އެންމެ ފަހުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ފައިނަލްގައި ސާބިއާގެ ނޮވަކް ޖޮކޮވިޗްގެ މައްޗަށް ހޯދީ މޮޅަކީ އޭނާގެ ހަޔާތުގައި މިހާތަނަށް ކުރިމަތިވި އެންމެ އުފާވެރި ވަގުތުކޮޅު ކަމަށް ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބުނެފިއެވެ.
މިއީ ވިމްބަލްޑަންގެ ޗެމްޕިއަންކަން އޭނާ ހޯދި ފުރަތަމަ ފަހަރެވެ. މިއާއެކު، އެ މުބާރާތުގެ ތަށި 8 ވަނަ ފަހަރަށް އުފުލާލަން އަމާޒުހިފައި، ގްރޭންޑް ސްލޭމް 24 މުބާރާތް ކާމިޔާބުކޮށް، ރެކޯޑެއް ޤާއިމްކުރުމަށް ޖޮކޮވިޗް ދެކެމުންއައި ހުވަފެންތަކަށް ވަނީ ނިމުމެއް އައިސްފައެވެ.
ސެންޓަ ކޯޓްގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ސެޓު ޖޮކޮވިޗް، 36، ގެންގޮސްފައިވަނިކޮށް އަލްކަރާޒް ވަނީ ދެން ޖެހިގެންއައި ދެ ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް ދެން ޖެހިގެންއައި ސެޓު ކާމިޔާބުކޮށް ޖޮކޮވިޗް އެއްވަރުކުރުމުން ނަތީޖާ ނެރުމަށް ކުޅުނު ފަހު ސެޓު އަލްކަރާޒް ކާމިޔާބުކުރީ ތަފާތު މޮޅު ކުޅުމަކާއެކު އެވެ.
ގާތްގަނޑަކަށް ހަތަރު ގަޑިއިރާއި 42 މިނެޓަށް ދެމިގެންދިޔަ މި މެޗުގެ ސެޓުތައް އަލްކަރާޒް ގެންދިޔައީ 1-6، 7-6 (8-6)، 6-1، 3-6 އަދި 6-4 އިންނެވެ.
އަލްކަރާޒްގެ މި މޮޅާއެކު ސެންޓަ ކޯޓުގައި 10 އަހަރު ބަލިނުވެ ޖޮކޮވިޗް ދަމަހައްޓަމުންއައި ރެކޯޑަށް ވަނީ ނިމުމެއްއައިސްފައެވެ. ވޭތުވެދިޔަ ހަތަރު އަހަރުގައި ވިމްބަލްޑަން ކާމިޔާބުކުރީ ވެސް ޖޮކޮވިޗް އެވެ.
"މިވަގުތަކީ އަހަރެންގެ ހަޔާތުގައި މިހާތަނަށްއައި އެންމެ އުފާވެރި ވަގުތުކޮޅު، އެއީ ޔަގީން ކަމެއް." އަލްކަރާޒް ބުންޏެވެ.
އަލްކަރާޒް ބުނީ، މި މޮޅާއެކު ތާރީޚު ބަދަލުކޮށްލެވިފައިވާ ކަމަށާއި، މިއީ ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅު ކަމަށެވެ. އަދި ދުވަސްތަކެއް ވަންދެން މިހާރު އޮތް ގޮތަށް އެކަން ބަދަލުނުވާނެ ކަމަށެވެ. އޭނާ އިތުރަށް ބުނީ، ޖޮކޮވިޗް ބަލިކޮށް، ވިމްބަލްޑަން ތަށި އުފުލާލުމަކީ އެންމެ ފުރަތަމަ ޓެނިސް ކުޅެން ފެށިއިރު ވެސް ދެކެމުންއައި ހުވަފެނެއް ކަމަށާއި، ހަޔާތުގެ އެންމެ އުފާވެރި ވަގުތުކޮޅަށް ވީ ވެސް އެ ސަބަބާ ހުރެ ކަމަށެވެ.
އުމުރުން 20 އަހަރުގެ އަލްކަރާޒް ވަނީ ބޮރިސް ބެކާ އާއި ބްޔޯން ބޯގް އަށް ފަހު ވިމްބަލްޑަން ޓެނިސް މުބާރާތުގެ ތަށި އުފުލާލި ތިންވަނަ އަށް އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. އަލްކަރާޒް އަކީ 2015 ވަނަ އަހަރު ސްޓެން ވަވްރިންކާއަށް ފަހު ފިރިހެން މަލްޓިޕަލް ގްރޭންޑް ސްލޭމް ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ އެވެ. އަދި އޭނާ އަކީ ރޮޖާ ފެޑެރާ، ރަފައެލް ނަޑާލް، ޖޮކޮވިޗް ނުވަތަ އެންޑީ މުރޭ ފިޔަވައި 2002 ވަނަ އަހަރަށް ފަހު ވިމްބަލްޑަން ކާމިޔާބުކުރި ފުރަތަމަ ކުޅުންތެރިޔާ ވެސް މެއެވެ.
ޓެނިހުގެ ލެޖެންޑުން ކަމަށްވާ ޖޮކޮވިޗް، ނަޑާލް އަދި ފެޑެރާ އަށް ފަހު ކުރިއަށް އޮތް ތާނގާއި އެންމެ އުހުގައި ވާދަކުރާނެ ކުޅުންތެރިއަކީ އަލްކަރާޒް ކަމަށް ގިނަ ތަޖުރިބާކާރުން ލަފާކުރެއެވެ.
މިދިޔަ އަހަރުގެ ޔޫއެސް އޯޕަން އާއެކު ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް ޓެނިސް މުބާރާތެއް ކާމިޔާބުކުރި އަލްކަރާޒް އަކީ ޓެނިހުގެ ތާރިޚުގައި އެއްވަނަ ރޭންކް ހޯދި އެންމެ ހަގު ކުޅުންތެރިޔާ ވެސް މެއެވެ. މި އަހަރުގެ ކުރީން، ގްރާސްގައި އަލްކަރާޒް މޮޅުވެފައިވަނީ އެންމެ ހަތަރު މެޗުން ކަމަށް ވީ ނަމަވެސް، މިފަހަރުގެ ވިމްބަލްޑަންގެ ކުރީން ބޭއްވި ކުއީންސް މުބާރާތުގެ ޗެމްޕިއަންކަން ހޯދީވެސް އަލްކަރާޒް އެވެ.
