49 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގައި ހުސެއިން ޒަޔާން ޝަހީދު ޒަކީ ވާދަކުރި ތިން އިވެންޓްގެ ޗެމްޕިއަންކަން ހޯދިއިރު އަންހެން ސިންގަލްސް ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ފާތިމަތު ނަބާހާ އަބްދުއްރައްޒާޤު (ނަބާ) ބަލިކޮށް އާމިނަތު ނަބީހާ އަބްދުއްރައްޒާޤު (ނަބީ) އެ މުބާރާތުގެ ތަށި އުފުލާލައިފިއެވެ.

މިއީ މި މުބާރާތުގެ ތަށި ޒަޔާން ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މީގެކުރީން، 2017 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޒަޔާން އެވެ. އަނެއްކޮޅުން މިއީ ނަބީހާ ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ދެވަނަ ފަހަރެވެ. އޭނާ ވަނީ 2017 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި މައިސާ ފަތުހުﷲ އިސްމާއިލް ބަލިކޮށްފައެވެ.

މީގެއިތުރުން، މިއީ މިދިޔަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ނިބާލް އަތުން ބަލިވުމުގެ ހަނދާންތައް ފިލުވާލައި، ޒަޔާން އަށް ލިބުނު ރަނގަޅު ކާމިޔާބީއެކެވެ. އޭގެކުރީން، 2016 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ވެސް ޒަޔާން އަށް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ.

ކުޅިވަރު އެކުވެނި ބެޑްމިންޓަން ކޯޓްގައި އިއްޔެ ހަވީރު ކުޅުނު ފުރަތަމަ ފައިނަލްގައި ފިރިހެން ސިންގަލްސް ބައިގައި އެންމެ ފަހުގެ ޗެމްޕިއަން ނިބާލް އަހުމަދު އަތުން ޒަޔާން މޮޅުވީ ސީދާ ދެ ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ފެށިގެން 2-0 އިން ނިބާލް ލީޑްގައި އޮއްވަ، ޒަޔާން ވަނީ 2-2 އިން އެއްވަރުކޮށްފައެވެ. އަދި އޭގެފަހުން، 3-2 އިން ޒަޔާން ލީޑްނެގިއެވެ. އެކަމަކު، ނިބާލް 3-3 އިން އެއްވަރުކުރިއެވެ. ނަމަވެސް، އޭގެފަހުން ޒަޔާން ވަނީ ނިބާލް އަށް އިތުރު ފުރުޞަތެއް ނުދީ ދެ ކުޅުންތެރިންގެ ދެމެދުގައި އޮތް ލީޑް ފުޅާކުރަމުން ގޮސް، 21-13 އިން ފުރަތަމަ ސެޓް ކާމިޔާބުކޮށްފައެވެ.

އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ނަބީހާ (ކ) ނަބާހާ އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ތީރު މީޑިއާ

ފުރަތަމަ ސެޓާއި ހިލާފަށް ދެވަނަ ސެޓުގައި މުޅިން ވެސް ލީޑްކުރީ ޒަޔާން އެވެ. ވާދަވެރިކޮށް ދިޔަ މި ސެޓުގައި ތިން ފަހަރެއްގެ މަތީން ނިބާލް ވަނީ ޒަޔާންއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފައެވެ. ނަމަވެސް، ޒަޔާން ވަނީ ރަނގަޅު ފޯމް ދަމަހައްޓައި، 21-16 އިން ސެޓު ކާމިޔާބުކޮށްފައެވެ.

ފިރިހެން ޑަބަލްސް ފައިނަލްގައި ޒަޔާން އާއެކު ރިވައިވަލް ސްޕޯޓްސް ކްލަބަށް ނިސްބަތްވާ އަހުމަދު ތޯއިފް މުޙައްމަދުގެ ޕެއާ ވަނީ ފަހަތުން އަރައި 2-1 އިން މުޙައްމަދު އަޖުފާން ރަޝީދު އާއި ނިބާލްގެ ޕެއާ ބަލިކޮށްފައެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި މާބޮޑު ވާދަވެރިކަމެއްނެތި، އަޖުފާން އާއި ނިބާލްގެ ޕެއާ ކާމިޔާބުކުރީ 21-12 އިންނެވެ.

ދެން ޖެހިގެންއައި ދެވަނަ ސެޓުން ޒަޔާން އާއި ތޯއިފްގެ ޕެއާ ކުރިހޯދީ 21-17 އިންނެވެ. އަދި ފަހު ސެޓުގައި އަޖުފާން އާއި ނިބާލް ދަމަހައްޓަމުންއައި ލީޑް ކުޑަކުރަމުންގޮސް، ފަހުބައިގައި 17-17 އާއި 18-18 ގެ އިތުރުން 19-19 އިން ވެސް އެއްވަރުވިއެވެ. ނަމަވެސް ޒަޔާން އާއި ތޯއިފްގެ ޕެއާ ވަނީ ފަހުވަގުތު ހޯދީ މުހިއްމު ޕޮއިންޓްތަކާއެކު 21-19 އިން މި ސެޓު ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ. އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ވެސް މި ދެ ކުޅުންތެރިންނެވެ.

ފުރަތަމަ ޑިވިޝަނުގައި ދެން ކުޅެވުނު މިކްސް ޑަބަލްސް ފައިނަލްގައި  ޒަޔާން އާއި ނަބާހާގެ ޕެއާ ވަނީ ނިބާލް އާއި ނަބީހާގެ ޕެއާ ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. މި މެޗުގެ ސެޓުތައް ޒަޔާން އާއި ނަބާހާގެ ޕެއާ ގެންދިޔައީ 21-17، 21-16 އިންނެވެ. މި ދެ ކުޅުންތެރިންނަކީ މިދިޔަ ތިން އަހަރުގެ ވެސް ޗެމްޕިއަނުންނެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސްގައި ވާދަކުރި ކުޅުންތެރިން މެޑަލް އާއެކު ފޮޓޯއަކަށް ހުއްޓިގެން. --ފޮޓޯ: ތީރު މީޑިއާ

މުބާރާތުގެ އަންހެން ސިންގަލްސް ފައިނަލްގައި ނަބީހާ ވަނީ ނަބާހާ އަތުން ސީދާ ދެ ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-15 އިން ނަބީހާ ކުރިހޯދިއިރު ވާދަވެރިކޮށް ދިޔަ ދެވަނަ ސެޓުން މޮޅުވީ 22-20 އިންނެވެ. އަންހެން ޑަބަލްސް ބައިގައި މި ދެ ކުޅުންތެރިން ހިމެނޭ ޕެއާ ވަނީ ސީދާ ދެ ސެޓުން މައިސާ ފަތުހުﷲ އާއި އައިޝަތު އަފްނާން ރަޝީދުގެ ޕެއާ ބަލިކޮށް، ތަށި އުފުލާލައިފައެވެ.

މި މުބާރާތުގެ ދެވަނަ ޑިވިޝަނުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ އަލީ މުއާޒް އެވެ. ފިރިހެން ޑަބަލްސް ޗެމްޕިއަނުންނަކީ ހުސެއިން މުޙައްމަދު އާއި މުޙައްމަދު އިކްރާމްގެ ޕެއާ އެވެ. ދެވަނަ ޑިވިޝަނުގެ މިކްސް ޑަބަލްސް ޗެމްޕިއަންކަން ހޯދީ ޔޫސުފް ނިޔާޒް އާއި އައިޝަތު ޔޫސުފްގެ ޕެއާ އެވެ.

ދެވަނަ ޑިވިޝަނުގެ އަންހެން ސިންގަލްސް ޗެމްޕިއަންކަން ހޯދީ ފިރުޝާނާ ނަޞީރު އެވެ. އޭނާ ވަނީ ފައިނަލްގައި އެންމެ ފަހުގެ ޗެމްޕިއަން ޝައިބާ މުޙައްމަދު ޝަރީފް ބަލިކޮށްފައެވެ. 

މި މަހުގެ 1 އިން 5 ގެ ނިޔަލަށް ކުރިއަށްދިޔަ މި ފަހަރުގެ ގައުމީ މުބާރާތުގައި ދެ ޑިވިޝަން ހިމެނޭ ގޮތަށް ޖުމްލައެކު 108 ކުޅުންތެރިން ވާދަކުރިއެވެ.