މިހާރު ކުރިއަށްދާ ސާފް ބަންގުބަންދު ޗެމްޕިއަންޝިޕްގައި އިއްޔެ ކުޅުނު މެޗުތަކަށްފަހު ކުވެއިތުއާ އިންޑިއާ އިން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މި އަހަރުގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ލުބުނާނާއެކު ދައުވަތު ލިބިފައިވާ ޓީމެއްގެ ގޮތުގައި ކުވައިތުން ވާދަކުރަމުން އަންނައިރު ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދުމުގެ ފުރުޞަތު އެ ޓީމުން ވަނީ ބޮޑުކޮށްފައެވެ. މިއީ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން 2005 ވަނަ އަހަރުގެ ފަހުން ފައިނަލްގައި ކުޅޭ ނުވަވަނަ ފަހަރެވެ. އޭގެތެރެއިން ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވެއެވެ. އެ ޓީމުން ވަނީ މިހާތަނަށް މި މުބާރާތް 8 ފަހަރު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިއްޔެ ހަވީރު ބަންގްލަދޭޝް އަތުން 1-0 އިން މޮޅުވެ، ކުވެއިތުން ފައިނަލަށް ދަތުރުކުރިއިރު އިންޑިއާ އިން ވަނީ ސެމީގެ ދެވަނަ މެޗުގައި ޕެނަލްޓީ ޖަހައިގެން 4-2 އިން ލެބަނަން ބަލިކޮށް ފައިނަލުން ޖާގަ ހޯދާފައެވެ.
ބެންގަލޫރުގެ ސްރީ ކަންޓިރާވާ ސްޓޭޑިއަމްގައި އިއްޔެ ހަވީރު ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ކުވެއިތުއާ ބަންގްލަދޭޝް އެއްވަރުވުމުން ނަތީޖާ ނެރުމަށް ކުޅެވުނު އިތުރު ވަގުތުގެ 15 މިނެޓުގެ ފުރަތަމަ ހާފުގެ އިންޖަރީ ޓައިމްގައި ކުވެއިތު މޮޅުކޮށްދިނީ އަބްދުﷲ އަލްބަލޫޝީ އެވެ. ކައުންޓަ އެޓޭކެއްގައި އެ ޓީމުން ތަނަވަސްކުރި ފުރުޞަތެއްގައި ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ، އަލްބަލޫޝީ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ދުރު ކަނަށެވެ.
މި މުބާރާތުގައި އިންޑިއާ އާ ލެބަނަން ބައްދަލުކުރި މެޗުގެ ފުރިހަމަވަގުތު ހަމަވެ، އިތުރުވަގުތުގައި ކުޅުމުގައި ވެސް ދެ ޓީމަށް ގޯލެއް ކާމިޔާބުނުކުރެވުމުން ނަތީޖާ ނެރުމަށް ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓް އަށް ހާއްސަކޮށް ލެބަނަން އިން ވަނީ ބަދަލު ކީޕަރު އަލީ ސަބީހު ކުޅެން ނެރެފައެވެ.
ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާ އިން ޖެހި ހަތަރު ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކެޕްޓަން ސުނިލް ޗެތުރީ، އަންވަރު، މަހޭޝް އަދި އުދަންތާ އެވެ.
ލެބަނަން އަށް ކާމިޔާބުކުރެވުނީ އެންމެ ދެ ޕެނަލްޓީ އެވެ. އެއީ ވަލީދު ޝޫރު އާއި މުޙައްމަދު ސަދެކް އެވެ. ލެބަނަންގެ ކެޕްޓަން ހަސަން މާތޫކް ފޮނުވާލި ޕެނަލްޓީ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގ ސަންދޫ މަތަކުރިއިރު، އެ ޓީމުގެ ހަތަރުވަނަ ޕެނަލްޓީ ހަލީލް ބަދެރް ފޮނުވާލުމުން ދިޔައީ ހުރަސް ދަނޑިމަތިންނެވެ.
ކުވެއިތުއާ އިންޑިއާ ބައްދަލުކުރާ މި ފަހަރުގެ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 4 ވާ އަންގާރަ ދުވަހުގެ ރޭގަނޑު ހަތެއް ޖަހާއިރު އެވެ.
