މިހާރު ކުރިއަށްދާ ކެންދޫ ފުޓްބޯލް ޗެލެންޖް 2023 ގެ ސެމީފައިނަލްގެ ދެވަނަ މެޗުގައި އެފް.ސީ ވެންގާޑުގެ މައްޗަށް ގްލޯރިއަސް ވިކްޓްރީ ކުރި ހޯދައި ފައިނަލްގެ ފަހު ޖާގަ ކަށަވަރުކޮށްފިއެވެ. ޕެނަލްޓީ ޖަހައިގެން ނަތީޖާ ނެރުނު މި މެޗުގައި ގްލޯރިއަސް ވިކްޓްރީ އިން ވަނީ 3 ޕެނަލްޓީ ކާމިޔާބު ކޮށްދީފައެވެ. އެފް.ސީ ވެންގާޑަށް ކާމިޔާބު ކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ.
މި މެޗްގެ 90 މިނެޓު ކުޅެވިގެން ދިޔައިރުވެސް، ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން ނަތީޖާ ނެރުމަށްޓަކައި، މުބާރާތުގެ ގަވާއިދު ބުނާގޮތުން އިތުރުވަގުތު ކުޅުމަކާއި ނުލާ ޕެނަލްޓީ ޖެހުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ގްލޯރިއަސް ވިކްޓްރީގެ ޕެނަލްޓީތައް ކާމިޔާބު ކޮށްދީފައިވަނީ އެ ޓީމުގެ ޖާޒީ ނަންބަރ 8، ރައްޝާފް އަދި ޖާޒީ ނަންބަރ 5، ރައްޒާން ގެ އިތުރުން ޖާޒީ ނަންބަރ 21، އިޔާދު އެވެ. ގްލޯރިއަސް ވިކްޓްރީގެ ގޯލް ކީޕަރ، ޖުނާދު ވަނީ ދެ ޕެނަލްޓީ މަތަކޮށްފައެވެ.

މި މެޗުގައި ޖެހި ޕެނަލްޓީތަކުގެ ތެރެއިން އެފް.ސީ ވެންގާާޑުން ކާމިޔާބު ކުރި ހަމައެކަނި ޕެނަލްޓީ ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖާޒީ ނަންބަރ 4، ޝިޔާމް އެވެ. އެފް.ސީ ވެންގާޑުގެ ގޯލް ކީޕަރ، މައުމޫރުވެސް ވަނީ އެއް ޕެނަލްޓީ މަތަކޮށްފައެވެ.
މި ނަތީޖާ އާއެކު ގްލޯރިއަސް ވިކްޓީ ފައިނަލްގެ ފަހު ޖާގަ ކަށަވަރު ކޮށްފައިވާ އިރު، ގްލޯރިއަސް ވިކްޓްރީ ފައިނަލުގައި ނުކުންނާނީ ވިނާސްބޯއީސްއާ ދެކޮޅަށެވެ. މި މުބާރާތުގެ ފައިނަލް މެޗުގެ ކުޅުން އޮންނާނީ މި މަހުގެ 29 ވާ ބުރާސްފަތި ދުވަހުގެ ހަވީރެވެ.
މިފަހަރުގެ ކެންދޫ ފުޓްބޯލް ޗެލެންޖްގެ މެއިން ސްޕޮންސަރަކީ ސްޓެލްކޯ އެވެ. ކޯ ސްޕޮންސަރުންނަކީ އުރީދޫ، ދިރާގު، ނަޔަމް ޓްރޭޑިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް، ދޯނި މޯލްޑިވްސް ގެސްޓްހައުސް އަދި އެމްދާއިރާ އިންވެސްޓްމެންޓް އެވެ.

މުބާރާތުގެ ކޯ ޕާޓްނަރުންނަކީ މުރާދު ކާޕެންޓްރީ، ތްރީޒެޑްއެމް ކޮންސްޓްރަކްޝަން އާއި ދިގުފަރު އައިލެންޑް ރިޒޯޓް އަދި މެޓަލް ސައިންސް އެވެ. މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ތީރު މީޑިއާ އެވެ. އަދި އިވެންޓް ޕާޓްނަރުންނަކީ ކެފޭ މީ، ހައިމެކްސް، ބަބުޅާ، ތަލަބަތް އަލް ނޫރު ފައުންޑޭޝަން، ކެންދޫ ޒުވާނުންގެ ގުޅުން އަދި ސްޕޯޓްސް އެންޑް އެންވަޔަރަމެންޓަލް އެފަޓްސް އޮފް ކެންދޫ އެވެ. މި މުބާރާތުގެ ޓްރެވަލް ޕާޓްނަރަކީ ނަޔާ ފެރީ ސާވިސް އެވެ.
މި މުބާރާތުގައި މާދަމާ އޮންނާނީ ތިންވަނަ ހޮވާ މެޗެވެ. އެ މެޗުގައި ބައްދަލުކުރާނީ ސެމީފައިނަލްގެ ދެ މެޗުން ބަލިވި ދެ ޓީމު ކަމަށްވާ ޑީ.އެސް.އާރު.ސީއާ އެފް.ސީ ވެންގާޑް އެވެ.
