ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމަށްވާ، ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި ވެމްކޯ އިން 3-2 ގެ ނަތީޖާއަކުން ޓީމް އެފްއެސްއެމް އަތުން މޮޅުވިއިރު ސްޓެލްކޯ ކްލަބާ ދެކޮޅަށް މޯލްޑިވިއަން ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ.

މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕް ގާތްގަނޑަކަށް 43 ދުވަހަށް ދިގުދެމިގެންދާއިރު، ހަތަރު މުބާރާތް އެކުއެކީގައި ކުރިއަށް ގެންދާނެ އެވެ. އެގޮތުން، ކުރީން ކުޅެމުންއައި ކްލަބް މޯލްޑިވްސް ކަޕާއި، 18/30 ފިއެސްޓާގެ އިތުރުން މިފަހަރު މުޅިން އަލަށް ތަޢާރަފްކުރާ ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް އަދި 18/30 ކްލަސިކްގެ ނަމުގައި މުބާރާތެއް ކުޅުމަށް ހަމަޖެހިފައިވެއެވެ.

ހުޅުމާލެގައި ހުންނަ ރެހެންދި ފުޓްސަލް ދަނޑުގައި ކުޅުނު މެޗުގައި ވެމްކޯ އިން ލީޑްނެގީ ހާފުގެ އަރިމަތިން ހަނިއޭންގަލަކުން އެ ޓީމުގެ ކެޕްޓަން އަލީ ޝިޔާހު (ޝިޔަޅޭ) ކާމިޔާބުކުރި ގޯލުންނެވެ. އޭގެފަހުން، އެ ޓީމުގެ އިސްމާއިލް ވަޖީހު (ވައްޖެ) ހުސްކޮށްލާފައި ދިން ބޯޅައަކުން މުޅިން ހުހަަށް ހުރެ އަލީރެޒާ ޝެއިޚްލާރް ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރީން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ވެމްކޯގެ މުސައްނިފް މުޙައްމަދު (މުއްސެ) އެ ޓީމުގެ ތިންވަނަ ލަނޑުޖަހައިދިންއިރު، އޭގެ މާގިނައިރު ތަކެއް ނުވަނީސް އެފްއެސްއެމްގެ ފުރަތަމަ ލަނޑުޖެހީ މުޙައްމަދު ތޯހިރު އެވެ. އަދި އޭގެފަހުން، އެފްއެސްއެމްގެ މުޙައްމަދު ޝާން ވައްދާލި ލަނޑާއެކު އެ ޓީމުން ފަރަގު ކުޑަކުރިއެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ކެޕްޓަން ޝިޔާހު (ޝިޔަޅޭ) އެވެ.

ގްރޫޕް އޭ ގައި ހިމެނޭ ސްޓެލްކޯއާ ދެކޮޅަށް މޯލްޑިވިއަން ކުޅުނު މެޗުގައި އެ ޓީމުގެ ހަމްދާން އަބްދުއްސައްތާރު ވައްދާލި ލަނޑުން އެ ޓީމު މޮޅުވާން ދަނިކޮށް އެންމެ ފަހު ވަގުތު ކޮޅުގެ ތެރޭގައި ސްޓެލްކޯ އަށް ޕޮއިންޓެއް ހޯދައިދިނީ އަލީ މާއިސް (މައްޓު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ މޯލްޑިވިއަންގެ ގޯލްކީޕަރު މުޙައްމަދު ސިޔާޒު އެވެ. އޭނާ ވަނީ މި މެޗުގައި ސްޓެލްކޯ އިން ފޮނުވާލި ގިނަ ހަމަލާތަކެއް މަތަކޮށްފައެވެ.

މި ގްރޫޕްގައި ހިމެނޭ ޓީމް އެމްޓީސީސީއާ ބަރޮސް މޯލްޑިވްސް ބައްދަލުކުރި މެޗު ނިމުނީ ވެސް ދެ ޓީމު އެއްވަރުވެގެންނެވެ. މި މެޗުގައި އެމްޓީސީސީގެ ލަނޑުޖަހައިދިނީ އަލީ ނާފިއު (ކަޅޭ) އެވެ. ބަރޮސްގެ ލަނޑުޖެހީ ސަފްވާނު އަދުނާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްޓީސީސީގެ ނާފިއު (ކަޅޭ) އެވެ.

ގްރޫޕް ބީ ގައި ރޭ ކުޅުނު މެޗުގައި އުރީދޫން ވަނީ 2-2 އިން އާރްއޯއެލްއާ އެއްވަރުވެފައެވެ. އާރްއޯއެލްގެ ލަނޑުތައް ޖަހައިދިނީ އައިހަމް ސައީދު އާއި ހުސެއިން ފަޔާޒް އެވެ. އުރީދޫގެ ލަނޑުތައް ޖެހީ މުޙައްމަދު އަނަސް އާއި ހުސެއިން ޝަރީފް އެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އުރީދޫގެ ޝަރީފް އެވެ.

ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގައި ރޭ ކުޅުނު މެޗުތަކަށް ބަލާއިރު ގްރޫޕް އޭ ގައި ހިމެނޭ ޓްރޭޑް ކްލަބު އަތުން އޭސީސީ ރެކްރިއޭޝަން ކްލަބު 2-1 އިން މޮޅުވިއިރު، ގްރޫޕް ބީ ގައި ހުޅުމާލެ ހޮސްޕިޓަލްއާ އެޗްޕީއެސްއެން ބައްދަލުކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.