ނޮންގ ހާން ފެންގަނޑަކީ ތައިލެންޑުގައި ފަތުރުވެރިންގެ ޝައުގުވެރިކަން ހުއްޓިފައިވާ އެއް ސަރަހައްދެވެ. ތައިލެންޑްގެ އުދޮން ތާނި ރިންގް ރޯޑުގެ 45 ކިލޯމީޓަރު އިރުމަތީގައި އޮންނަ މި ފެންގަނޑަކީ އެތަނެއްގައި ޤުދުރަތީ އެތައް ރީތިކަމެއް އެކުލެވިގެންވާ ފެންގަނޑެކެވެ. 

125.2 އަކަ ކިލޯމީޓަރުގެ ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ މި ފެންގަނޑުގައި ތަފާތު ދިރުންތައް ވެއެވެ. މި ފެންގަނޑުގެ އެވްރެޖް ފުންވިމަނީ 1.6 މީޓަރެވެ. ނަމަވެސް އެއްމެ ފުން ހިސާބުތަކުގައި 10 މީޓަރުވެސް ހުރެއެވެ. 

ނޮންގ ހާން ފެންގަނޑަކީ އެތަނެއްގައި ރަތްކުލައިގެ ލޮޓަސް މާތަކުން ޒީނަތްތެރިވެފައިވާ ފެންގަނޑެކެވެ. އެ ފެންގަނޑުގައި ގިނަ އަދަދަކަށް ތަފާތު ވައްތަރުގެ ލޮޓަސް ހެދިފައި ހުރެއެވެ. އެގޮތުން ފަތް ބޮޑެތި، އޭގައި ރަތްކުލައިގެ މަލެއް ފޮޅޭ ވައްތަރެއްގެ ލޮޓަސް ތަކަކީ އެ ފެންގަނޑުގައި އެއްމެ ގިނަ ލޮޓަސް އެވެ. ކައިރި ކައިރީގައި ލޮޓަސް ގަސްތައް ހެދިފައި އޮންނަ އިރު، ފެންގަނޑެއްގެ ސިފަ ވެސް ގެއްލޭހާ ފެހިކަމާއި އެއްގަމު ދިރުންތައް އެ ފެންގަނޑުން ފެނެއެވެ. ތަފާތު އެކި ވައްތަރުގެ ދޫންޏާއި ކޮކާލާއި ބަޅިދާއި އަދި ދޮންދޫނި ނުވަތަ ދާނބުޅަ ފަދަ ކުދި ކުދި ދިރުންތައް އެހާމެ ގިނައެވެ. އެކި ކުލަ ކުލައިގެ ބޮއް ތަކާއި ބޮނޑު ފަދަ ދިރުންތައްވެސް އެހާމެ ގިނައެވެ.

މި ފެންގަނޑުގައި ކުދި ބޯޓުތަކުގައި ނުވަތަ ދޯނިފަދަ ކުދި ބޮއްކުރާ ތަކެއްގައި ދަތުރުކުރުމުގެ ފުރުސަތު ފަތުރުވެރިންނަށް ލިބެއެވެ. އަދި މި ފެންގަނޑުގައި، ބޮއްކުރާތަކުގައި ދަތުރުކުރަމުން އެ ޤުދުރަތީ ރީތި މަންޒިލްގައި އެ ރަތް ލޮޓަސްމާ ތަކުގެ ތެރޭގައި ހިތްމަޖެހިލާ އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލެވޭނެއެވެ. ނޮންގ ހާން ފެންގަނޑުގައި ފޮޅޭ ރަތް ލޮޓަސް މާތައް އޭގެ އެއްމެ ފުރިހަމަ އަށް ފޮޅިފައި ހުންނަ ދުވަސްވަރަކީ އޮކްޓޯބަރ މަހާއި ދެން އަންނަ އަހަރެއްގެ މާރިޗް މަހާއި ދެމެދުގައެވެ. 

ކަން މިހެން ހުރުމާއި އެކު، ދަތުރުކޮށް މި މަންޒިލްގެ ރީތިކަން ދެކިލަން އެދޭ ފަރާތްތަކަށް މި ދުވަސްވަރާ ދިމައިކުރެވޭތޯ ބަލާށެވެ. މިއީ ޤުދުރަތީގޮތުން ވަރަށްވެސް ރީތި މަންޒިލެކެވެ. އަދި ވަރަށްވެސް ހިތްގައިމު މަންޒިލެކެވެ. ތައިލެންޑަށް ގޮސްލާ ޗުއްޓީ ހޭދަކޮށްލާ ފަރާތްތަކުން މި މަންޒިލަށްވެސް ޒިޔާރަތްކޮއްލުމަކުން ދެރައެއް ނުވާނެއެވެ.