ޔުއެފާ 21 އަހަރުން ދަށުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފައިނަލްގައި ރޭ ސްޕެއިން 1-0 އިން ބަލިކޮށް އިންގްލެންޑުން ޗެމްޕިއަންކަން ހޯދައިފިއެވެ.
މިއީ އިންގްލެންޑުން މި މުބާރާތް ކާމިޔާބުކުރި ތިންވަނަ ފަހަރެވެ. އަދި މިއީ 1984 ވަނަ އަހަރުގެ ފަހުން އެ ޓީމުން މި މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރު ވެސް މެއެވެ. އޭގެކުރީން، 1982 ވަނަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ވެސް އިންގްލެންޑުންނެވެ. އަނެއްކޮޅުން ރޭގެ މެޗަކީ މި ފަހަރުގެ މުބާރާތުގައި އެ ޓީމުން ބައިކޮޅަށް ލަނޑެއް ވަނަނުދީ ނިންމާލީ ހަވަނަ މެޗެވެ. މިއީ ވެސް މި މުބާރާތުގެ ރެކޯޑެކެވެ.
ޖޯޖިއާގެ ބަޓޫމީގައި ރޭ ކުޅުނު މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، ފުރަތަމަ ހާފުގެ އިތުރުވަގުތުގައި އިންގްލެންޑަށް ކާމިޔާބުކޮށްދިނީ ކާޓިސް ޖޯންސް އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ މެންޗެސްޓާ ސިޓީގެ ކޯލް ޕަލްމާ ފޮނުވާލި ހިލޭޖެހުމެއްގެ އެހީގައި ޖޯންސް ކާމިޔާބުކުރި ގޯލެކެވެ. މި ބޯޅަ ހުއްޓުވުމަށް ސްޕެއިނުގެ ގޯލްކީޕަރު އާނައު ޓެނާސް އަށް މާބޮޑު ކަމެއް ނުކުރެވުނެވެ.
މި ފަހަރުގެ މުބާރާތުގައި 13 ވަރަކަށް ލަނޑުޖެހި ސްޕެއިނުން ވަނީ ފުރަތަމަ ހާފުގައި ލަނޑެއްޖަހައިފައެވެ. ނަމަވެސް، އަބެލް ރުއީޒް ކާމިޔާބުކުރި މި ލަނޑު، އޮފްސައިޑް ކަމަށް ނިންމައި، ރެފްރީ ގަބޫލެއްނުކުރިއެވެ.
އިންގްލެންޑަށް މި މެޗު ކާމިޔާބުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި އެ ޓީމުގެ ގޯލްކީޕަރު ޖޭމްސް ޓްރެފޯޑް ވަނީ ފަހުވަގުތު ކޮޅުގެ ތެރޭގައި ސްޕެއިނުން ފޮނުވާލި ޕެނަލްޓީއެއް މަތަކޮށްފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ސްޕެއިނުގެ ރުއީޒް އަށް އިންގްލެންޑްގެ ޑިފެންޑަރު، ލެވީ ކޯލްވިލް ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ފޮނުވާލީ ވެސް ރުއީޒް އެވެ. ނަމަވެސް، ރުއީޒް ފޮނުވާލި ޕެނަލްޓީ އިންގްލެންޑްގެ ކީޕަރު ޓްރެފޯޑް މަތަކުރިއެވެ. އަދި އޭގެފަހުން ރީބައުންސްގައި ފޮނުވާލި ހަމަލާ ވެސް އޭނާ ވަނީ ހުއްޓުވާފައެވެ.
މި މެޗުގެ އިތުރުވަގުތުގައި އިންގްލެންޑްގެ މޯގަން ގިބްސް-ވައިޓް އާއި ސްޕެއިނުގެ އިންޓޯނިއޯ ބްލަންކޯ އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތެއް ދެއްކުމުން ދެ ޓީމުން ވެސް ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށްނެވެ. ވަރަށް ބޮޑަށް ހޫނުވެގެންދިޔަ މި މެޗުގައި މުޅި ޖުމްލަ 12 ރީނދޫ ކާޑާއި، ދެ ރަތް ކާޑު ފެނިގެންގޮސްފައިވެއެވެ.
ރޭގެ މެޗަށްފަހު މުބާރާތުގެ ވަނަތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމުދިންއިރު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އިންގްލެންޑްގެ ލަނޑުޖަހައިދިން ޖޯންސް އެވެ. މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ އިންގްލެންޑްގެ އެންތަނީ ގޯޑަން އެވެ. އަދި އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާ އަށް ދޭ ރަންބޫޓް ހާސިލްކުރީ ސްޕެއިނުގެ ރުއީޒް އާއި ސާޖިއޯ ގޯމޭޒްގެ އިތުރުން ޔޫކްރެއިންގެ ޖިއޮޖީ ސުޑާކޯވް އެވެ.
