ޗިއާ ސީޑަކީ އިހުޒަމާނުގައި ކާއެއްޗެއްގެ ގޮތުގައި މާބޮޑު އަހަންމިއްޔަތުކަމެއް ދިން އެއްޗެއް ނޫނެވެ. ނަމަވެސް ޒަމާން ބަދަލުވެ ޓެކްނޮލޮޖީ ކުރިއަރައިގެން ގޮސް ޗިއާ ސީޑްގެ ފައިދާތައް މިވަނީ އެންމެނަށް އެނގޭހެން އާންމުވެފައެވެ. މިއީ ގަނދަކޯޅި އާއިލާއަށް ނިސްބަތްވާ ސެލްވިޔާ ހިސްޕެނިޗާ ގަހުގެ އޮށެވެ. ވަރަށް ގިނަ ފައިދާތައް އެކުލެވިފައިވާ މި އޮށުގައި ވަކި ރަހައެއް ނެތުމުގެ ސަބަބުން ހަމަ ކޮންމެ ކާ އެއްޗަކަށް އަޅައިގެންވެސް ބޭނުން ކުރެވޭނެއެވެ. އެންމެ ފައިދާހުރި ކާތަކެތީގެ ލިސްޓްގެ ވަރަށް ކުރީގައި ޗިއާ ސީޑް ހިމެނެއެވެ. ޗިއާ ސީޑްގެ މަޤްބޫލުކަން ބޮޑުވެގެން މި ދިޔައީ ކުއްލިއަކަށެވެ. ނަމަވެސް މިހާރު މި ސީޑަކީ ޑައިޓްކުރުމާއި ސިއްޙަތު ވަކި ގޮތަކަށް ބަހައްޓަށް ބޭނުންވާ މީހުންގެ ކޮންމެ ދުވަހެއްގެ ކެއުމުގައި ހިމެނޭ އެއްޗެކެވެ. އެހެން ކަމުން މިއަދު މި ބަލާލަނީ ގަވާއިދުން ކޮންމެ ދުވަހަކު ޗިއާ ސީޑް ބޭނުންކުރާ ނަމަ ހަށިގަނޑުން ފެންނާނެ ބަދަލު ތަކަށެވެ.
- ކަށިވަރުގަދަވުން
25 ގްރާމް ޗިއާ ސީޑްގައި 157 މިލިގްރާމްގެ ކެލްސިއަމް ހިމެނެއެވެ. މިއީ 100 މިލިލިޓަރ ކިރުގައި ކެލްސިއަމް ހިމެނޭވަރަށް ވުރެވެސް ގިނަ އަދަދެކެވެ. އެހެންކަމުން ޗިއާ ސީޑްގެ ގިނަ ފައިދާތަކުގެ ތެރެގައި ހިމެނޭ އެތައް މިނަރަލްއެއްގެ ސަބަބުން ޗިއާ ސީޑް ބޭނުން ކުރާނަމަ ކަށީގެ ބަލިތަކުން ދުރުވާނެއެވެ.
- ދަތްތައް ވަރުގަދަވުން
ޗިއާ ސީޑްގައި ހިމެނޭ ކެލްސިއަމް، މެގްނީޒިއަމް، ފޮސްފޮރަސް އަދި މެންގަނީޒްގެ ސަބަބުން ދަތްތައް ވަރުގަދަ ވާނެއެވެ. ދަތުގެ ބޭރު ފަށަލަ ގިރުމާއި ދަތްތަކުގެ ބުޑު ހަލާކުވުމުން ދުރުވާނެއެވެ.
- ހަކުރުބަލީގެ ނުރައްކާ ކުޑަކޮށްދިނުން
ލޭގައި ހިމެނޭ ހަކުރު ރަގަޅު ލެވެލްގައި ބެހެއްޓުމަށް އެހީތެރިވަނީ ޕްރޮޓީން، ފައިބަރ އަދި އަންސެޗުރޭޓަޑް ފެޓެވެ. މި ތިން މާއްދާވެސް ޗިއާ ސީޑްގައި އެކުލެވިފައިވާތީ ގަވާއިދުން ޗިއާ ސީޑް ބޭނުން ކުރެވޭ ނަމަ ހަކުރުގެ މިންވަރު ހުންނާނީ ރަގަޅު ހަމައިގައެވެ. ބައެއް ގައުމުތަކުގައި ހަކުރުބަލީގެ މީހުނަށް ފަރުވާ ކުރުމަށްވެސް ޗިއާ ސީޑް ބޭނުން ކުރެއެވެ.
- ބަނޑުހަރުވުމުން ދުރުކޮށްދިނުން
ޗިއާ ސީޑަކީ ފައިބަރއިން މުއްސަނދިވެފައިވާ އެއްޗެކެވެ. އެހެންކަމުން ގަވާއިދުން ޗިއާ ސީޑް ބޭނުން ކުރާނަމަ ހަޖަމްކުރުމުގެ ނިޒާމް ރަގަޅުވާނެއެވެ. ޗިއާ ސީޑްގެ ބޭރުގައިވާ އިންސޮލިއުބަލް ފައިބަރގެ ސަބަބުން ފެނުގައި ފޯކޮށްލުމުން ވަށައިގެން މަސްލާނެއެވެ. މީގެ ސަބަބުން ބަނޑުހަރުވުމުގެ މައްސަލައަށް ޙައްލު ލިބޭނެއެވެ.
- ނިދަން ފަސޭހަވުން
އަރާމުގައި ނިދުމަށް ބޭނުންވާ ދެ ހޯމޯން ކަމަށްވާ މެލަޓޮނިން އަދި ސެރޮޓޮނިން އަކީ ޓްރައިޕްޓޮފަން ކިޔާ އެމިނޯ އެސިޑަކުން އުފައްދާ ދެ ހޯމޯނެވެ. ޗިއާ ސީޑްގައި ޓްރައިޕްޓޮފަން އެކުލެވިފައިވަ ވުމުން ނިދުމުގައި އުނދަގޫ ތަޙައްމަލު ކުރަމުންދާ މީހުންނަށް މީގެ ސަބަބުން ލުޔެއް ލިބޭނެއެވެ.
- ހިތާ ގުޅުން ހުރި މައްސަލަތައް މަދުވުން
ޗިއާ ސީޑްގައި ހިމެނޭ އޮމެގާ-3 އަދި އޮމެގާ-6 ގެ ސަބަބުން ލޭގައި ހިމެނޭ ކޮލެސްޓްރޯލް ދަށްކޮށްދީ، ހަށިގަނޑުގެ އެތެރޭގެ ދުޅަ ތިރިކޮށްދީ އަދި ލޭގެ ޕްރެޝަރ ދަށްކޮށްދޭނެއެވެ. މިކަންކަމުގެ ސަބަބުން ހިތުގެ ބަލިތަކުން ދުރުކޮށްދޭނެއެވެ.
- ހަކަތަ އިތުރުކޮށްދިނުން
ޗިއާ ސީޑްގައި ހިމެނޭ ބީ ވިޓަމިންސް، ދަގަނޑު، ޒިންކް އަދި މެގްނީޒިއަމްގެ ސަބަބުން ހަށިގަނޑު ތާޒާކޮށް ހަކަތަ އިތުރުކޮށްދެއެވެ. ކޮންމެ ބުއިމެއް ބުއި ނަމަވެސް އޭގެތެރެއަށް ޗިއާ ސީޑް އެއްކޮށްލުމަކީ އާދައަކަށް ހަދާށެވެ.
- ޒުވާންކަންމަތީ ގައި ހުރުމަށް އެހީތެރިވުން
އެންޓިއޮކްސްޑެންޓުން މުއްސަނދިވެފައިވާ މި ސީޑްގެ ސަބަބުން ހަމަށް ލިބޭގެއްލުން ރަގަޅުކޮށްދީ ކުރިން ހުރި ގޮތަށް ހުންނަށް އެހީތެރިވެދެއެވެ. އޭގެ އިތުރުން މީގައި ހިމެނޭ ވިޓަމިން-އީގެ ސަބަބުން ހަންގަނޑު ޒުވާންކަންމަތީގައި ބެހެއްޓުމަށް ބާރަކަށް ވެއެވެ.
- ބަރުދަން ލުއިކުރުމަށް އެހީތެރިވެދިނުން
ޗިއާ ސީޑްފައި ހުންނަ ފައިބަރގެ ސަބަބުން ގިނަ ވަގުތަށް ބަނޑުފުރިފައި ހުންނަ ކަމުގެ އިހުސާސް ކުރުވާނެއެވެ. މީގެ ސަބަބުން ކާހިތް ކުޑަވެ އެކަމުގެ ސަބަބުން ބަރުދަން ލުއިވުމަށް ބާރު އަޅައެވެ. ޗިއާ ސީޑް ފެނަށް ލުމުން ބޭރުގައި މަސްލާ އޭގެ ސައިޒު ބޮޑު ވުމުގެ ސަބަބުން ވެސް ބަނޑުފުރިފައި ހުންނަ ކަމަށް ހީވާނެއެވެ. 1-2 ސަމުސާ ޗިއާ ސީޑް ފެންތައްޓަކަށް އަޅާ ގިރާލުމަށް ފަހުން ވަގުތުން ބޯލާށެވެ. ޗިއާ ސީޑަކީ ބަނޑުގައި ޖަހާފައި ހުންނަ ލޮކިމަސްތައް ވިރުވުމަށް އެހީތެރިވުމުގެ ޤާބިލްކަން ލިބިފައިވާ އޮށެކެވެ.
