މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި މިއަދު ކުޅުނު މެޗުގައި ބަންގްލަދޭޝް އިން ފަހަތުންއަރައި 3-1 އިން ރާއްޖެ ބަލިކޮށްފިއެވެ.
މިއީ ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި ސާފް ޗެމްޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ ފަހަރެވެ. ސާފް ޗެމްޕިއަންޝިޕްގެ ތާޜީޚުގައި ރާއްޖެ އަތުން ބަންގްލަދޭޝް އެންމެ ފަހުން މޮޅުވީ 2003 ވަނަ އަހަރު އެ ގައުމުގައި ބޭއްވި މުބާރާތުގެ ފައިނަލްގައި ޕެނަލްޓީ ޖަހައިގެންނެވެ.
މި މެޗުން ހޯދީ މޮޅާއެކު ބަންގްލަދޭޝް އިން ވަނީ ސެމީ ފައިނަލަށް ދަތުރުކުރުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެ ޓީމަށް މިހާތަނަށް ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ބާކީ އޮތީ ބޫޓާނާ ދެކޮޅަށް ކުޅޭ މެޗެވެ. ރާއްޖެ އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު ފަހު މެޗުގައި ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.
ރާއްޖޭން މިއަދުގެ މެޗަށް ނިކުތީ އެންމެ ފަހުން ބޫޓާނާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ އެގާރަ އަށް ދެ ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، އެ މެޗުގެ ފުރަތަމަ އެގާރައިގައި ހިމެނުނު އިބްރާހިމް ވަހީދު ހަސަން (އިއްބެ) އާއި އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ގެ ބަދަލުގައި އަލީ ފާސިރު (ސެންޓޭ) އާއި ނާއިޒް ހަސަން (ދާދު) އަށް ފުރަތަމަ އެގާރައިން ފުރުޞަތުދީފައިވެއެވެ.
ބެންގަލޫރުގެ ސްރީ ކަންޓިރާވާ ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މި މެޗުގައި ރާއްޖޭން ލީޑްނެގީ 11 ވަނަ މިނެޓުގައި ހަމްޒާ މުޙައްމަދު ކާމިޔާބުކުރި ގޯލުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ސެންޓޭ ދިން ބޯޅައަކުން ހަމްޕު ކާމިޔާބުކުރި ގޯލެކެވެ. މިއީ މި ފަހަރުގެ މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ.
ފުރަތަމަ ހާފު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް ބަންގްލަދޭޝް އިން އެއްވަރުކުރީ ރަކީބް ހުސެއިން ވައްދާލި ލަނޑުންނެވެ. މިއީ އެ ޓީމުގެ ޑިފެންޑަރު، ޓޯޕޫ ބަރްމަން ބޮލުން ޖައްސާލި ޕާހެއް ބޮލުން ގޯލްގެ ތެރެެއަށް ފޮނުވާލައިގެން ރަކީބް ކާމިޔާބުކުރި ގޯލެކެވެ.
ބަންގްލަދޭޝް އިން މި މެޗުގެ ފުރަތަމަ ފަހަރަށް ލީޑްނެގީ 67 ވަނަ މިނެޓުގައި ތާރިގް ކާޒީ ކާމިޔާބުކުރި ގޯލުންނެވެ. މިއީ ރާއްޖޭގެ ގޯލްކީޕަރު ހުސެއިން ޝަރީފް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި ތާރިގް ކާމިޔާބުކުރި ގޯލެކެވެ.
އިތުރުވަގުތުގައި ބަންގްލަދޭޝްގެ ތިންވަނަ ލަނޑުޖަހައިދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ޝޭހް މޮރްސަލީން އެވެ. އޭގެފަހުން، ރާއްޖެ އަށް ލަނޑެއްޖަހައިދޭން ހަމްޕު އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދަނޑިއަށެވެ.
މި މުބާރާތުގައި ރާއްޖެ ދެން ކުޅޭ މެޗުގައި އަންނަ ބުދަ ދުވަހު ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މެންދުރު 3 ޖަހާއިރު އެވެ. ހަމަ އެ ދުވަހުގެ ރޭގަނޑު 7 ޖަހާއިރު ބަންގްލަދޭޝް ނިކުންނާނީ ބޫޓާނާ ދެކޮޅަށެވެ.
