ތަފާތު ވައްތަރުގެ ތަރުކާރީއަށް ލޯބިކުރާ ފަރާތްތަކަށް ކެޕްސިކަމް ނުވަތަ ޗިލީ ޕެޕާރ އަކީ ދިވެހިންގެ ތެރޭގައިވެސް މަގުބޫލު ތަރުކާރީއެކެވެ. ބޮޑު ތޮޅި މިރުހެއް ގޮތަށް ހުންނަ ކެޕްސިކަމް އަކީ އާއްމުގޮތެއްގައި ގުރާފެހިކުލައެއްގައި ހުންނަ ތަރުކާރީއެކެވެ. ނަމަވެސް މީގެވެސް ތަފާތު ކުލަތަކާއި އެކު ތަފާތު މުޑުވައްތައް ހުރެއެވެ.

ރޮލާވެސް އަދި ރޯ ފިލުވައިގެންވެސް ކެޕްސިކަމް ކައި އުޅެއެވެ. މިރުހުގެ އާއިލާއަކަށް ނިސްބަތްވާ ކެޕްސިކަމްގައި ހުންނަނީ ދިލަ ކުޅިއެއް ނޫނެވެ. ނަމަވެސް ޒާތެއްގެ ކުޅި ރަހައެއްވެސް މީގައި ހުރެއެވެ. އަދި ތަރުކާރީގައި ލާ، ޒާތެއްގެ އޯގެނިކް ރަހައެއްވެސް ކެޕްސިކަމްގައި ލައެވެ. މިއީ އަނގައަށްވެސް ވަކި ނުބައި ތަރުކާރީއެއް ނޫނެވެ. އާއްމުކޮށް ކޮންމެވެސް އެހެން ތަރުކާރީ ތަކަކާއި އެކު ބޭނުންކުރާ ކެޕްސިކަމް އަކީ ގިނަ އަދަދަކަށް ދިވެހިންގެ ކެއުމުގައި ރަތުކާރީއެއްގެ ގޮތުގައި ބޭނުންކުރާ އެއްޗެކެވެ.

ކެޕްސަސިން ނަމަކަށް ކިޔާ މާއްދާއެއް ކެޕްސިކަމްގައި ގިނަ އަދަދަކަށް ހުރެއެވެ. އޭގައި އެއްމެ މުއްސަނދި މާއްދާއަކީވެސް ހަމަ މި މާއްދާއެވެ. ކެޕްސަސިން އަކީ، ޒާތެއްގެ "ޕެއިންކިލާ" އެކެވެ. މި މާއްދާގައި ތަދު ކަނޑުވާ އަސަރުތަކެއް ހުރެއެވެ. އަދި ބައެއްކަހަލަ ދުޅަ ތިރިކޮށްދިނުމަށްވެސް މި މާއްދާ އެހީތެރިވެދެއެވެ.

ދިރާސާވެރިން ދެކިލައްވާގޮތުގައި ކެޕްސަސިން ގެ ސަބަބުން އެއްމެ ފަސޭހައިން ފިލާދާ ތަދުތަކަކީ އެކިކަހަލަ ނާރުގެ ތަދުތަކެވެ. ހާއްސަކޮށް ހޮނޑު ހުޅާއި ކަކުލު ހުޅުގައި، ހިއްސީ ނާރަކަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އުފެދޭ އައްސި ތަދުތަކަށް ކެޕްސަސިން ގެ ސަބަބުން އަވަސް ލުޔެއް ލިބިދާކަމަށް ދިރާސާވެރިން ދެކިލައްވައެވެ. ކެޕްސިކަމް އަކީ ގަދީމީ ޒަމާނުގައްޔާއި އަދި މިޒަމާނުގައިވެސް، ސީނުކަރައިގައި ނުވަތަ ޗައިނާގައި ހަކީމީ ބޭސްވެރިކަމުގައި ކެޕްސިކަމް ބޭނުން ކުރެއެވެ. ތަދު ކެނޑުވުމަށް އުނގުޅަން ފުނޑާ ޒާތްޒާތުގެ ބޭސްގަނޑުތަކުގައެވެ.

ނާރުގެ ތަދުތަކަށް ކެޕްސަސިންއިން ލުއި ލިބުނެއް ކަމަކު، މިއީ ކޮންމެ ކޮންމެ މީހަކަށް ނަތީޖާ ފެނިދާނޭ ކަމެއް ނޫނެވެ. މި ލިޔުމުގައި ކެޕްސަސިން އަދި ކެޕްސިކަމް ގެ މައުލޫމާތު ހިއްސާ މިކޮށްލީ ދިރާސާވެރިންގެ ދިރާސާތަކުން އެކަން ހާމަވެ، އެފަރާތްތަކުން އެކަން ހާމަކޮށްދީފައިވާތީ، މައުލޫމާތައްޓަކައެވެ.

 

ހަވާލާ: ވެބްއެމްޑީ، "ކެޕްސިކަމް، ޔޫސް، ބެނެފިޓްސް އެންޑް އަދާސް" - 2020