ތޮއްޖެހުން ބޮޑުވެ ގެދޮރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައިވާ މާލޭގައި އެތައް ބަޔަކު ދަތި ހާލުގައި ދިރިއުޅެމުން ދާއިރު މިކަމުން މާލޭ ރަށްވެހިން އިސްތިސްނާ ނުވެއެވެ. ބޮޑު ކުލި ދައްކައިގެން މީސް މީހުންގެ ގެދޮރުގައި، އަދި ނުވިތާކަށް އަމިއްލަ އާއިލާގެ ގެދޮރުގައި ކުލި ދައްކައިގެން އުޅޭ މާލޭ މީހުން މަދެއް ނޫނެވެ. މުޅި މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ އެންމެންނެކޭ އެއްފަދައިން ގިނަ މާލޭ ރަށްވެހިން ތަހައްމަލު ކުރަނީ ތަފާތެއް ނެތިއެވެ.
މިއީ މާލޭ ރަށްވެހިންނަށް ހާއްސަކޮށް ހަރުދަނާ ބޯހިޔާވަހިކަމުގެ ސިޔާސަތެއް އެކުލަވާލެވިފައި ނުވާތާ އެތައް އަހަރުތަކެއް ވުމުގެ ނަތީޖާ ކަމަށްވެސް ވެދާނެއެވެ. މާލެއަށް އުފަން ބައެއް މީހުން ހާމަކުރާ ގޮތުގައި ގޮދޮރުވެރިކަމުގެ ރަނގަޅު ސިޔާސަތެއް އެކުލަވާ ނުލާތާ ތިރީސް އެތައް އަހަރެއް ވެގެން ގޮސްފައިވާއިރު، އެ އާއިލާތަކަށްވެސްވަނީ މީހުން އިތުރުވެ ބޮޑުވެގެން ގޮސްފައެވެ. ގިނަ ބަފައިންނަށް އެތައް ބަނޑަކަށް އެތައް ދަރިންނެއް ލިބިފައިވީއިރު އެ ބަފައިންގެ މިލްކުގައިވާ ކުދި ގެދޮރުތައް އެގޮތް މިގޮތަށް 'ނޭވާ ނުލެވޭ ވަރަށް' ވަނީ ބަހާ ހުސްވެފައެވެ. ގިނަ މީހުން ގެދޮރު މަރާމާތުކޮށް ކޮޅަށް ޖަހާފައިވަނީ ކިރިޔާ އުމުރު ދުވަހު މަހުން މަހަށް ލޯނު ދައްކައި ނިންމޭ ހާލުގައެވެ. އަދި އެ ލޯނު އާއިލާގައި ދެން ތިބި މީހުންގެ ބޮލުގައިވެސް އެޅޭ ހާލުގައެވެ. ވުމާއެކު އަމިއްލަ ގޭގައި 'ކުލި' ދައްކައިގެން އުޅޭ މާލޭ މީހުންވެސް މަދެއް ނޫނެވެެ.
ބޯހިޔާވަހިކަމުގެ މައްސަލައަކީ މާލޭގައި ދިރިއުޅޭ އެންމެނަށް ދިމާވެފައިވާ މައްސަލައަކަށް ވީހިނދު މި ފުރުޞަތުގައ މާލޭ ރަށްވެހިންގެ ވާހަކަ ވަކިން ދައްކަން ޖެހެނީ ސަބަބައެއް ނެތިއެއް ނޫނެވެ. ރާއްޖޭގެ އެހެން ރަށްރަށުގެ ރައްޔިތުންނަށް ގޯތި ހައްގުވާ ފަދައިން މާލޭ ރައްޔިތުންނަށް އަމިއްލަ ރަށުން ގޯތި ނުލިބެންވީ ކީއްވެކަމާމެދު ގިނަ ބަޔަކު އަބަދުވެސް ސުވާލު އުފައްދައެވެ. ނުވަތަ ހައުސިން ޔުނިޓުތަކަށް ވަކި ކެޓަގަރީތައް ހަދައި އެއިން ބައެއް ތަފާތު ވަޒީފާތަކުގައި އުޅޭ މީހުންނަށް ހާއްސަކުރާއިރު، އަމިއްލަ ރަށް ކަމުގައިވާ މާލޭގައި ދަތި ހާލުގައި ދިރިއުޅޭ މީހުންނަށް އެއިން ކުޑަވެސް ވަރެއް ހާއްސަ ނުކުރާކަމީ ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.
ނަމަވެސް މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަކީ އެވެނި މިވެނި ބަޔަކަށް ދިނުން މާ ހައްގުކަން ބޮޑޭ ބުނެ ނިންމާލެވޭ ވަރަށްވުރެ ބޮޑު އަދި ސީރިއަސް މައްސަލައެކެވެ. ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ވޭތުވެދިޔަ އެތައް ސަރުކާރެއްގެ އެއްފަސް ކުރުމުގެ ސިޔާސަތުތަގެ ސަބަބުން ލައްކައަކަށްވުރެ ގިނަ ދިވެހި ރައްޔިތުން މާލެއަށް ތޮއްޖެހެންވަނީ މަޖުބޫރު ވެފައެވެ. ބޭސްފަރުވާއަށާއި ތައުލީމު އުނގެނުމަށެވެ. އަމިއްލަ ރަށުގައި ހުރި ގެދޮރު ފަޅުކޮށް މާލޭގައި އުޅެން މަޖުބޫރު ވެފައިވަނީ އާމްދަނީ ހޯދުމުގެ ފުރުސަތުތައްވެސް ހުރީ ހަމަ މި މާލޭގައި ކަމަށް ވާތީއެވެ. ވުމާއެކު ބިންވެރިޔާ ސްކީމްގެ ދަށުން މާލޭ ރައްޔިތުންނަށް ހިލޭ ގޯތި ދިނުމަށް މި ސަރުކާރުން ނިންމާފައިވާ ނިންމުމަށް ތައުރީފު އޮހޭ ހިނދު އެކި ގޮތްގޮތުން ފާޑުކިޔުންވެސް ދަނީ އަމާޒުވަމުންނެވެ.
އެއްގޮތަކުން ބަލާނަމަ މިފަދައިން ހިލޭ ގޯތި ދިނުމަކީ މާލޭ ރައްޔިތުންނަށް ޒަމާނުއްސުރެ ފެންމަތިވެފައިވާ ބޯހިޔާވަހިކަމަށް އޮތް ކޮންމެވެސް ވަރެއްގެ ހައްލެއްކަމުގައި ވެދާނެއެވެ. ގޯތި ވިއްކުމުގެ ބަދަލުގައި ހިލޭ ދިނުމުގެ އެއް ފައިދާއަކީ މަހުޖަނުން މި ބިންތަކަށް ވެރިވެގަތުން ދުރުކޮށް ނިކަމެތި ރައްޔިތުންނަށް އެ ފޯރުކޮށްދިނުމެވެ. އެހެންނަމަވެސް ގޯތި ލިބިފައިވާ ފަރާތްތަކުގެ ވަގުތީ ލިސްޓު އާންމުކުރުމުން އާންމުން ސުވާލު އުފައްދާފައިވަނީ ހަގީގަތުގައިވެސް ގޯތި ލިބުނީ އެންމެ ނިކަމެތި ރައްޔިތުންނަށްތޯ ކަމުގައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ ރިޔާސީ އިންތިޚާބަށް ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށް މި ބިންތައް ބަހާލާފައި ވަނީ އޭގެ އެންމެ ހައްގުވެރިންނަށް ބެލުމެއް ނެތި ކަމަށެވެ.
ދެން އުފެދޭ ސުވާލަކީ މާލޭ ރައްޔިތުންނަށް، އަދި މުޅި މާލެއަށްވެސް ދިމާވެފައިވާ ބޯހިޔާވަހިކަން ހައްލުކުރުމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ހަގީގަތުގައިވެސް މާލެ ސަރަހައްދު އިތުރަށް ހިއްކައި ގޯތި ދިނުންތޯތެއެވެ؟ އޭގެ ސަބަބުން ނިކުމެދާނެ އިޖުތިމާއީ މައްސަލަތަކަށް ރިއާޔަތްކުރުން މުހިންމެވެ. މުޅި ރާއްޖޭގެ ގެދޮރުވެރިކަމުގެ މައި ނާރަކީ މާލެ ސަރަހައްދު ކަމުގައި ބަލައިގެން އުޅެން ވެއްޖެނަމަ އަނެއްކާވެސް މާލެ ސަރަހައްދަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލަ މިގޮތަށް އާބާދުކުރާ ސަރަހައްދުތަކަށް ދިމާވުން ދާދި ގާތެވެ. މުހިންމީ ލާމަރުކަޒީ ސިޔާސަތު އަމަލުން ދައްކާ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މާލެއެކޭ އެއްގޮތަށް ފަހި ފުރުސަތުތައް ހޯދައިދީ އެ ސަރަހައްދުތައް އާބާދުކުރުމެވެ.
