ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫ ތަރައްގީކުރުމަށް ނިންމާ، އެކަމުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު، އަބްދުﷲ ސައީދެވެ. ހުޅުމާލޭ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރެއްވީ އެ ހޮސްޕިޓަލުގެ ސީއީއޯ، މާރިޔާ ސައީދެވެ.
އެ ހޮސްޕިޓަލުގައި އައިސީޔޫ އާއި އެންއައިސީޔޫ ތަރއްގީކުރުމުން އެ ހޮސްޕިޓަލުން ޚިދުމަތް ހޯދާ ފަރާތްތަކަށް ވަރަށް ބޮޑު ލުއި ފަސޭހައެއް ވާނެއެވެ. ޚާއްސަކޮށް ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން ދިރިއުޅެން ފެށުމާއެކު އެ ހޮސްޕިޓަލުން ޚިދުމަތް ހޯދަމުންދާ އިންސައްތަ ވަނީ އިތުރުވެފައެވެ.
ހުޅުމާލޭގެ އައިސީޔޫގައި 17 އެނދު ހުރިނަމަވެސް އެސްޓީއޯގެ މި ޕްރޮޖެކްޓު ނިމުމުން، އިތުރު 24 އެނދު އައިސީޔޫ ގައި ހުންނާނެއެވެ. އަދި ހުޅުމާލޭ ހޮސްޕިޓަލުގެ އައިސީޔޫ އާއި އެންއައިސީޔޫއަކީ އެންމެ ޒަމާނީ މެޑިކަލް ވަސީލަތްތަކާއެކު ސިއްހީ އާލާތްތަކާއެކު އިންޓެގްރޭޓް ވެފައިވާ، ކަސްޓަމައިޒްޑް ތަނެއްގެ ގޮތުގައި ވާނެ ކަމަށް އެސްޓީއޯ އިން ބުނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލަކީ ޖާގައިގެ ދަތިކަން ބޮޑު ތަނަކަށްވިޔަސް އެ ހޮސްޕިޓަލުގައި މެންޓަލް ހެލްތުގެ ހިދުމަތާއި ކުޑަކުދީން ހެދިބޮޑުވުމުގައި ދިމާވާ ތަފާތު ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ ސެންޓަރެއް ވަނީ ގާއިމުކޮށްފައެވެ. އަދި ކެންސަރު ބަލީގެ ފަރާތްތަކަށް ހިދުމަތް ދިނުމަށް އޮންކޮލޮޖީ ސެންޓަރު ފަދަ ތަފާތު އެކިއެކި ޚިދުމަތްތައް ވެސް ދަނީ ތައާރަފް ކުރަމުންނެވެ.
