޑާ ގެ މެދުގައި އެ ކުޅިވަރުގެ މަޤްބޫލްކަން އިތުރުކުރުމަށް ކުރެވިގެންދިޔަ ރަނގަޅު މަސައްކަތެއް ކަމަށް ވެސް ފީފާ އިން ބުނެއެވެ.
ފީފާ ކުލަބް ވޯލްޑް ކަޕްގެ މިހާރު ކުޅެމުންދާ ފޯމެޓުގައި ހަތް ޓީމެއް ހިމެނޭއިރު، ކޮންމެ ބައްރެއްގެ ޗެމްޕިއަނުންނާއި ހޯސްޓް ކުރާ ގައުމުގެ ޗެމްޕިއަން ޓީމު ވާދަކުރެއެވެ. މި އަހަރުގެ ކުރީކޮޅު ބޭއްވުނު މި ފަހަރގެ މުބާރާތުގައި، މޮރޮކޯގައި ރެއާލް މެޑްރިޑުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ.
“ދުނިޔޭގެ މަތީ ފެންވަރުގެ ބައެއް ކްލަބުތައް މިހާރު ކޮލިފައިވެފައިވާއިރު، ކޮންމެ ބައްރެއްގެ ސަޕޯޓަރުން ވެސް ދެ އަހަރު ފަހުން ޝައުގުވެރިކަމާއެކު އެ މީހުންގެ ފުޓްބޯޅަ އަށް އޮތް ލޯތްބާއި، އެނާޖީ އެމެރިކާ އަށް ގެނެސްދޭނެ، މިއީ ފުޓްބޯޅަ އަކީ މުޅި ދުނިޔޭގައި މަގްބޫލް ކުޅިވަރެއްގެ ގޮތުގައި ހެދުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާސިލްކުރެވިގެންދާނެ ލަނޑުދަނޑިއެއް." ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވިއެވެ.
ކުރިއަށް އޮތް މުބާރާތުގެ 32 ޖާގައިގެ ތެރެއިން 12 ޖާގަ ޔޫރަޕަށް ދީފައިވާއިރު، އޭގެ ތެރެއިން ހަތަރު ޖާގަ އަކީ 2025 ވަނަ އަހަރަށް ކުރިމަތިލާއިރު އެންމެ ފަހުގެ ހަތަރު އަހަރުގެ ތެރެއިން ކޮންމެ އަހަރެއްގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރާ ޓީމުތަކަށް ދޭން ނިންމާފައިވާ ޖާގަ އެވެ.
އެގޮތުން، މިހާތަނަށްއައިއިރު ޗެލްސީ، ރެއާލް އަދި މެންޗެސްޓާ ސިޓީން ވަނީ ފާއިތުވި ސީޒަންތަކުގައި ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، އާ މުބާރާތުގެ ޖާގަތައް ކަށަވަރުކޮށްފަ އެވެ.
ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު ބާއްވާ މި މުބާރާތުގައި 2025 ވަނަ އަހަރުން ފެށިގެން ބައިނަލްއަގްވާމީ މެޗުތަކުގެ ކަލަންޑަރަށް ބަދަލު ގެނެސް ސެޕްޓެމްބަރު މަހުގެ ފަހުކޮޅު އަދި އޮކްޓޯބަރު މަހުގެ ކުރީކޮޅު އިތުރު ބްރޭކެއް ދޭން ވަނީ ނިންމާފައެވެ.
2025 ވަނަ އަހަރުގެ ފީފާ ކުލަބް ވޯލްޑް ކަޕްގެ ޖާގަތައް ދިނުމަށް ހަމަޖެހިފައިވާ ގޮތް:
-ޔުއެފާ (ޔޫރަޕްގެ ބައްރަށް ނިސްބަތްވާ ކުލަބުތަކަށް) - 12 ޖާގަ
މީގެތެރެއިން 4 ޖާގަ ދެނީ އެންމެ ފަހުގެ ހަތަރު އަހަރުގެ ޔުއެފާ ޗެމްޕިއަންސް ލީގު ޗެމްޕިއަނުންނަށް.
އަނެއް 8 ޖާގަ ދެނީ މިދިޔަ ހަތަރު އަހަރުގެ ޔުއެފާގެ ކުލަބް ރޭންކިންގ އަށް ބަލާފައި ދޭ ޖާގަ.
މިހާތަނަށް ކޮލިފައިވީ ޓީމުތައް: ޗެލްސީ، ރެއާލް މެޑްރިޑް، މެންޗެސްޓާ ސިޓީ
-ކޮންމެބޯލް (ދެކުނު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ކުލަބުތަކަށް) - 6 ޖާގަ
މީގެތެރެއިން 4 ޖާގަ ދެނީ އެންމެ ފަހުގެ ހަތަރު އަހަރުގެ ކޮޕާ ލިބަޓާޑޮރެސްގެ ޗެމްޕިއަނުންނަށް.
މިހާތަނަށް ކޮލިފައިވީ ޓީމުތައް: ޕަލްމެއިރާސް، ފްލެމެންގޯ
އަނެއް 2 ޖާގަ އަކީ މިދިޔަ ހަތަރު އަހަރުގެ އެ ސަރަހައްދުގެ ކުލަބް ރޭންކިންގ އަށް ބަލާފައި ދޭ ޖާގަ.
-ކޮންކާކަފް (އުތުރު އެމެރިކާ ސަރަހައްދަށް ނިސްބަތްވާ ކުލަބުތަކަށް) - 4 ޖާގަ
މި 4 ޖާގަ ދެނީ މިދިޔަ ހަތަރު އަހަރުގެ ކޮންކާކަފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަށް.
މިހާތަނަށް ކޮލިފައިވީ ޓިމުތައް: މޮންޓެރޭ، ސިއޭޓަލް ސައުންޑާސް، ލެއޯން
-އޭއެފްސީ (އޭޝިއާ ބައްރަށް ނިސްބަތްވާ ކުލަބުތަކަށް) - 4 ޖާގަ
މި ހަތަރު ޖާގަ ދެނީ މިދިޔަ ހަތަރު އަހަރުގެ އޭއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަށް.
މިހާތަނަށް ކޮލިފައިވީ ޓިމުތައް: އަލް ހިލާލް، އުރަވާ ރެޑް ޑައިމަންޑްސް
-ސީއޭއެފް (އެފްރިކާ ބައްރަށް ނިސްބަތްވާ ކުލަބުތަކަށް) - 4 ޖާގަ
މި 4 ޖާގަ ދެނީ މިދިޔަ ހަތަރު އަހަރުގެ ސީއޭއެފް ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންނަށް.
މިހާތަނަށް ކޮލިފައިވީ ޓިމުތައް: އަލް އަހްލީ، ވައިދާދް އެފްސީ
-އޯއެފްސީ (އޯޝެނިއާ ސަރަހައްދުގެ ކުލަބުތަކަށް) - 1 ޖާގަ
މި ޖާގަ ދެނީ މިދިޔަ ހަތަރު އަހަރުގެ އޯއެފްސީ ޗެމްޕިއަންސް ލީގުގެ ޗެމްޕިއަނުންގެ ތެރެއިން އެންމެ މަތީ ރޭންކިންގައި އޮތް ކްލަބަށް.
