އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި "ޕެޓް ސްކޭން" ޚިދުމަތަށް ބޭނުންވާ މެޝިނަރީ ހޯދުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާ ހަވާލުކޮށްފިއެވެ.

ކެންސަރު ބައްޔާއި ގުޅިގެން ރާއްޖެއިން ބޭރުން އެންމެ ގިނައިން ހޯދާ ޚިދުމަތަށް ބޭނުންވާ ޕެޓް ސްކޭން ގެ ޚިދުމަތަކީ ކެންސަރު ބަލި ތަޙައްމަލުކުރާ މީހުން، ރާއްޖެއިން ބޭރަށް ފަރުވާއަށް ފޮނުވަންޖެހޭ މައިގަނޑު އެއް ސަބަބެވެ.

އެހެންކަމުން މި މެޝިނަރީ ގެނެސް، ޚިދުމަތް ދޭން ފެށުމުން ރައްޔިތުން އުފުލަމުންދާ މި ތަކުލީފަށް ނިމުން އަންނާނެއެވެ.

ދެ މަސް ދުވަހުގެ ތެރޭގައި މިކަމާއި ގުޅޭ ވަސީލަތްތައް ގެނެސް ޚިދުމަތަށް ތައްޔާރުވުމަށް އެއްބަސްވުން އެކުލަވާލާފައިވާއިރު، ހެލްތް މިނިސްޓްރީން ބުނީ މެޝިން ބަހައްޓާ ނިންމުނުހާ އަވަހަށް ޚިދުމަތް ފަށާނެކަމަށެވެ.

މިކަމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތްގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޝާހު މާހިރެއެވެ. އައިޖީއެމްއެޗްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އިބްރާޙިމް ސަލީމް އަދި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އަޙުމަދު ނިހާދުއެވެ.

މިހާރު ރާއްޖެއިން ޕެޓް ސްކޭން ހެދެން ނެތުމުގެ ސަބަބުން، ހަމައެކަނި މި ސްކޭން ހެދުމަށް ރާއްޖެއިން ބޭރަށް ބަލި މީހުން ފޮނުވަންޖެހެއެވެ. އޭގެ ބަދަލުގައި ރާއްޖެއިން މި ޚިދުމަތް ލިބުމަކީ، އާއްމު މީހާގެ އަތުން ކުރާ ޚަރަދު ސަލާމަތްވެ ބަލިމީހާއަށްވެސް އޭގެ ބޮޑު ލިއފަސޭހައަކަށެވެ.

ތަފާސް ހިސާބުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީއަށް ބަލާއިރު ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުން އަންނައިރު، ރާއްޖޭގައި މަރުވާ މީހުންގެ 84 އިންސައްތަ މީހުންނަކީ ގައިންގަޔަށް ނާރާ ބަލިތަކުގައި މަރުވާ މީހުންނެވެ.

އާސަންދައިގެ ޚަރަދުތަކަށް ބަލާއިރުވެސް، އެންމެ ބޮޑު ޚަރަދެއް ހިނގަނީ ކެންސަރު ފަދަ ބަލިތަކަށް ރާއްޖެއިން ބޭރުން ހޯދާ ފަރުވާއަށް ކަމަށް ތަފާސް ހިސާބުން ދައްކައެވެ.

ރާއްޖޭގައި ކެންސަރުބައްޔާއި ގުޅޭ ތެރަޕީގެ ޚިދުމަތްތައްދޭ މައި ހޮސްޕިޓަލް، ހުލުމާލޭ ހޮސްޕިޓަލްގައި މިހާރުވެސް 1200 އަށްވުރެ ގިނަ ކެންސަރ ޕޭޝަންޓުން ރެޖިސްޓްރީކޮށް ފަރުވާ ހޯދަމުންދެއެވެ.

މިހާރު ރާއްޖެއިން ބޭރަށް ޕޭޝަންޓުން ފޮނުވަން ޖެހޭ އެންމެ ބޮޑު ސަބަބަކީ، ރާއްޖެއިން މިހާތަނަށްވެސް ހެދެން ނެތް "ޕޮސިޓްރޮން އެމިޝަން ޓޮމޮގްރަފީ" ޕެޓް ސްކޭންގެ ޚިދުމަތް ހޯދުމަށެވެ. 

މިއީ ހަށިގަނޑުގައި ކެންސަރު ބަލި ހުރިތޯ ބެލުމަށާއި ކެންސަރު ބަލި ފެތުރޭ މިންވަރު ބަލަން ހަދާ ޓެސްޓެކެވެ.

ހެލްތު މިނިސްޓްރީން ބުނެފައިވާ ގޮތުގައި ކެންސަރު ބަލީގެ ފަރުވާއާއި ގުޅިގެން އަހަރަކު 1000އަށްވުރެ ގިނަ މީހުން ރާއްޖެއިން ބޭރަށް ފޮނުވައެވެ.

ހެލްތް މިނިސްޓްރީން ބުނީ އައިޖީއެމްއެޗްގައި ޕެޓް ސްކޭންގެ ޚިދުމަތް ފެށުމަށް ނިންމި އެންމެ ބޮޑު ސަބަބަކީ ވެސް، ރާއްޖެއިން ބޭރުން މި ޚިދުމަތް ހޯދުމަށް އެކަމަށް އާންމުންނާއި ސަރުކާރުން ކުރަމުން އައި ބޮޑު ހޭދަ ކުޑަކުރުން ކަމަށެވެ.