އުރީދޫ މޯލްޑިވްސް އިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ މަސްވެރިކަމުގެ މުބާރާތް ކަމަށްވާ އުރީދޫ މަސްރޭސް 2023 ގެ ރަޖިސްޓްރޭޝަން މަރުހަލާ ކާމިޔާބުކަމާ އެކު ނިންމާލައިފިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މަސްވެރިކަމަށް ޝައުގުވެރިވާ ފަރާތްތަކުގެ ފަރާތުން ހީވެސް ނުކުރާ ވަރުގެ ތަރުހީބަކާއެކު މިއަހަރުގެ މަސްރޭސްގައި ބައިވެރިވުމަށް ޖުމްލަ ރެޖިސްޓަރ ކުރި 83 ޓީމާއެކު މި އަހަރުގެ އުރީދޫ މަސްރޭސް ވެގެންދާނީ ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މަސްވެރިކަމުގެ މުބާރާތަށެވެ. 

އުރީދޫ މޯލްޑިވްސްގެ 18 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މަސްރޭސް 2023 ވަނީ މާލެ ސިޓީ، ކުޅުދުއްފުށި ސިޓީ، އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީއަށް ވަނީ ފުޅާކޮށްފަ އެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ ކޮންމެ ސިޓީއެއްގައިވެސް ތިރީގައިމިވާ ތާރީޚުތަކުގައެވެ.

·         މާލެ ސިޓީ: އޮގަސްޓް މަހުގެ 4 ވަނަ ދުވަހު

·         ކުޅުދުއްފުށި ސިޓީ: އޮގަސްޓް 11

·         އައްޑޫ ސިޓީ: އޮގަސްޓް 18

·         ފުވައްމުލައް ސިޓީ: އޮގަސްޓް 25

މާލެއިން 34 ޓީމު ބައިވެރިވާ އިރު ކުޅުދުއްފުށި ސިޓީން 23 ޓީމާއި އައްޑޫ ސިޓީގެ 13 ޓީމަކާއި ފުވައްމުލައް ސިޓީގެ 13 ޓީމަކާއެކު ކޮންމެ ޓީމެއްވެސް އެ ޓީމެއްގެ ސިޓީގައި ޗެމްޕިއަންކަން ހޯދުމަށް ވާދަކުރާއިރު މުބާރާތުގެ ފޯރި އާއި ވާދަވެރިކަން އެހެން އަހަރުތަކަށް ވުރެ ވަރުގަދަވެގެންދާނެއެވެ. އުރީދޫ މަސްރޭސް ރެކޯޑް މުގުރާލާ މިދިޔަ އަހަރު ޗެމްޕިއަންކަން ހޯދި ސްޓެލްކޯ ކަންބަލުން ޓީމުން މިއަހަރުވެސް ވާދަކުރާކަން އެކުންފުނިން ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. އަންހެން ޓީމަކުން ނިކުމެ ރިކޯޑް އަދަދެއްގެ މަސްބާނާ ހޯދި މި ކާމިޔާބީން ދައްކުވައިދެނީ ހަމަހަމަކަމުގެ ރޫހެވެ. 

ޖުމްލަ 160،000 ރުފިޔާގެ އިނާމު ދިނުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭއިން ކޮންމެ ސިޓީއަކުން މޮޅުވާ ޓީމުތަކަށް ތިރީގައިވާހެން ފައިސާގެ އިނާމު ލިބިގެންދާނެއެވެ.

·         އެއްވަނަ ޓީމް: 25،000 ރުފިޔާ

·         ދެ ވަނަ ޓީމް: 10،000 ރުފިޔާ

·         3 ވަނަ ޓީމް: 5000 ރުފިޔާ

·         އެންމެ މޮޅު ފިރިހެން ކެޔޮޅު: 1000 ރުފިޔާ

·         އެންމެ މޮޅު އަންހެން ކެޔޯޅު: 1000 ރުފިޔާ

އުރީދޫ މޯލްޑިވްސްއިން ވަނީ މަސްރޭސް 2023 އަށް ރަޖިސްޓްރީކުރި ހުރިހާ ޓީމަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ލިބުނު ބޮޑު އެއްބާރުލުމަކީ މި ހަރަކާތުގެ ސަބަބުން މަސްވެރިކަމަށް ލޯބި ކުރާ ފަރާތްތަކުގެ ތެރޭގައި އުފެދުނު އުފާވެރިކަމާއި ޝައުގުވެރިކަން ދައްކުވައިދޭ ކަމެކެވެ.