މިހާރު ކުރިއަށްދާ ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ސެމީފައިނަލްގެ ފުރަތަމަ މެޗުގައި ޑީ.އެސް.އާރު.ސީ ބަލިކޮށް ވިނާސް ބޯއީސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ. މި މެޗުން ވިނާސް ބޯއީސް މޮޅުވީ 3-1 އިންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗު ފެށިގެން މާ ގިނަ އިރުތަކެއް ނުވަނީސް ދެ ޓީމުގެވެސް އުންމީދީ ދެ ޑިފެންޑަރުން ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ. ނަމަވެސް ބަދަލުގައި އެރި ކުޅުންތެރިންގެ ފަރާތުންވެސް ވަނީ ރަނގަޅު ކުޅުމެއް ފެނިގެންގޮސްފައިވެއެވެ.
މި މެޗުގައި ވިނާސް ބޯއީސް ގެ ފުރަތަމަ ގޯލު ކާމިޔާބު ކޮށްދިނީ އެޓީމުގެ ޖާޒީ ނަންބަރ 7، އަލީ ނަސީމެވެ. އަލީ ނަސީމް މި ގޯލު ކާމިޔާބު ކޮށްދިނީ ލިބުނު ޕެނަލްޓީއަކުންނެވެ. އެ ޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދިނީ ޖާޒީ ނަންބަރ 14، މުނާދް މުހްތާރެވެ. އަދި އެޓީމުގެ ތިންވަނަ ލަނޑުވެސް ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިން އަލީ ނަސީމެވެ.

މި މެޗުގައި ޑީ.އެސް.އާރު.ސީ އިން ކާމިޔާބުކޮށްދިން ހަމައެކަނި ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 10، އުނައިޝް ޒުބައިރު (އުނޭ) އެވެ.
މި މެޗުގައި ވިނާސް ބޯއީސް ގެ ދެ ކުޅުންތެރިއަކަށް ރީނދޫ ކާޑު ދައްކާފައިވާ އިރު، ޑީ.އެސް.އާރު.ސީ ގެ ކުޅުންތެރިއަކަށާއި އަދި އޮފިޝަލަކަށް ވަނީ ރީނދޫ ކާޑު ދައްކާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައި ވަނީ ވިނާސް ބޯއީސް އަށް މި މެޗުގައި ދެ ގޯލު ކާމިޔާބުކޮށްދިން، އެ ޓީމުގެ ޖާޒީ ނަންބަރ 7، އަލީ ނަސީމެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި މާދަމާ ހަވީރު ގްލޯރިއަސް ވިކްޓްރީ ނިކުންނާނީ އެފް.ސީ ވެންގާޑްއާ ދެކޮޅަށެވެ.
