ކަޅުސަޔަކީ ދުނިޔޭގައި އެއްމެ ގިނަ މީހުން ބޯ އެއް ބުއިމެވެ. އެތައް ޒަމާނެއްކުރިން ކަޅުސަޔަކީ އިންސާނުން ބޮއެ އުޅުނު ބުއިމެކެވެ. މިއަދުވެސް ކަޅިސަޔަކީ ގިނަބަޔަކަށް ކަމުދާ މީރު ބުއިމެކެވެ. ދިވެހިންގެ ތެރޭގައިވެސް ކަޅުސައި ބޯ މީހުން އަދިވެސް އެހާމެ ގިނައެވެ. ގިނަ މީހުން ދުވަސް ފަށަނީވެސް ކަޅުސަައިފޮދަކުންނެވެ.

ބައެއްމީހުންނަށް ކަޅުސައި ބޮއުމުން އުނދަގޫތަކެއް ކުރެއެވެ. މޭދޮށަށް އުނދަގޫކުރުމާއި ވައިގެ އުނދަގޫބައެއް މީހުންމަށް ކުރެއެވެ. އެއީ ފަހަރުގައި އެމީހުންނަށް ކަޅުސައި ނުގުޅެނީކަމަށްވެސް ވެދާނެއެވެ. ނުވަތަ އަހަރެމެންނަށް ލިބެން މިހުންނަ ކަޅުސައި އެމީހުންނަށް ނުގުޅެނީކަމަށް ވެދާނެއެވެ.

ސައިފަތް ޕަކެޓުގައި ކުދި ކުނޑިތަކެއް ގޮތަށް މި ހުންނަ ސައިފަތަކީ ސައިފަތުގެ އެއްމެ ކޮލިޓީ ބައެއް ނޫނެވެ. ކަޅުސައިގެ ކޮލިޓީ ސައިފަތް މިއަށްވުރެ މާ މީރުވާނެއެވެ. އަދި މިއަށްވުރެ، ރޯ ރަހައެއް ލާނެއެވެ.

ކަޅުސައިން ލިބޭ ވަރަށްގިނަ ސިއްހީ ފައިދާތައް، ސިއްހީމާހިރުން ފާހަގަ ކުރެއެވެ. އެގޮތުން ކަޅުސައިގައި ހުންނަ އެންޓިއޮކްސިޑަންޓްސް އަކީ ވަރަށް ގިނަ މާއްދާއެކެވެ. އެގޮތުން އޭގައި ހުންނަ ޕޮލިފެނޯލްސް ނަމަކަށް ކިޔާ އެންޓިއޮކްސިޑަންޓަކީ ކްރޮނިކް ބަލިތަކުން، ނުވަތަ ގިނަދުވަހުން ޖެހޭ ބަލިތަކުން އިންސާނާ ދުރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ.

މީގެ އިތުރުން ކަޅުސައިގައި ހުންނަ ފްލެވޮނޮއިޑްސް ނަމަކަށް ކިޔާ އެންޓިއޮކްސިޑަންޓްސް އަކީ ހިތުގެ އެކި އެކި ބަލިތަކުން ދުރުކޮަށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ފްލެވޮނޮއިޑްސް އާއި ތިއަފްލެވިންސް ނަމަކަށް ކިޔާ އެންޓިއޮކްސިޑަންޓެއް އެކުވުމުން، މިއީ ލޭގެ ތެރޭގައި ހުންނަ ކޮލެސްޓްރޯލުގެ ބައި މަދުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެކެވެ. ކަޅުސަޔަކީ އެހެން ކަހަލަ ސައިތަކަށްވުރެ ތިއަފްލެވިންސް ގިނަ ސައެކެވެ. އެހެން ސައިތަކަށްވުރެ ކަޅުސައި ހާއްސަވާ އެއް ސަބަބަކީ މިއީއެވެ.

ކަޅުސަޔަކީ އޭގައި ކެފެއިންވެސް އެކުލެވޭ ބުއިމެކެވެ. ކޮފީއަަށްވުރެ މަދުން ކަޅުސައިގާ ކެފެއިން ހުއްޓެއް ކަމަކު، ކަޅުސައިގައި ހުންނަ އެމިނޯއެސިޑެއް ކަމަށްވާ އެލް-ތީނައިން އާއި ކެފެއިން އެކުވެގެން، މީހާގެ ސަމާލުކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. ކަންކަމަށް ހުންނަ ޝައުގުވެރިކަމާއި ފަރުވާތެރިކަންވެސް އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ.

އާއްމުގޮތެއްގައި ކަޅުސައި ބޮވެނީ ހަކުރު އަޅައިގެންނެވެ. ނަމަވެސް ހަކުރު ނާޅާ ކަޅުސައި ބޯނަމަ، އެއީ ލޭގެ ތެރޭގައި ހުންނަ ހަކުރު ދަށްކޮށްދިނުމަށް އެހީތެރިވެދޭނެ ބުއިމެއް ކަމަށްވެސް ދިރާސާވެރިން ދެކިލައްވައެވެ.

ބުއިމެއްގެ ގޮތުން އެހާ އާއްމު، އަދި ގިނަބަޔަކު އެހާ ޝައުގުވެރިވާ ކަޅުސަޔަކީ ބުއިމެއްގެ ގޮތުގައި ބޭނުންކުރަން ވަރަށްވެސް މުހިއްމު ބުއިމެކެވެ. ޖިސްމާނީ ގޮތުންނާއި ނަފްސާނީގޮތުން ފައިދާތަކެއް އިންސާނާގެ ހަށިގަނޑަށް ކުރުވާ ކަޅުސައި ބުއިން އެއްމެ ރަނގަޅީ ހަކުރު ނާޅައެވެ.

 

ހަވާލާ: ޔޫ.ސީ.އެލް.އޭ ހެލްތް - 2022