ހިމޮގްލޮބިން އަކީ ލޭގެ ރަތްސެލްތަކުގައިވާ ދަގަނޑުން މުއްސަނދިވެފައިވާ ޕްރޮޓީންއެކެވެ. ލޭގެ ޒަރީއާއިން ހަށިގަނޑުގެ އެކި ހިސާބަށް އޮކްސިޖަން ފޮނުވުމުގެ ޒިންމާ އުފުލަނީ ހިމޮގްލޮބިން އެވެ. ބުނެވޭ ގޮތުގައި ފުއްޕާމެއިން ހަށިގަނޑުގެ އެހެން ހިސާބުތަކަށް ފޮނުވޭ ލޭގެ 97 އިންސައްތަ ދަތުރުކުރަނީ ހިމޮގްލޮބިންގެ އެހީގައެވެ. އަނެއް 3 އިންސައްތަ ޕްލާސްމާގެ ތެރެއަށް ގިރިގެން ދެއެވެ.
އެއްވެސް ސަބަބެއް އޮވެގެން ހިމޮގްލޮބިން ލޭގައި ހުންނަ މިންވަރު ދަށްވާނަމަ އެކަމުގެ ސަބަބުން ބޯއަނބުރާ، ވަރުބަލިވެ، ނޭވާ ކުރުވެ އަދި ބޮލުގައި ރިހެންވެސް މެދުވެރި ވެދާނެއެވެ. އަދި ބޮޑުތަނުން ހިމޮގްލޮބިން ދަށްވެއްޖެނަމަ ޑޮކްޓަރުންގެ ބަހުރުވައިން އެއީ އެނީމިޔާކަމުގައި ބަލާނެއެވެ.
ނިއުޓްރިޝަނިސްޓް ސުޖޭތާ ޝެޓީ ހާމަކުރި ގޮތުގައި ދަގަނޑުން މުއްސަނދިވެފައިވާ ކާނާގެ އިތުރުން ފޮލިކް އެސިޑް އަދި ވިޓަމިން-ބީ ގިނައިން ހިމެނޭ ކާނާ ކެއުމުން ހިމޮގްލޮބިން ރަގަޅު މިންވަރެއްގައި ހިފެހެއްޓޭނެއެވެ. އެހެންކަމުން މިއަދު މި ބަލާލަނީ ލޭގެ އެޗް-ބީ މަތިކޮށްލަން ޖެހިފައިވާ ނުވަތަ ބޭނުން ވެފައިވާ ފަރާތްތަކުން ކެއުމުގައި ހިމެނުން ރަގަޅުކަމަށް ޑޮކްޓަރުން އިރުޝާދު ދީފައިވާ ބައެއް ކާނާއަށެވެ.
- ވިޓަމިން-ސީ އިން މުއްސަނދިވެފައިވާ ކާނާ
ދަގަނޑުގެ މާއްދާ ހަށިގަނޑުގެ ތެރެއަށް ދަނީ ވިޓަމިން-ސީގެ އެހީގައެވެ. އެހެންކަމުން މިކަމަށް އެހީތެރިވުމުގެ ގޮތުން ވިޓަމިން-ސީ ހިމެނޭ ކާނާ ކެއުމުގައި ހިމަނަންވާނެއެވެ. މީގެ ތެރޭގައި ހިމެނެނީ އޮރެންޖް، ލުނބޯ، ބޮޑުމިރުސް، ޓޮމާޓޯ، ގްރޭޕްފުރުޓް، ބެރީ ފަދަ މޭވާއެވެ.
- ދަގަނޑުން މުއްސަނދިވެފައިވާ ކާނާ
ގިނަމީހުންގެ ލޭގެ ހިމޮގްލޮބިނ މަދުވަނީ ދަގަނޑުގެ މިންވަރު ދަށްވެގެންނެވެ. 19-50 އަހަރާއި ދެމެދުގެ ބޮޑު ފިރިހެނަކަށް ދުވާލަކު 8 މިލިގްރާމްގެ ދަގަނޑު އަދި މި އުމުރުގެ އަންހެނަކަށް 18 މިލިގްރާމްގެ ދަގަނޑު ބޭނުންވެއެވެ. އެހެންކަމުން ދަގަނޑު ލިބޭ ކާނާ ކަމުގައިވާ ފެހިކަންގަދަ ފަތް، މަހުމޭ، ޓޯފޫ، ސްޕިނަޝް، ބިސް، ގޮވާމުގެ ބާވަތްތައް، ތޮޅި، އެއްގަމާއި ކަނޑުމަސް އަދި ހިކި މޭވާގެ މިންވަރެއް ކޮންމެ ދުވަހަކުވެސް ކެއުމުގައި ހިމެނުން އެދެވިގެންވެއެވެ.
- ފޮލިކް އެސިޑް
ފޮލިކް އެސިޑަކީ ލޭގައި ހިމެނޭ ރަތް ސެލް އުފެއްދުމަށް ބޭނުންވާ ވިޓަމިން-ބީ ގެ ހުރިހާ ބައިތައް އެއްކޮށް ހިމެނޭ ވިޓަމިންގުޅައެކެވެ. ފޮލިކް އެސިޑް މަދުވުމަކީވެސް ހިމޮގްލޮބިންގެ މިންވަރު ދަށްވާނެ އެއް ސަބަބެވެ. ފޮލިކް އެސިޑް ގެ ފައިދާ ހޯދުމަށް ފެހިފަތް، ބަދަން، ދޮންކެޔޮ އަދި ބްރޮކޮލީ ކެއުމުގައި ހިމަނާނަމަ މިކަމުން ވަރަށް ރަގަޅު ނަތީޖާ ފެންނާނެއެވެ.
- އަންނާރު
އަންނާރަކީ ފައިބަރ، ކާބޯހައިޑްރޭޓްސް، ޕްރޮޓީން އަދި ކެލްސިއަމްއިން މުއްސަނދިވެފައިވާ ރަހަމީރު މޭވާއެކެވެ. މިއީ ހިމޮގްލޮބިންގެ މިންވަރު މަތިކުރުމަށް އެންމެ ބޮޑު އެހީތެރިކަމެއް ދެވޭނެ އެއް މޭވާއެވެ. ހިމޮގްލޮބިންގެ މިންވަރު ރަގަޅަށް ބެހެއްޓުމަށް ކޮންމެ ދުވަހަކު އަންނާރު ޖޫސްތައްޓެއް ބޯލާށެވެ.
- ކަދުރު
މިއީ ހަށިގަނޑަށް ފައިދާހުރި އެތައް މާއްދާތަކަކުން މުއްސަނދުވެފައިވާ މީރު ފޮނި މޭވާއެވެ. އަޅުގަނޑުމެންގެ ތެރޭގައިވެސް ވަކި މޫސުމެއްނެތި އަބަދުގެ ލިބެން ހުންނަ މޭވާއެކެވެ. ހިމޮގްލޮބިން މަތިކުރަން އެހީތެރިވެދޭ ދަގަނޑުން މުއްސަނދިވެފައިވާ މި މޭވާ ކެއުމުގައި ހަކުރު ބަލިމީހުން ޑޮކްޓަރުގެ އިރުޝާދު ހޯދަން ވާނެއެވެ.
މި ބާވަތްތަކުގެ އިތުރުން ވެސް ހިމޮގްލޮބިން މަތިކޮށްދިނުމުގައި އެހީތެރިވެދޭ މޭވާއެއްގެ ގޮތުގައި ކަރާ ފާހަގަ ވެފައިވެއެވެ. މީގެ އިތުރުން ބަރަބޯ އޮށް އަދި ބީޓްރޫޓްގެ އިތުރުން މުގުގެ ބާވަތްތަކަކީ ވެސް ހިމޮގްލޮބިން މަތިކުރުމަށް އެހީތެރިވެދޭ ތަކެއްޗެވެ. ވީމާ ކޮންމެ ދުވަހަކުވެސް މިއިން ކޮންމެވެސް އެއް ބާވަތެއް ކެއުމުގައި ހިމެނުން އާދައަކަށް ހަދާށެވެ.
