ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދިޔަ "އެސްޓީއޯ ރަމަޟާން ބާޒާރު" ގެ ނަސީބުވެރިން ހޮވާ، އިނާމު ދީފިއެވެ.

މިއީ މިއަހަރުގެ ރަމަޟާން މަހާއި ދިމާކޮށް ކުރިއަށް ގެންދިޔަ ޕްރޮމޯޝަނެކެވެ.

އެސްޓީއޯ އިން ބުނީ މި އަހަރުގެ ޕްރޮމޯޝަނުގެ ބޮޑު އިނާމުގެ ގޮތުގައި ހުށަހަޅާފައިވާ ދެ މީހެއްގެ އުމްރާ ދަތުރު ލިބިފައިވަނީ އަބްދުއްރަހްމާން އަބްދުލް ގާދިރަށް ކަމަށެވެ. 

ބޮޑު އިނާމުގެ އިތުރުން އިތުރު ތިން ނަސީބުވެރިޔަކު ހޮވައި އެ ފަރާތްތަކަށްވެސް އަގުހުރި އިނާމުތަކެއް މި ޕްރޮމޯޝަނުގައި ދީފައިވާ ކަމަށް އެސްޓީއޯ އިން ބުނެއެވެ. އެގޮތުން އެ ތިން ކަސްޓަމަރުންނަށް ލިބިފައިވަނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން މުދާ ނެގުމަށް 4،000 ރުފިޔާގެ ވައުޗަރެވެ.

މިއީ މިއަހަރުގެ ޖެނުއަރީ 22 ން އޭޕްރިލް 29 ގެ ނިޔަލަށް ކުރިއަށްގެންދިޔަ ޕްރޮމޯޝަނެކެވެ.

ރަމަޟާން މަހާއި ދިމާކޮށް ރާއްޖޭގައި ބާއްވާ ޕްރޮމޯޝަންތަކުގެ ތެރެއިން އެންމެ މަގުބޫލު ނުވަތަ އެންމެގިނަ ބައެއްގެ ތަރުހީބު ލިބިފައިވާ އެއް ޕްރޮމޯޝަނަކީ އެސްޓީއޯ ރަމަޟާން ބާޒާރެވެ.