"ހީލިންގ ދަ އާރތް"ގެ ނަމުގައި ވޯކްޝޮޕެއް ބާއްވައިފިއެވެ.
މިއީ މޯލްޑިވްސް މާކެޓިންގ އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ ވިޒިޓް މޯލްޑިވްސް) ސްޓޯރީޓެލަރސް ކޮންފަރެންސް 2023 ގެ ބައިވެރިންނަށް ބޭއްވި ވޯކްޝޮޕެކެވެ.
ރާއްޖޭގެ ކަނޑުއަޑީގެ ދިރުންތައް ރައްކާތެރިކުރުމުގެ މުހިންމުކަމާއި ބެހޭ ސެޝަނަކީ މި ކޮންފަރެންސްގައި ބޭއްވި ތިން ވޯކްޝޮޕްގެ ތެރެއިން އެއް ވޯކްޝޮޕެވެ.
"ހީލިންގ ދަ އާރތް" ލީޑް ކުރެއްވީ މި ވޯކްޝޮޕް ބޭއްވި ޝެރެޓަން މޯލްޑިވްސް ފުލް މޫން ރިސޯޓް އެންޑް ސްޕާގެ ރެޒިޑެންޓް މެރީން ބަޔޮލޮޖިސްޓް ކޭޓް ޝެރިޑަންއެވެ.
މި ސެޝަންގައި މުރަކަ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބެހޭ ގޮތުން މުހިންމު މައުލޫމާތުތަކެއް ބައިވެރިންނާ ހިއްސާކޮށްފައިވާއިރު، ކަނޑުގެ ދިރުންތަކަށް ދިރިއުޅޭނެ އައު މާހައުލުތައް އުފެއްދުމާއި ބެހޭ ގޮތުން ވެސް މައުލޫމާތު ދީފައި ވެއެވެ.
މީގެ އިތުރުން ކަނޑުގެ އިކޯސިސްޓަމްތަކުގެ ބެލެންސް ބެލެހެއްޓުމާއި ރަށް ގިރުމުން ރައްކާތެރިކުރުމުގައި މުރަކަތަކުގެ ދައުރު ވެސް ވަނީ ބައިވެރިންނަށް ކިޔައިދީފައެވެ. އަދި ކަނޑުއަޑީގެ ދިރުންތަކާއި މުރަކަތަކަށް މިހާރު ކުރިމަތިވެފައިވާ ނުރައްކާތައް ވެސް ކިޔައިދިނެވެ.
އެގޮތުން ބްލީޗްވުމާއި ކަނޑުގެ އެސިޑިފިކޭޝަން އަދި އޯވަރފިޝިންގ ފަދަ ނުރައްކާތައް ބައިވެރިންނަށް ކިޔައިދީފައި ވެއެވެ.
މި ސެޝަންގެ ބައިވެރިން ވަނީ މުރަކަ އިންދުމުގެ ސެޝަނެއްގައި ވެސް ބައިވެރިވެފައެވެ. އަދި ފްރޭމެއްގައި މުރަކަ އިންދާ، ދުޅަހެޔޮ މުރަކަ ކޮލޯނީތައް ހައްދާނެގޮތް ވަނީ ދަސްކޮށްފައެވެ.
