މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލެބަނަން އަތުން 1-0 އިން ރާއްޖެ ބަލިވެ، މިރޭ ބޫޓާން އަތުން ފަހަތުންއަރައި 3-1 އިން ހޯދީ މޮޅާއެކު ބަންގްލަދޭޝް އެ މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއާއެކު، ރާއްޖެ އާއި ބޫޓާން ވަނީ މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓައިފައެވެ. މިއީ ސާފް ޗެމްޕިއަންޝިޕްގެ ތާރީޚުގައި ގްރޫޕް ސްޓޭޖުން ރާއްޖެ ކެޓި ފުރަތަމަ ފަހަރެވެ.
ބޫޓާނުން މިރޭގެ މެޗަށް ނިކުތްއިރު ހަތަރު ގޯލްގެ ތަފާތަކުން މޮޅުވެގެން ސެމީ އަށް ދެވެން އޮތްއިރު އެ މެޗުން ދެ ގޯލްގެ ފަރަގަކުން އެ ޓީމު މޮޅުވިނަމަ ރާއްޖެ އަށް ސެމީގެ ފުރުޞަތު އޮތެވެ. މިރޭގެ ނަތީޖާއާއެކު މި ގްރޫޕުގެ އެއްވަނަ ޓީމުގެ ގޮތުގައި ސެމީން ޖާގަހޯދީ ނުވަ ޕޮއިންޓާއެކު ލެބަނަން އެވެ. ބަންގްލަދޭޝް އަށް ދެވަނަ ލިބުނީ ހަ ޕޮއިންޓާއެކު އެވެ. ރާއްޖެ އަށް ތިން ޕޮއިންޓާއެކު ތިންވަނަ ލިބުނުއިރު، ބޫޓާން ކެޓީ ޕޮއިންޓެއް ނުލިބި ފުލުގައި އޮވެގެންނެވެ.
ރާއްޖޭން މިއަދު ހަވީރު ކުޅުނު މެޗަށް ނިކުތީ އެންމެ ފަހުން ބަންގްލަދޭޝް އަތުން ބަލިވި މެޗުގެ ފުރަތަމަ އެގާރަ އަށް ތިން ބަދަލެއް ގެނެސްގެންނެވެ. އެގޮތުން، ނާއިޒް ހަސަން (ދާދު) އާއި އަލީ ފާސިރު (ސެންޓޭ) އަދި ސަސްޕެންޝަނުގެ ސަބަބުން ނުކުޅެވުނު މުހައްމަދު އިރުފާން (އިރޭ) ގެ ބަދަލުގައި ހަސަން ޝިފާޒް (ޑުންގާ)، އިބްރާހިމް ވަހީދު ހަސަން (އިއްބެ)، ހަސަން ރާއިފް އަހުމަދު (ހަންނަ) އަށް ފުރަތަމަ އެގާރައިން ވަނީ ފުރުޞަތު ދީފައެވެ. އެންމެ ފަހުން ކުޅުނު މެޗުގައި ސަސްޕެންޝަނުގެ ސަބަބުން ހަންނަ ނުކުޅެއެވެ.
ބެންގަލޫރުގެ ސްރީ ކަންޓިރާވާ ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި އެހެން މެޗުތަކާ ހިލާފަށް ރާއްޖޭން ރަނގަޅު ކުޅުމެއް ދައްކާފައިވެއެވެ. އެހެންނަމަވެސް، ލެބަނަންގެ ގޯލަށް އަމާޒުކޮށް ނުރައްކާތެރި ބޯޅައެއް ފޮނުވާލެވިފައެއްނުވެއެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ލެބަނަންގެ ކެޕްޓަން ހަސަން މާތޫކް އެވެ. މިއީ ރާއްޖޭގެ އޭރިޔާބޭރުން ފޮނުވާލި ހިލޭޖެހުމަކުން މާތޫކް ކާމިޔާބުކުރި ގޯލެކެވެ.
މުޅި މެޗުގައި ވެސް ރާއްޖެ އަށް ލަނޑެއްޖަހައިދޭން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ފަހު ހާފުގެ ކުޅުން ނިމެން 10 މިިނެޓަށްވެފައިވަނިކޮށް ލެބަނަންގެ އޮފްސައިޑް މަޅިން ސަލާމަތްވެ، ހަމްޒާ މުޙައްމަދު (ހަމްޕު) އަށް ލިބުނު ބޯޅައެއް ހިފައިގެންދާން މަސައްކަތްކުރި ވަގުތުގައި އޭނާގެ އަތުގައި ބޯޅައިން ޖެހުމުން ލައިންސްމަން ވަނީ ރެފްރީގެ ސަމާލުކަމަށް އެކަން ގެނެސްފައެވެ.
މި މުބާރާތުގައި މިރޭ ބަންގްލަދޭޝްއާ ދެކޮޅަށް ބޫޓާން ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން 12 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ޖަހައިދިނީ ސެންޑާ ދޯރްޖީ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލި ހަމަލާއަކުން އޭނާ ކާމިޔާބުކުރި ރީތި ގޯލެކެވެ. އޭގެ ފަސް މިނެޓުފަހުން، ބޫޓާންގެ ލީޑް ފުޅާކޮށްދޭން ނިމާ ވަންގްޑީ އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
ބަންގްލަދޭޝް އިން އެއްވަރުކުރި ލަނޑު، 21 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޝޭހް މުރުސަލިން އެވެ. މިއީ މި މުބާރާތުގައި އޭނާ ޖެހި ދެވަނަ ލަނޑެވެ. އޭނާ ވަނީ އެންމެ ފަހުން ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ލަނޑުޖަހައިފައެވެ. އަދި އޭގެ 10 މިނެޓުފަހުން، ބޫޓާންގެ ޑިފެންޑަރު ފުންޓްސޯ ޖިގްމޭ އަތުން ބައިކޮޅަށް ވަތް ގޯލަކުން ބަންގްލަދޭޝް އިން ފުރަތަމަ ފަހަރަށް ލީޑްނެގިއެވެ. މިއީ ބަންގްލަދޭޝްގެ ރަކީބް ހުސައިން އަށް ލިބުނު ބޯޅައެއް ކޮންޓްރޯލްކުރަން އުޅުމުގެ ތެރޭގައި ފުންޓްސޯގެ ގައިގަ ޖެހިފަ ވަތް ގޯލެކެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރީން ބަންގްލަދޭޝް އިން ވަނީ ލީޑް އިތުރަށް ފުޅާކޮށްފައެވެ. މި ހާފުގެ 36 ވަނަ މިނެޓުގައި ބަންގްލަދޭޝްގެ ތިންވަނަ ލަނޑުޖެހީ ރަކީބް އެވެ. މިއީ ސޯލޯ ރަންއެއްގައި ކަނާތް ފަރާތުން ހިފައިގެންގޮސް ވަރަށް ހަނި އޭންގަލަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ރަކީބް ފޮނުވާލި މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފައެވެ.
އަންނަ ހޮނިހިރު ދުވަހު ކުޅޭ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބަންގްލަދޭޝް ބައްދަލުކުރާނީ ގްރޫޕް އޭގެ އެއްވަނަ އަށް ދިޔަ ކުވެއިތާ އެވެ. އެ ދުވަހު ކުޅޭ ސެމީގެ ދެވަނަ މެޗުގައި އިންޑިއާ ނިކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.
