ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗް އާއި ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބައްދަލުކުރަން ޖެހިއްޖެއެވެ.

މިއީ މި މުބާރާތުގެ ފައިނަލަށް ޖޮކޮވިޗް ދަތުރުކުރި ނުވަވަނަ ފަހަރެވެ. އަދި މިއީ އޭނާގެ 35 ވަނަ ގްރޭންޑް ސްލޭމް ފައިނަލެވެ. އެއްވަނަ އަށް ސީޑްކުރެވިފައިވާ އަލްކަރާޒްގެ މިއީ ވިމްބަލްޑަންގެ ފުރަތަމަ ފަައިނަލެވެ. މީގެއިތުރުން، މި ފަހަރުގެ ވިމްބަލްޑަން ކާމިޔާބުކޮށްފިނަމަ 24 ގްރޭންޑް ސްލޭމް ޓެނިސް މުބާރާތާއެކު ރެކޯޑެއް ގާއިމްކުރުމުގެ ފުރުޞަތު ޖޮކޮވިޗަށް އެބައޮތެވެ.

ޖޮކޮވިޗް، 36، ޖެހިޖެހިގެން ފަސްވަނަ ފަހަރަށް ވިމްބަލްޑަން ފައިނަލަށް ދަތުރުކުރީ ސެންޓަ ކޯޓްގައި އިއްޔެ ކުޅުނު ސެމީގައި، މުބާރާތުގެ 8 ވަނަ އަށް ސީޑްކުރެވިފައިވާ އިޓަލީގެ ޔަނިކް ސިނާ އަތުން ސީދާ ތިން ސެޓުން މޮޅުވެގެންނެވެ.

ގާތްގަނޑަކަށް ދެ ގަޑިއިރާއި 47 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް ޖޮކޮވިޗް ގެންދިޔައީ 6-3، 6-4 އަދި 7-6 (7-4) އިންނެވެ.

މެޗަކުން މޮޅުވުމަށްފަހު ނޮވަކް ޖޮކޮވިޗް އުފާ ފާޅުކުރަނީ. --ފޮޓޯ: ވިމްބަލްޑަން

މުބާރާތުގެ ދެވަނަ ސެމީގައި އަލްކަރާޒް ވަނީ ރަޝިއާގެ ޑެނީލް މެޑްވެޑޭވް އަތުން ސީދާ ތިން ސެޓުން މޮޅުވެ، ފައިނަލުން ޖާގަ ހޯދާފައެވެ. މި މެޗުގެ ސެޓުތައް އަލްކަރާޒް ގެންދިޔައީ 6-3، 6-3، އަދި 6-3 އިންނެވެ.

އަލްކަރާޒް، 20،  އަކީ 2007 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ރަފައެލް ނަޑާލް ވާދަކުރި ފަހުން ވިމްބަލްޑަންގެ ފައިނަލެއްގައި ކުޅޭ އެންމެ ހަގު ކުޅުންތެރިޔާ އެވެ.

މި ދެ ކުޅުންތެރިން އެންމެ ފަހުން ވާދަކުރީ ފްރެންޗް އޯޕަންގެ ސެމީގައި ޖޮކޮވިޗް ވަނީ 6-3، 5-7، 6-1 އަދި 6-1 އިން އަލްކަރާޒްގެ މައްޗަށް ކުރިހޯދާފައެވެ. މި މެޗުގައި އަލްކަރާޒް އަށް އެކި ފަހަރުމަތިން އަނިޔާވެގެން ފަރުވާދީފައިވާއިރު، އެ މެޗަށްފަހު ދިން އިންޓަވިއުއެއްގައި އަލްކަރާޒް ވަނީ ފިޒިކަލީ އަދި މެންޓަލީ މެޗެއްގެ ތެރެއިން އެވަރުގެ ޕްރެޝަރަކާ ކުރިމަތިނުލާ ކަމަށް ބުނެފައެވެ.

ސެމީގައި ޑެނީލް މެޑްވެޑޭވްއާ ދެކޮޅަށް ކާލޯސް އަލްކަރާޒް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ވިމްބަލްޑަން

2016 ވަނަ އަހަރުގެ ފަހުން ވިމްބަލްޑަންގައި ކުޅުނު އެއްކޮށް ފުރިހަމަކުރި މެޗަކުން ބަލިވެފައިނުވާ، ޖޮކޮވިޗް މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވާ ސެންޓަ ކޯޓުގައި 2013 ގެ ފަހުން ބަލިވެފައެއްނުވެއެވެ. ސެންޓަ ކޯޓުގައި އެންމެ ފަހުން ކުޅުނު 34 މެޗުން ވެސް އޭނާ ވަނީ މޮޅުވެފައެވެ.

މާދަމާ ކުޅޭ ފައިނަލްގައި ޖޮކޮވިޗާއި ދެކޮޅަށް ނިކުންނައިރު، މިއީ އަލްކަރާޒް އާއި ޖޮކޮވިޗްގެ ތިންވަނަ ކުރިމަތިލުމެވެ. މިހާތަނަށް ކުޅުނު ދެ ފަހަރުގެ ތެރެއިން ކޮންމެ މެޗަކުން ކުޅުންތެރިއަކު މޮޅުވެފައިވެއެވެ.

މި ފަހަރުގެ ވިމްބަލްޑަން އަންހެން ސިންގަލްސް ފައިނަލްގައި މިއަދު ޓިއުނީޝިއާގެ އޮންސް ޖެބޯ ނިކުންނާނީ ޗެކްރިޕަބްލިކްގެ މާކީޓާ ވޮންޑްރޫސޯވާއާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން އިރުއޮއްސި ހައެއް ޖަހާއިރު އެވެ.