ޕެނަލްޓީ ޖަހައިގެން ކުވެއިތު ބަލިކޮށް، އިންޑިއާ އިން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ނުވަވަނަ ފަހަރަށް ކާމިޔާބުކޮށްފިއެވެ.

މިއީ 2005 ވަނަ އަހަރުގެ ފަހުން އިންޑިއާ އިން ފައިނަލްގައި ކުޅުނު ނުވަވަނަ ފަހަރެވެ. މީގެތެރެއިން، ހަ ފަހަރު އެ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދާފައެވެ. މީގެކުރީން، އެ ޓީމުން ވަނީ 1993، 1997، 1999، 2005، 2009، 2011، 2015 އަދި 2021 ގައި ތަށި އުފުލާލައިފައެވެ.

މި ފަހަރުގެ މުބާރާތުގެ ފައިނަލްގައި މިރޭ ދެ ޓީމު ކުޅުނު މެޗުގެ ފުރިހަމަވަގުތާއި، އިތުރުވަގުތުގެ 15 މިނެޓުގެ ދެ ހާފުގެ ކުޅުމަށްފަހު 1-1 އިން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީ ޝޫޓްއައުޓްގައި އިންޑިއާ ކުރިހޯދީ 5-4 އިންނެވެ.

ބެންގަލޫރުގެ ސްރީ ކަންޓިރާވާ ސްޓޭޑިއަމްގައި މިރޭ ކުޅުނު މި މެޗު ފެށިގެން ގޯލަށް އަމާޒުކޮށް ފުރަތަމަ ހަމަލާ ފޮނުވާލީ އިންޑިއާ އިންނެވެ. އެ ޓީމުގެ އަކާޝް މިޝްރާ ނެގި ހުރަހަކުން ލަލިންޒުއާލާ ޗަންގްޓޭ ބޮލުން ފޮނުވާލި މި ބޯޅަ ކުވެއިތުގެ ގޯލްކީޕަރު އަބްދުއްރަހުމާން މަރުޒޫޤު މަތަކުރިއެވެ.

އިންޑިއާގެ ނިކިލް ޕޫޖަރީ (ވ) ކުވެއިތުގެ ކުޅުންތެރިއަކު ކައިރިން ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ. --ފޮޓޯ: އޭއައިއެފްއެފް

މެޗުގެ 14 ވަނަ މިނެޓުގައި ކުވެއިތުން ލީޑްނެގީ ކައުންޓަ އެޓޭކެއްގައި އެ ޓީމުގެ ކަނާތު ފުލްބެކް އަބްދުﷲ އަލްބަލޫޝީ ނަގައިދިން ހުރަހަކުން ޕެނަލްޓީއޭރިޔާ ތެރޭގައި ހުސްކޮށްހުރެ ޝަބައިބް އަލްޚަލްދީ ކާމިޔާބުކުރި ގޯލުންނެވެ. 

އިންޑިއާ އިން އެއްވަރުކުރި ލަނޑު، 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޗަންގްޓޭ އެވެ. މިއީ އެ ޓީމުގެ އާޝިޤް ކުރުނިޔަން އާއި ކެޕްޓަން ސުނިލް ޗެތުރީ ގުޅިގެން އުފެއްދި ހަމަލާއެއްގައި ސަހާލް އަބްދުއްސަމަދު ޖައްސާލި ބޯޅައެއް ގޯލް ކުރިމަތިން ހުހަށްހުރެ ޗަންގްޓޭ ކާމިޔާބުކުރި ގޯލެކެވެ.

އޭގެފަހުން، މެޗުގެ 60 ވަނަ މިނެޓުގައި އިންޑިއާ އަށް ލީޑްނަގައިދޭން ޗަންގްޓޭ އަށް ލިބުނު ފުރުޞަތުގައި އަބްދުއްރަހުމާން މަރުޒޫޤު ބަލަހައްޓަމުންދިޔަ ކުވެއިތުގެ ގޯލަށް ނުރައްކާކުރެވޭ ގޮތެއްނުވިއެވެ. އަދި އޭގެފަހުން، ކުވެއިތުގެ ހަމަދު އަލް-ޤަލަފް އާއި މުޙައްމަދު އަބްދުﷲ ދުރުން ފޮނުވާލި ދެ ބޯޅަ ދަނޑީކައިރިން ބޭރަށްދިޔައިރު ޝަބައިބް އަލްޚަލްދީ ހިލޭޖެހުމަކުން ފޮނުވާލި ދެ ހަމަލާ ވެސް ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.

މެޗުގެ ފުރިހަމަވަގުތުގެ ކުޅުން ނިމެން ދަނިކޮށް ހަމަދު އަބްދުﷲ ފޮނުވާލި ނުރައްކާތެރި ބޯޅަ އިންޑިއާގެ ކީޕަރު ގުރްޕްރީތު ސިންގް ސަންދޫ މަތަކުރިއިރު އޭގެފަހުން ފުލުފުލުގައި އިންޑިއާގެ ކެޕްޓަން ޗެތުރީ އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މަހޭޝް ސިންގް ދިން ބޯޅައަކުން ރޯހިތު ކުމާރު ޖައްސާލި ޕާސް ޕެނަލްޓީއޭރިޔާ ތެރެއިން ޗެތުރީގެ ފަޔަށް އަރާގޮތްނުވިއިރު ޗަންގްޓޭ ދިން ބޯޅައެއް އުދަންތާ ސިންގް އަށް އޭރިޔާތެރެއިން ލިބޭގޮތްނުވިއިރު ދެވަނަ ފަހަރަށް އެ ބޯޅަ ޗެތުރީ އަށް ލިބުމުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

އިންޑިއާގެ ލަލިންޒުއާލާ ޗަންގްޓޭ (ކ) އަތުން ބޯޅަ ހޯދަން ކުވެއިތުގެ ކުޅުންތެރިއަކު މަސައްކަތްކުރަނީ. --ފޮޓޯ: އޭއައިއެފްއެފް

މި މެޗުގެ އިތުރުވަގުތުގެ ފުރަތަމަ ހާފުގައި އިންޑިއާގެ މަހޭޝް އާއި ޗެތުރީ ގުޅިގެން އުފެއްދި އެޓޭކެއްގައި އުދަންތާ އަށް ޖައްސާލި ބޯޅަކުން އޭނާ ނެގި ހުރަސް ކުވެއިތުގެ ކުޅުންތެރިން ބްލޮކްކުރިއެވެ. އަދި އޭގެފަހުން، އިތުރުވަގުތުގެ ދެވަނަ ހާފުގެ ކުރީކޮޅު ގޯލާއި ވަރަށް ކައިރިން ކުވެއިތުގެ ފަވާޒް އަލް-އޮތައިބީ ފޮނުވާލި ހަމަލާ އިންޑިއާގެ މެހްތާބް ވަނީ ބްލޮކްކޮށްފައެވެ. އޭގެފަހުން، އިތުރުވަގުތުގެ ދެވަނަ ހާފު ނިމެންދަނިކޮށް އިންޑިއާ އަށް މި މެޗުން މޮޅުކޮށްދޭން ނިކިލް ޕޫޖަރީ ދިން ބޯޅަކުން ޗަންގްޓޭ ފޮނުވާލި ހަމަލާދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން ފޮނުވާލި ފުރަތަމަ ފަސް ޕެނަލްޓީގެ ތެރެއިން ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އިންޑިއާ އިން ޗެތުރީ، ސަންދޭޝް ޖިންގަން، ޗަންގްޓޭ އާއި ސުބަސިޝް ބޯސް އަދި ހަވަނަ އަށް ޕެނަލްޓީ ފޮނުވާލަންދިޔަ މަހޭޝް ޕެނަލްޓީ ކާމިޔާބުކުރިއެވެ. އެ ޓީމަށް ނާކާމިޔާބުވީ އުދަންތާ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. އޭނާ ފޮނުވާލި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިން ބޭރަށެވެ.

ކުވެއިތުގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޝަބައިބް އަލްޚަލްދީ، އަހުމަދު އަލްދެފީރީ، އަބްދުލްއަޒީޒް މަހުރާން އަދި އަލް-އޮތައިބީ އެވެ. އެ ޓީމުގެ އަބްދުﷲ ފޮނުވާލި ޕެނަލްޓީ ދިޔައީ ހުރަސްދަނޑީގައި ޖެހިފައި ބޭރަށެވެ. އަދި ހަވަނަ އަށް ޕެނަލްޓީ ފޮނުވާލަން ނިކުތް ކެޕްޓަން ޚާލިދް ހައިޖާގެ ޕެނަލްޓީ އިންޑިއާގެ ކީޕަރު ގުރްޕްރީތު މަތަކުރިއެވެ.