ދުބާއީގެ އެއަރލައިން އެމިރޭޓްސްއިން އެ އެއަރލައިންގެ ޙިދުމަތަށް ފާއިތުވި 30 އަހަރުގައި ފުރަތަމަ ފަހަރަށް ގެއްލުންވެއްޖެ ކަމަށް މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

މެދުއިރުމަތީގެ އެންމެ ބޮޑު އެއަރލައިނަށް ކޮރޯނާ ވައިރަސްގެ ސަބަބުން އައި ފުރަބަންދުތަކާއި ގުޅިގެން ދަތުރުފަތުރަށް އައި ހީނަރުކަމުގައި ފާއިތުވި ހަމަސްދުވަހުގެ ތެރޭގައި 3.4 ބިލިޔަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އެމިރޭޓްސް ކުންފުނީގެ ޗެއާރމަން އަދި ޗީފް އެކްޒެކެޓިވެ ޝެއިޚް އަޙްމަދު ބިން ސަޢީދު އަލް މަޚްތޫމް ވިދާޅުވި ގޮތުގައި މިޙާލަތަކީ ދަތުރުފަތުރުގެ ނިޒާމަށް ހީވެސް ނުކުރާހާ ބޮޑެތި ގެއްލުންވި ޙާލަތެއް ކަމަށެވެ. އަދި އެއްވެސް މީހަކަށް ތަޤުދީރުގައި ކަންކަންވާނެ ގޮތެއް ބުނަން ނޭނގޭނެ ކަމަށާއި ކޮވިޑް-19 އަށް ވެކްސިނެއް ހޯދުނުހާ އަވަހަކަށް މިއަޑިގަޑުން އަރައިގަންނަން މަސައްކަތްކުރާނެ ކަމަށެވެ.

މިއަހަރު ކުރީކޮޅުގައި އެމިރޭޓްސް އެއަރލައިން ވަގުތީގޮތުން ސަސްޕެންޑްކުރުމާއި ގުޅިގެން މިއަހަރު މިހާތަނަށް ކުންފުނީގެ ފައިދާ 75 އިންސައްތަ ދަށަށްގޮސް 3.2 ބިލިޔަން ޑޮލަރުގެ ގެއްލުންވަނީ ވެފައެވެ. މިއަހަރުގެ ސެޕްޓެމްބަރު މަހާއި ހަމައަށް އެއަރލައިންއިން އުފުލާފައިވަނީ 1.5މިލިޔަން ދަތުރުވެރިންނެވެ. އަދި މިއަދަދަކީ މިދިޔަ އަހަރުގެ މިދުވަސްކޮޅާއި އަޅާބަލާއިރު 95 އިންސައްތަ ދަށް އަދަދެކެވެ. ބުރާސްފަތި ދުވަހުގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި އެކުންފުނީގެ މުވައްޒަފުންގެ އަދަދުވެސް ސެޕްޓެމްބަރުމަހާއި ހަމަޔަށް 24 އިންސައްތަ މަދުވެފައިވާ ކަމަށެވެ. ކޮވިޑް-19 ފެތުރުމުގެ ކުރިން އެކުންފުނީގެ މުވައްޒަފުންގެ އަދަދު 90،000 އާއި ގާތްކުރާނެއެވެ. އެއީ 4،300 ޕައިލެޓުންނާއި، 22،000 ކެބިން ކްރޫއިންނާއި އަދި 60،000 އެހެނިހެން މުވައްޒަފުންނެވެ. ނަމަވެސް މިއަހަރު މިއަދަދު ވަނީ 81،334 އަކަށް ދަށްވެފައެވެ.

އެމިރޭޓްސްއިން މިހާތަނަށް ދުނިޔޭގެ 84 ގައުމަކުން 158 މަންޒިލަކަށް ދަތުރުކުރަމުންދާއިރު މިހާރު ދަތުރުކުރަނީ އެންމެ 99 މަންޒިލަށެވެ.