މާތް ﷲ ގެ އަމުރުފުޅަށް އިބްރާހީމް عَلَيْهِ السَّلاَم ކަޢުބާ ބިނާކުރައްވައި ނިންމެވުމާ އެކު، އެކަލޭގެފާނަށް އަމުރުވެވުނީ، އެ ގެފުޅަށް އައިސް ޙައްޖުވުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. މާތް ﷲ ވަހީކުރައްވައިފައި ވެއެވެ. وَأَذِّن فِى ٱلنَّاسِ بِٱلْحَجِّ يَأْتُوكَ رِجَالًۭا وَعَلَىٰ كُلِّ ضَامِرٍۢ يَأْتِينَ مِن كُلِّ فَجٍّ عَمِيقٍۢ {الحج: ٢٧} މާނައީ: "އަދި ކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް އައުމަށް ގޮވައިލައްވާށެވެ! އޭރުން ފައިމަގުގައްޔާއި، އަނަރޫފަ ޖަމަލު މަތީގައި، ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ."
މި އާޔަތުގައި މާތް ﷲ އެ އަންގަވަނީ ޙައްޖަށް އައުމަށް މީސްތަކުންނަށް ގޮވައިލެއްވުމަށެވެ. ބޭނުން ކުރައްވައިފައި އޮތް ލަފުޒަކީ "النَّاسِ" އެވެ. އޭގެ މާނައަކީ " ހުރިހާ އިންސާނުންނެވެ." އަދި އެފަދައިން ގޮވައިލެއްވުމުން އޭގެ ނަތީޖާ ފެންނާނީ ކިހިނެތްކަން ވެސް މި އާޔަތުގައި އަންގަވައެވެ. އެއީ ފައިމަގުގައްޔާއި އަނަރޫފަ ޖަމަލުތަކުގައި މީސްތަކުން އެ ކަޢުބާ އަށް ޒިޔާރަތް ކުރާނެ ކަމެވެ.
މި ގޮވައިލެއްވުމަކީ ހަމައެކަނި މައްކާ އާއި މައްކާ ވަށައިގެންވާ ޢަރަބި ކަރައިގެ ރަށްރަށުން އިޖާބަ ދޭނެ ދަޢުވަތެއް ނޫންކަން ވެސް އެނގެއެވެ. އެއާ ޚިލާފަށް "ދުރުތަންތަނުން އެއުރެން ކަލޭގެފާނުގެ އަރިހަށް އަންނާނެތެވެ." އާޔަތުގައި އޮތުމުން އެނގޭ ކަމަކީ އެ ގޮވައިލެއްވުމުގައި ހިމެނޭ ދަޢުވަތަށް މުޅި ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން އިޖާބަދޭނެ ކަމެވެ. ދުނިޔޭގެ ހުރިހާ ކަންކޮޅުތަކަކުން އިޖާބަދޭނެ ކަމެވެ. ދުނިޔޭގެ ހުރިހާ ޤައުމަކުން މިއަދު މި ގޮވައިލުމަށް އިޖާބަދެއެވެ.
ތަފްޞީރު ޢިލްމުވެރިން ވިދާޅުވެލައްވާ ގޮތުގައި މާތް ﷲ މި އަމުރުފުޅު ކުރެއްވުމުން އެކަމުގެ ޙައިރާންކަން އިބްރާހީމް عَلَيْهِ السَّلاَم އަށް ލިބިވަޑައިގެންނެވިއެވެ. އަދި "ތިމަންކަލޭގެފާނުގެ އަޑުފުޅު ހުރިހާ މީހުންނަށް އިއްވާނެގޮތެއް އެނގިވަޑައިނުގަންނަވާ ކަމުގައި" ވިދާޅުވިއެވެ. އޭގެ ޖަވާބުގައި މާތް ﷲ އެކަލޭގެފާނަށް އެންގެވީ "ކަލޭގެފާނަށް އޮތީ މީސްތަކުންނަށް ގޮވައިލެއްވުމެވެ. އެ މީހުންނާ ހަމައަށް ފޯރުކޮށްދިނުން އެއީ ތިމަން އިލާހުގެ ކަމެކެވެ." މިފަދައިންނެވެ. ދެން އިބްރާހީމް عَلَيْهِ السَّلاَمُ އެކަމަށް ގޮވައިލެއްވިއެވެ. "އޭ މީސްތަކުންނޭވެ! އަޅުކަންކުރާނޭ ގެއެއް ތިޔަބައިމީހުންނަށްޓަކައި މާތް ﷲ މި ވަނީ ލައްވައިފައެވެ. މި ގެފުޅަށް އައިސް ޙައްޖުވާށެވެ!"
މި ވާހަކަތައް ގެންނަވަމުން އިބުނު ކަޘީރު އެކަލޭގެފާނުގެ ތަފްސީރުގައި ލިޔުއްވާފައި ވެއެވެ. "އިބްރާހީމް عَلَيْهِ السَّلاَمُ މި ނިދާ އިއްވެވި ހިނދު ފަރުބަދަތައް ތިރިއަށް ޖެހުނެވެ. އަދި އެކަލޭގެފާނު މީސްތަކުންނަށް ޙައްޖަށް ގޮވައިލެއްވި އަޑުފުޅު މުޅި ދުނިޔޭގެ ހުރިހާ ބިތަކަށް ފޯރިއެވެ. އަދި މައިންގެ ބަނޑުގައި ގަރުވަ ގަންނާނޭހާ ބަޔަކަށާއި ބަފައިންގެ ހަށިތަކުން ނުނިކުމެ ތިބި އެންމެންނާ ހަމައަށް ވެސް މިނިދާގެ އަޑުފުޅު ފޯރިއެވެ. އަދި އެ ގޮވައިލެއްވުމުގެ އަޑުފުޅު ފޯރި ގައުގަލާއި ރަށްރަށާއި ގަސްގަހާގެހި ވެސް އިޖާބަދިނެވެ. އަދި ގެފުޅަށް ޒިޔާރަތް ކުރުމުގެ ތައުފީޤު އެބަޔަކަށް ލިޔުއްވާފައިވާ އެންމެން "لَبَّيْكَ ٱللَّهُمَّ لَبَّيْكَ" އެވެ ކިޔައި އިޖާބަދިނެވެ." އ.ހ.
(ޙައްޖަށް ގޮވައިލެއްވުން - އައްޝެއިޚް މުޙައްމަދު އަފްޟަލް؛ ދީނުގެ މަގު، އަހަރު 3، އަދަދު 25، ޞ.1 - 16 ޖޫން 2023)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން