އަހަރެމެންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ހެލިފެލިވެ އުޅުމާއި ކަސްރަތު ކުރުމުގެ ބޭނުމަކީ މީހާގެ ބަރުދަން ލުއިކުރުމާއި މީހާގެ ހަށިގަނޑުގެ ބައްޓަން ހެޔޮކުރުންކަމަށެވެ. ނަމަވެސް ކަސްރަތު ކުރުމުން ލިބެނީ ޖިސްމާނީ މިފަދަ ފައިދާތައް އެކަންޏެއް ނޫނެވެ. ގަވާއިދުން ކަސްރަތު ކުރުމަކީ ދުޅަހެޔޮ ސިއްހަތެއްގައި މީހާ ހުރުމަށް ވަރަށް މުހިއްމު ކަމެކޭ އަބަދުވެސް ކިޔާތީ އަޑު އަހަމުއެވެ. ދުޅަހެޔޮ ސިއްހަތެކޭ ބުނަނީ ބަރުދަން ލުއިވެފާ ލޫޅާފަތިކޮށް ހުރުން އެކަނި ހެއްޔެވެ؟ ނޫނެކެވެ. ދުޅަހެޔޮ ސިއްހަތެކޭ ކިޔަނީ ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުންވެސް ހެޔޮވެގެންނެވެ. ގަވާއިދުން ކަސްރަތު ކުރާނަމަ، އިންސާނާގެ މުޅި ހަށިގަނޑަށް ލިބޭ ބައެއް ފައިދާތަކަށް ބަލާލާނަމެވެ.

ކަސްރަތު ކުރުމަކީ އިންސާނާގެ މިޒާޖު ރަނގަޅުކޮށްދީ، އިންސާނާގެ ހިތަށް ވެރިވާ ނުތަނަވަސްކަން ފިލުވައިލުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ސިއްހީ މާހިރުން ބުނާގޮތުގައި ޤަވައިދުން ކަސްރަތު ކުރާނަމަ، އިންސާނާ އުފާ ކުރުވާ ހޯމޯންސް އިންސާނާގެ ސިކުނޑިން އުފައްދާ ހަށިގަނޑުތެރޭގައި ދައުރުކޮށް، އިތުރު ކޮށްދޭނެއެވެ.

ރޭގަނޑުގައި ނުނިދިގެން އުޅޭ މީހުން ގަވާއިދުން ކަސްރަތު ކުރާނަމަ، އެކަމަށް ހައްލެއް ނުވަތަ ލުޔެއް ލިބިދޭނޭ ކަމަށް ސިއްހީ ތަޖުރިބާކާރުން ހާމަކުރެއެވެ. އެހެނީ ކަސްރަތު ކުރުމަށްފަހު ހަށިގަނޑަށް އެކަމުގެ ސަބަބުން އަރާމު ލިބި އަވަހަށް ނިދޭގޮތް ވެއެވެ.  މީގެ އިތުރުން ކަސްރަތު ކުރާމީހުންގެ ނިދީގެ ފެންވަރުވެސް ކަސްރަތު ނުކުރާމީހުންނަށްވުރެ އިތުރުކަމަށްވެސް ދިރާސާވެރިން ހާމަކުރެއެވެ.

ގަވައިދުން ކަސްރަތުކުރާ ނަމަ ކުއްލި މަރުން ދުރުކޮށްދިނުމާއި ހިތުގެ ބަލިތަކާއި ކެންސަރާއި ލޭމައްޗަށް ދިއުމާއި ހަކުރުބަލި ފަދަ ބަލިތަކުން ރައްކާތެރިކޮށްދޭން ބާރު އަޅާ ކަމަށް ޑަބްލިއު.އެޗް.އޯ އިންވެސް ފާހަގަކުރެއެވެ. ޖުމުލަކޮށް ދަންނަވާނަމަ އިސްވެ މި ބަޔާން ކުރެވުނީ ގައިންގަޔަށް ނާރާ ބަލިތަކުގެ ވާހަކައެވެ. މިއީ ދިވެހިންގެ ތެރޭގައި ވަރަށް އާއްމު ބަލިތަކެކެވެ. ކުއްލި މަރުތަކުގެ ސިއްރަކީވެސް ގިނަފަރަހަށް މިފަދަ ކޮންމެވެސް ބައްޔެކެވެ.

އިންސާނާގެ ހަނދާންތައް ރައްކާކޮށްދިނުމުގައި ބޮޑު ދައުރެއް އަދާކުރާ، އިންސާނާގެ ސިކުނޑީގެ ބައެއް ކަމަށްވާ "ހިޕޮކޭމްޕަސް" ގައި ހުންނަ ހަތާތައް އައު ކޮށްދިނުމަށް ކަސްރަތަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. މިކަމުގެ ސަބަބުން ހަނދާން ވަރުގަދަވެ ދަސްކުރަން ފަސޭހަވެގެންދެއެވެ. މިގޮތުން ސިކުނޑި އެލާރޓައް ގެނައުމާއި ކަންކަމަށް މީހާ ސަމާލުކުރުވާ އަވަސްމިން އިތުރުކޮަށްދެއެވެ. އަދި  އުމުރުން ދުވަސްވުމުން ހަނދާން ބަލިވުމުން ދުރުކޮށްދެއެވެ.

މިކަންކަން މިހެން ހުރުމާއި އެކު، ކަސްރަތަކީ ހަމައެކަނި ޖިސްމާނީ ދުޅަހެޔޮކަމަށް ކުރަން ޖެހޭ ކަމެއް ނޫންކަން ސާފުވެއެވެ. ކަސްރަތަކީ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަމަށްވެސް ކޮންމެހެން ކުރުން ބޭނުންތެރި ކަމެކެވެ.