ވިމްބަލްޑަން އަންހެން ސިންގަލްސް ފައިނަލްގައި ޓިއުނީޝިއާގެ އޮންސް ޖެބޯ ބަލިކުރުމަށްފަހު ޗެކްރިޕަބްލިކްގެ މަކޭޓާ ވޮންޑްރޫސޯވާ ޗެމްޕިއަންކަން ހޯދައިފިއެވެ. 

މި މެޗުން ބަލިވުމާއެކު ޖެބޯ އެންމެ ފަހުން ކުޅުނު ތިން ގްރޭންޑް ސްލޭމް ފައިނަލުން ވެސް ވަނީ ނާކާމިޔާބީއާ ކުރިމަތިލާންޖެހިފައެވެ. މިދިޔަ އަހަރުގެ ވިމްބަލްޑަން ފައިނަލްގައި އެލީނާ ރައިބަކީނާ އަތުން ޖެބޯ ބަލިވިއިރު، އެ ފަހަރުގެ ޔޫއެސް އޯޕަން ފައިނަލުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނީ އިގާ ސްވިއަޓެކް އަތުން ބަލިވުމުންނެވެ. އަނެއްކޮޅުން، މިއީ ވޮންޑްރޫސޯވާގެ ފުރަތަމަ ގްރޭންޑް ސްލޭމް ތަށްޓެވެ. 

ސެންޓަ ކޯޓުގައި މިރޭ ކުޅުނު މެޗުގެ ސެޓުތައް ވޮންޑްރޫސޯވާ ގެންދިޔައީ 6-4، 6-4 އިންނެވެ. މި ދެ ސެޓުގައި ވެސް ހަވަނަ އަށް ސީޑްކުރެވިފައިވާ  ޖެބޯ ކުރީން ލީޑްނެގިއިރު ފުރަތަމަ ސެޓުގެ އެންމެ ފަހު ހަތަރު ގޭމް ކާމިޔާބުކުރީ ވޮންޑްރޫސޯވާ އެވެ. އަދި އޭގެފަހުން، ފަހު ސެޓުގެ އެންމެ ފަހު ތިން ގޭމް ކާމިޔާބުކުރީ ވެސް އޭނާ އެވެ. 

މިފަހަރުގެ ފައިނަލް މެޗާ ހަމައަށް އައިއިރު މޮޅު ކުޅުމެއް ދެއްކި ޖެބޯ އަށް މިރޭގެ މެޗުގައި ގިނަ ގޯސްތަކެއް ހެދިފައިވާއިރު އޭނާގެ ސާވްތަކުން ކާމިޔާބުކުރެވުނީ އެންމެ 40 ޕަސެންޓެވެ. އެއީ މުޅި މުބާރާތުގައި މިހާތަނަށް އޭނާ ދަމަހައްޓަމުންއައި 90 ޕަސެންޓްގެ ސާވްތައް ކާމިޔާބުކުރުމުގެ ރެކޯޑާ އަޅާ ބަލާއިރު ވަރަށް ދަށް އަދަދެކެވެ.

އޮންސް ޖެބޯ މާޔޫސްވެފައި. --ފޮޓޯ: ވިމްބަލްޑަން

"މިއީ އަހަރެންގެ ކެރިއަރުގައި ކުރިމަތިވި އެންމެ ބޮޑު ބަލި،" މެޗަށްފަހު ޖެބޯ ބުންޏެވެ.

މިދިޔަ އަހަރުގެ ޓެނިސް ސީޒަނުގައި އަތްތިލަ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ހަ މަސް ދުވަހަށް ކުޅުމާ ދުރަށް ދާން ޖެހުނު ވޮންޑްރޫސޯވާ، މި ފަހަރުގެ މުބާރާތުގައި ސީޑްކުރެވިފައި އޮތީ 42 ވަނައިގައެވެ. 

އެހެންކަމުން، ވޮންޑްރޫސޯވާ، 24، އަކީ ވިމްބަލްޑަންގެ ތާރީޚުގައި އެ މުބާރާތް ކާމިޔާބުކުރި ހަމައެކަނި ސީޑްނުކުރެވޭ ކުޅުންތެރިޔާ އެވެ.

ފައިނަލް މެޗަށްފަހު ވާހަކަ ދައްކަމުން ވޮންޑްރޫސޯވާ ބުނީ، މުބާރާތް ކާމިޔާބުކުރެވުނު ގޮތާ މެދު އެއްޗެއް ބުނަން ދަތި ކަމަށެވެ. ކަމްބެކް ހެދުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި، ކުދިކުދި މުބާރާތްތައް ކުޅެމުންއައިއިރު މިފަދަ ބޮޑު މުބާރާތެއް ކާމިޔާބުކުރެވޭ ފަދަ ލެވެލްއަކަށް އާދެވޭނެ ދުވަހެއްގެ އުއްމީދުގައި ހުރި ކަމަށް ވެސް އޭނާ ބުންޏެވެ. އަދި މިހާރު އެ ލެވެލް އަށް އާދެވުނީ ކަމަށް ވެސް ވޮންޑްރޫސޯވާ ބުންޏެވެ.