ރާއްޖެ އަންނަ ޗައިނާ ފަތުރުވެރިންގެ އަދަދު އިތުރުވެ، ލިސްޓުގެ 5 ވަނައަށް ޖެހިލައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުގައިވާގޮތުން މި މަހުގެ 2 ވަނަ ދުވަހުގެ ނިޔަލަށް ޗައިނާއިން 64،341 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މާކެޓް ޝެއަރގެ 6.9 ޕަސެންޓެވެ.
މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 934,317 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ އިންޑިއާ އާއި ރަޝިޔާއިންނެވެ. އެ ދެ ގައުމުންވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައިސްފައިވެއެވެ.
ތިންވަނައަށް އެންމެ ގިނަ ފަތުރުވެރިން އިނގިރޭސި ވިލާތުން އައިސްފައިވާއިރު، އެގައުމުން މިހާތަނަށް 80,497 ފަތުރުވެރިން އައިސްފައިވެއެވެ.
މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑާއި ގުޅިގެން ރާއްޖެއަށް ވެސް ފަތުރުވެރިން އައުން ހުއްޓާލިއިރު، ރާއްޖޭގެ އެންމެ ގިނަ ފަތުރުވެރިން އައީ ވެސް ޗައިނާ އިންނެވެ.
ޗައިނާ އަކީ ރާއްޖެއަށް އެންމެ މުހިއްމު އެއް މާކެޓެވެ. މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ސިންގަޕޯ އެއަރލައިންގެ ގުޅިގެން މިދިޔަ މަހު ޗާއިނާއަށް ދަތުރެއްކޮށް، ރާއްޖެއަކީ ޗައިނާގެ ދަތުރުވެރިންނަށް ރައްކާތެރި އަދި ޝައުގުވެރި މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރު 1.9 މިލިއަން ފަތުރުވެރިން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެ ގެނެވިފައިވަނީ 1.6 މިލިއަން ފަތުރުވެރިންނެވެ.
