އިނގިރޭސިވިލާތުގެ އެންމެ އަގުބޮޑު ކުޅުންތެރިޔާގެ ގޮތުގައި ވެސްޓް ހޭމް ޔުނައިޓެޑްގެ ކެޕްޓަން ޑެކްލަން ރައިސް، އާސެނަލަށް ބަދަލުވެއްޖެއެވެ.

ރައިސް، 24، އާސެނަލަށް ބަދަލުވީ ބޯނަހާއެކު ރެކޯޑް ޓްރާންސްފާ ފީ އެއް ކަމަށްވާ 137.5 މިލިއަން އެމެރިކާ ޑޮލަރު (105 މިލިއަން ޕައުންޑް) އަށެވެ. އޭނާ ވަނީ ފަސް އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ރައިސް އަކީ އާސެނަލްގެ ތާރީޚުގައި ވެސް އެ ޓީމަށް މިހާތަނަށް ބަދަލުވި އެންމެ އަގުބޮޑު ކުޅުންތެރިޔާ އެވެ.

މީގެކުރީން، އިނގިރޭސި އެންމެ އަގުބޮޑު ޑީލެއްގެ ގޮތުގައި އޮތީ 2021 ވަނަ އަހަރުގެ ސީޒަނަށް އެސްޓަން ވިލާ އަށް 130 މިލިއަން ޑޮލަރު (100 މިލިއަން ޕައުންޑް) ދީފައި މެންޗެސްޓާ ސިޓީން ގެނައި ޖެކް ގްރީލިޝް އެވެ. އެކަމަކު، ރައިސްގެ ޓްރާންސްފާ މި ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ. އެހެންނަމަވެސް، މިހާތަނަށްއައިއިރު އިނގިރޭސި ކްލަބަކުން އެންމެ ބޮޑު އަގުގައި ގެނައި ކުޅުންތެރިއަކީ މިދިޔަ ޖަނަވަރީ މަހުގައި ޕޯޗުގަލްގެ ބެންފީކާ އަށް 106.8 މިލިއަން ޕައުންޑް ދީފައި ޗެލްސީން ގަތް އާޖެންޓީނާގެ މިޑްފީލްޑަރު އެންޒޯ ފެނާންޑޭޒް އެވެ.

"މިދިޔަ ދެ ތިން ސީޒަނުގައި އާސެނަލްގެ ކުޅުން އަހަރެން ވަރަށް ރަނގަޅަށް ބެލިން،" ރައިސް ބުންޏެވެ.

އާސެނަލަށް ބަދަލުވުމަށްފަހު ޑެކްލަން ރައިސް (މ) އެ ޓީމުގެ ޖާޒީ ދައްކާލަނީ. --ފޮޓޯ: އާސެނަލް

ރައިސް ބުނީ، މިދިޔަ އަހަރުގެ ކުރީ ސީޒަނުގައި އާސެނަލުން ތާވަލްގެ ފަސްވަނައިގައި ނިންމާލިނަމަވެސް އެ ޓީމުގެ ކޯޗު މިކޭލް އާޓޭޓާގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ ސްޓައިލާއި ހޯދަމުން އަންނަ ކުރިއެރުންތައް އެންމެންނަށް ވެސް ފާހަގަވެގެންގޮސްފައިވާ ކަމަށެވެ.

"ނިމިދިޔަ ސީޒަނުގައި އާސެނަލްގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންގޮސްފައިވޭ. އެ ޓީމުން ވަނީ މެންޗެސްޓާ ސިޓީ ފިޔަވައި ހުރިހާ ޓީމެއްގެ މައްޗަށް ކުރިހޯދާފަ." ރައިސް ބުންޏެވެ.

ނިންމާލަމުން ރައިސް ބުނީ، ފުޓްބޯޅައިގައި އަޖައިބު ކުރަނިވި  ފުރުޞަތުތައް ތަނަވަސްވާ ކަމަށާއި، އެގޮތުން އާސެނަލް ކަހަލަ ބޮޑު ކްލަބަކުން އޭނާގެ ސޮއި ހޯދުމަށް ގަދައަޅާ މަސައްކަތްކުރުމުން އެ ފަދަ ހުށަހެޅުމަކަށް ފުރަގަސްދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ރައިސް އަކީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އާސެނަލުން ގެނައި ތިންވަނަ ކުޅުންތެރިޔާ އެވެ. އާސެނަލުން 65 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އަކަށް ޗެލްސީން ކައި ހަވާޓްޒް ގެނައިއިރު އަޔެކްސް އެމްސްޓެޑަމް އަށް ކުޅެމުންއައި ނެދަލެންޑްސްގެ ޒުވާން ޑިފެންޑަރު ޔޫރިއަން ޓިމްބާގެ ސޮއި ހޯދީ 38.6 މިލިއަން ޕައުންޑްގެ ފީ އަކަށެވެ.