ލޭގެ ޕުރެސަރު މަތިވުމާއި ކޮލެސްޓްރޯލު މަތިވުމާއި އަދި ހަކުރު މަތިވުންފަދަ ބަލިތަކުގައި ކަސްތަރު ކުރުމަކީ ވަރަށްވެސް މުހިއްމު ކަންކަމެވެ. ކަސްރަތުގެ ގޮތުގައި އަހަރެމެން ދިވެހިންގެ ތެރޭގައި ކުރެވޭ އެއްމެ އާއްމު ކަންކަމަކީ ހިނގުމާއި ދުވުމެވެ. ހިނގުމާއި ދުވުމާއި މި ދެ ކަންތަކުންކުރެ، އިންސާނާގެ ހަށިގަނޑަށް އެންމެ ފައިދާކުރާނީ ކޮން ކަމެއް ކުރުމުން ތޯއެވެ؟

އެމެރިކާގައި މިކަމަށް ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ހިތުގެ މައްސަލަތައް ހުންނަ މީހުނަށް ދުވުމާއި އެއްވަރަށް ހިނގުމުންވެސް ފައިދާ ކުރެއެވެ. ފުޅާދާއިރާއެއްގައި ކުރެވުނު މިދިރާސާގައި ގިނަ ދުވަހު ދުވެ އަދި ދިގު މުއްދަތަކަށް ހިނގާ މީހުން ބައިވެރި ކުރެވުނެވެ. ނަތީޖާއިން އެނގުނު ކަމަކީ ދެކަމަކީ ވެސް ލޭގެ ޕްރެޝަރ ރަގަޅުކޮށް، ކޮލެސްޓްރޯލް ދަށްކޮށް، ހަކުރު ހަމައަކަށް އެޅުވުމުގެ އިތުރުން ހިތުގެ ބަލިތަކާ ގުޅުން ހުރި މައްސަލަތަކަށް އެއްވަރަކަށް ހައްލު ލިއްބައިދޭ ކަންކަން ކަމެވެ.

 މި ދިރާސާގައި 63،000 އަށްވުރެ ގިނަ ދުވާ މީހުނާ، 42،000 ހިނގާމީހުން ބައިވެރި ކުރެވުނެވެ. ދެ ޖިންސުގެ މީހުން ބައިވެރިވި މިދިރާސާގައި އުމުރުން 18 އަހަރާއި 80 އަހަރާއި ދެމެދުގެ މީހުން ހިމެނެއެވެ. ކޮންމެ ބައިވެރިޔަކުވެސް ހަފްތާއަކު ދުވުނު ނުވަތަ ހިނގި ދުރުމިނާއި، އެކަމަށް ހޭދަވި ވަގުތާ އެހެން ކަސްރަތެއް ކުރިނަމަ އެ މަޢުލޫމާތުވެސް މި ދިރާސާގައި ހިމެނިއެވެ.

6 އަހަރު ފަހުން އަނެއްކާ އެމީހުންގެ ސިއްޙީމައުލޫމާތު އެއްކޮށް، ކުރީ ގެ ރެކޯޑާ އަޅާކިޔާފައި ވެއެވެ. އަދި މި މުއްދަތުގައި އިތުރު ސިއްހީ މައްސަލައަކާ ގުޅިގެން ބޭހެއް ބޭނުންކުރިނަމަ އެކަންވެސް ނޯޓް ކުރެވުނެވެ. އެމެރިކާގެ ލޯރެންސް ބާރކްލޭ ނެޝަނަލް ލެބޯޓަރީ އަދި ހާރޓްފޯރޑް ހޮސްޕިޓަލް އިން ކުރި މި ދިރާސާގެ ޖުމްލަ ނަތީޖާއަކީ ދުވުމާއި ހިނގުމަކީވެސް އެއްވަރަކަށް ސިއްޙީ ފައިދާ ލިބޭ ދެ ކަންތައްކަމެވެ. ނަމަވެސް ދުވުމަކީ ވަރުގަދަ ކަސްރަތަކަށްވެފައި ބުންވަރު ދަށް މީހުނާއި އެހެންވެސް ސިއްޙީ އުނދަގޫ ހުންނަ މީހުނަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހިނގުމަކީ ހަމަ ކޮންމެ މީހަކަށްވެސް މަޑުމަޑުން ނަމަވެސް ކުރެވިދާނެ ކަމެކެވެ. ހިނގާކަށް ވަކި ބާރުމިނެއް ނެތެވެ. އެމީހަކަށް ހިނގޭ އެންމެ ބާރު މިނެއްގައި ހަފްތާއަކު 150 މިނިޓް ހިނގާލުމުން ފުދެއެވެ.

ބުންވަރު ގަދަކުރަން ދުވާ މީހުނާއި ވަކި ވަރެއްގައި ފިޓްނަސް ބަހައްޓަން ދުވާ މީހުންނަކީ މި ގިންތިއަށް ފެތޭބައެއް ނޫނެވެ. ހަމަ އެގޮތަށް ބަރުދަން ލުއިކުރަން ދުވާމީހުންވެސް ވިސްނަން ޖެހޭ ކަމަކީ ބަރުދަން ލުއިވާނީ ގިނައިން ހަކަތަ އެންދިވަރަކަށް ކަމެވެ. އެއް ކިލޯމީޓަރަށް ދުވަން ބޭނުންވާ ހަކަތަ ހަމަ އެ ދުރުމިނަށް ހިނގަން ހޭދައެއް ނުވެއެވެ. އެހެންކަމުން މި ޙާލަތުގައި (ބަރުދަން ލުއިކުރަން އެދޭނަމަ) ރަގަޅީ ދުވެވޭ ނަމަ ދުވުމެވެ. ނަމަވެސް ހުޅުތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމަށް ފަރުވާ ނުކޮށް ނުދުވުމަށް ސިއްޙީމާހިރުން އިރުޝާދު ދެއެވެ.

ޖުމުލަކޮށް ދުވުމާއި ހިނގުމުގައި ތަފާތު ކަމެއް ނެތެވެ. ހިތުގެ މައްސަލަތައް ހުންނަ ނަަމަ ކޮންމެހެން ދުވާކަށް ނުޖެހެއެވެ. ނަމަވެސް ބަރުދަން ލުއިކޮށް ބުންވަރު އިތުރުކުރަން އެދޭނަމަ ޖެހޭނީ ދުވާށެވެ. ކަންމިހެން ހުރިނަމަވެސް ދުވުމާއި ހިނގުމަކީ އޭގެ ފައިދާ ދާދި އެއްވަރަކަށް އިންސާނާއަށް ކުރުވާ ކަމެކެވެ. ތަފާތުވަނީ ހާސިލް ކުރަން ބޭނުންވާ މަގުސަދާއި، ތިމާގެ ހާލަތެވެ. ކުރަން ގަސްތުކުޅަ ކަމެއް ބިނާވެގެންދަނީވެސް ތިމާގެ ހާލަތާއި ހާސިލްކުރަން ބޭނުންވާ ނަތީޖާ އާއެވެ.