މޮޑަރނަރ ކުންފުނިން ކޮވިޑް-19 އަށް ފަރުވާދިނުމަށް ތައްޔާރުކުރި ވެކްސިން %94 ކާމިޔާބުކަމަށް އެކުންފުނިން ހެދި ތަހުލީލުގެ ތިންވަނަ މަރުހަލާއިން ދައްކައިފިކަމަށް އެކުންފުނިން ނެރުނު ވަގުތީ ރިޕޯރޓުގައި ހާމަކޮށްފިއެވެ.

 ވެކްސިން ޓެސްޓުކުރުމުގެ ތަހުލީލުގައި ބައިވެރިވި 90،000 ބައިވެރިންގެ ތެރެއިން ކޮވިޑް-19 ޖެހިފައިވާކަން ކަށަވަރު 95 ފަރާތަކަށް ވެކްސިން ދީފައިވަނީ އެންމެ ޑޯޒެއްކަމަށާއި އޭގެތެރެއިން 5 މީހަކަށް ދެޑޯޒް ދީފައިވާކަމަށް ވަނީ ބުނެފައެވެ.ކުންފުނިން ހާމަ ކުރިގޮތުގައި ޓެސްޓުތަކުން ދައްކާފައިވާ ވަނީ މިއީ ރައްކާތެރި ވެކްސިން އެއްގެގޮތުގައެވެ.

މިވެކްސިން ދެވުނު ފަރާތްތަކުގެ ތެރެއިން ފެނުނު ހަމައެކަނި ސައިޑް އިފެކްޓަކީ އިންޖެކްޝަން ޖެހިތަނުގައި ކޮންމެވެސް ވަރެއްގެ ރިހުމެއް ހުރުމާއި، ވަރުބަލިކަން އިހުސާސްވުމާއި، ގައިގައި ރިހުމާ ބޮލުގައި ރިހުމެވެ. ނަމަވެސް މިސައިޑް އެފެކްޓް ފެނުނީ 2 ވަނަ ޑޯޒް ދެވުނު ބައިވެރިންގެ ކިބައިންނެވެ.

މޮޑަރނަރ އިން ހާމަކުރި  ގޮތުގައި އާންމު ގޮތެއްގައި ގޭގޭގައި ބޭނުންކުރާ ފްރިޖުތަކުގައި މިވެކްސިން 2 ޑިގްރީ އަދި 8 ޑިގްރީ ސެލްސިއަސްގައި ރައްކާކޮށްފައި 30 ދުވަހު ބެހެއްޓޭނެއެވެ. މައިނަސް 20 ޑިގްރީ ސެލްސިއަސްގައި މިވެކްސިން ރައްކާކޮށްފިނަމަ 6 މަސްދުވަހު ބެހެއްޓޭނެކަމަށް ވަނީ ބުނެފައެވެ. އެހެންކަމުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް މިވެކްސިން ސަޕްލައި ކުރުމުގައި ދަތިތަކާ ކުރިމަތި ނުވާނެކަމަށް އެކުންފުނީގެ ޗީފް ޓެކްނިކަލް އޮޕަރޭޝަންސް އެންޑް ކޮލިޓީ އޮފިސާ ޔުއާން އެންޑްރެސް ވަނީ ބުނެފައެވެ.

އެކުންފުނިން ހާމަ ކޮށްފައިވާގޮތުގައި އަންނަ ހަފްތާގައި އިމަރޖަންސީ ޔޫސް އޮތޮރައިޒޭޝަން ( އީޔޫއޭ) އަކަށް އެދޭނެކަމަށާއި ވެކްސިންގެ ރައްކާތެރިކަމާއި ކާމިޔާބުކަން އަންގައިދޭ ފައިނަލް ޑޭޓާ އަށް ބިނާކޮށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ހުއްދަ ހޯދަން ހުށައަޅާނެކަމަށެވެ.

މޮޑަރނަރގެ އަމާޒަކީ 2020 ވަނަ އަހަރު ނިމުމުގެ ކުރިން 20 މިލިއަން ވެކްސިން ބާޒާރަށް ނެރުމެވެ. އަދި 2021 ވަނަ އަހަރު މުޅި ދުނިޔެއަށް 500 މިލިއަނާއި 1 ބިލިއަން ވެކްސިން ފޮނުވައިދިނުމެވެ.

މިދިޔަ ހަފްތާގައި އެމެރިކާގެ ފައިޒަރ ކުންފުނިންވަނީ ޖަރުމަނުގެ ބަޔޯއެންޓެކް އާއި ގުޅިގެން އުފެއްދި ވެކްސިން %90 ކާމިޔާބް ކަމަށް ހާމަކޮށްފައެވެ.