މިހާރު ޖޯޖިއާގައި ކުރިއަށްދާ ޔުއެފާ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ރޭ ކުޅުނު މެޗުތަކަށްފަހު އިންގްލެންޑާއި ސްޕެއިނުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
އިންގްލެންޑުން ވަނީ 3-0 އިން އިޒްރޭލް ބަލިކޮށްފައެވެ. ޔޫކްރެއިންގެ މައްޗަށް ސްޕެއިނުން ވަނީ 5-1 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކުރިހޯދާފައެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފުގެ 42 ވަނަ މިނެޓުގައި އިންގްލެންޑުން ލީޑްނެގީ މޯގަން ގިބްސް-ވައިޓް ކާމިޔާބުކުރި ގޯލުންނެވެ. އޭގެކުރީން، މެޗު ފެށިގެން 17 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދޭން ލިބުނު ޕެނަލްޓީ ގިބްސް-ވައިޓް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ.
މެޗުގެ 63 ވަނަ މިނެޓުގައި އިންގްލެންޑްގެ ދެވަނަ ލަނޑުޖަހައިދިނީ މެންޗެސްޓާ ސިޓީގެ ކޯލް ޕަލްމާ އެވެ. އިންގްލެންޑުން މި މެޗުގައި ޖެހި ތިންވަނަ ލަނޑު، 90 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފަހު ހާފުގައި ކުޅެން ނިކުތް ކެމަރަން އާޗާ އެވެ.
މި މުބާރާތުގައި ރޭ ކުޅުނު ދެވަނަ ސެމީގައި ކުރީން ލީޑްނެގީ ޔޫކްރެއިނުންނެވެ. 13 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ އާޓެމް ބޮންޑަރެންކޯ އެވެ. މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރީން އަބެލް ރުއީޒް އާއި އޮއިހާން ސަންކެޓް ވަނީ ސްޕެއިނަށް ލީޑްނަގައިދީފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ސްޕެއިނުގެ ތިންވަނަ ލަނޑުޖަހައިދިނީ އެންޓޯނިއޯ ބްލާންކޯ އެވެ. އަދި އޭގެފަހުން، އައިމާ އޮރޯޒް އާއި ސާޖިއޯ ގޯމޭޒް ވައްދާލި ލަނޑުތަކާއެކު ސްޕެއިނުން ވަނީ ފަރަގު ބޮޑުކޮށްފައެވެ.
އިންގްލެންޑާއި ސްޕެއިން ބައްދަލުކުރާ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ އާދީއްތަ ދުވަހު ރާއްޖޭގަޑިން ރޭގަނޑު 8 ޖަހާއިރު އެވެ.
