1994 ވަނަ އަހަރުން 2004 ވަނަ އަހަރާއި ހަމައަށް ކުރިޔަށް ގެންދިޔަ ފްރެންޑްސް ސީރީޒް އަކީ އަދިވެސް އާންމުން ގެ ތެރޭގައި އެންމެ ހިނގާ އެއް ސީރީޒްއެވެ. ފްރެންޑްސް ސީރީޒް ގެ ރީޔޫނިއަން އެޕިސޯޓެއްހަދާ ވާހަކަ އަކީ އާންމު ކޮށް އިވެމުން އަންނަ ވާހަކައެކެވެ. އެކި ފަހަރު އެކި ގޮތްގޮތަށެވެ.

މިއަހަރު ފެބްރުއަރީމަހު އެޗް.ބީ.އޯ އިން ކުރި ޓްވީޓެއް ގެ ސަބަބުން އަނެއްކާ ވެސް ފްރެންޑްސް ސީރީޒް ގެ ފޭނުންގެ އުންމީދުގެ ހުޅުކޮޅުވަނީ ދިއްލިފައިއެވެ. އެންމެ ފުރަތަމަ މި އެޕިސޯޓް ގެ މަސައްކަތް ފަށަން ނިންމާފައި އިނީ މި އަހަރު މޭ މަހު ނަމަވެސް ކޮވިޑް-19 ގެ ސަބަބުން މިކަން މަޑުޖައްސާލަން ޖެހުނީއެވެ. މިކަން ވެގެން ދިޔައީ އެތައް ބަޔެއްގެ ހިތްހަލާކު ކޮށްލިކަމަކަށެވެ. އެހެނަސް އަނެއްކާވެސް ފޭނުން އުފާވާނެ ކަހަލަ ހަބަރެއް މިވަނީ ފްރެންޑްސް ގެ ކާސްޓެއް ކަމުގައި ވާ މެތިއު ޕެރީ ދީފައިއެވެ. މެތިއު ޕެރީ ކުރި ޓްވީޓްގައި ބުނެފައިވަނީ މިއަންނަ އަހަރު މާރޗް މަހު އެޕިސޯޑްގެ ޝޫޓިން ފެށިގެން ދާނެކަމަށެވެ.

މި ސޯގެ ލީޑް ކާސްޓުންގެ ގޮތުގައި ހިމެނެނީ ޖެނިފާ އެނިސްޓަން ކޯޓްނީ ކޮކްސް، ލީސާ ކުޑްރޯ، މެޓް ލެބްލޮންކް، މެތިއު ޕެރީ އަދި ޑޭވިޑް ޝްވިމާ އެވެ. މިސޯ ބިނާވެގެން ދަނީ އެއްކޮށް އުޅޭ 6 ރައްޓެހިންގެ މައްޗަށެވެ. އެމީހުންގެ ދިރިއުޅުމުގައި ދިމާ އެކި ކަހަލަ ކަންތައް މައްޗައް ބިނާ ކޮށް ހަދާފައިވާ މި ސޯއަށް އަދިވެސް ދަނީ އިންތިހާއަށް ތަރުހީބު ލިބެމުންނެވެ. 10 ސީޒަންއަށް ބަހާލެވިގެން ކުރިޔަށް ދިޔަ މި ޝޯގައި އެކި ކަހަލަ އަސަރުތައް ހިމެނިގެން ދެއެވެ.