ޖުމްލަ އެކު، 43 ބައިވެރިންނާއެކު ކެރަމް އެސޯސިއޭޝަން މޯލްޑިވްސް (ސީއޭއެމް) އިން ބާއްވާ ކެރަމް ބޭސިކް އަމްޕަޔަރުންގެ ކޯސް އިއްޔެ ފަށައިފިއެވެ.

މި ފަހަރުގެ ކެރަމް ބޭސިކް އަމްޕަޔަރުންގެ ކޯސް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 15 އިން 21 ގެ ނިޔަލަށް ހުޅުމާލޭ ސްޕޯޓްސް ކޮމްޕްލެކްސް ގައެވެ.

ސީއޭއެމް އިން ބުނީ، ބޭސިކް އަމްޕަޔަރުންގެ ކޯހެއް ހިންގުމުގެ މައިގަނޑު ބޭނުމަކީ، އިންޓަނޭޝަނަލް ސާޓިފައިޑް އަމްޕަޔަރުން ރާއްޖޭގައި ބޭތިއްބުން ކަމަށާއި، އެ އެސޯސިއޭޝަންގެ އަމާޒަކީ މިހާރަށްވުރެ ގިނައިން އިންޓަނޭޝަނަލް އެކި މުބާރާތްތަކުގައި ރާއްޖޭގެ އަމްޕަޔަރުންނަށް އިންސާފުކުރުމުގެ ފުރުޞަތު ލިބިގެންދިއުން ކަމަށެވެ.

ކެރަމް އެސޯސިއޭޝަނުން ދެކެނީ އަމްޕަޔަރުންނަކީ މުހިއްމު އެސެޓެއްގެ ގޮތުގައި ކަމަށާއި، އެ އެސޯސިއޭޝަނުން ބާއްވާ އެކި މުބާރާތްތައް ކުރިއަށްގެންދިއުމުގައި ބައިވެރިވާ އެންމެ މުހިއްމު އެއް ބަޔަކީ އަމްޕަޔަރުން ކަމަށް ވެސް ފާހަގަކުރިއެވެ.

މިހާތަނަށްއައިއިރު ސީއޭއެމް އިން ބާއްވަމުން އަންނަ ކޮންމެ މުބާރާތެއްގައި ވެސް އަމްޕަޔަރުކަން ކުރާ ފަރާތްތަކަށް އެލަވެންސެއް ދެމުން އައިސްފައިވެއެވެ. އަދި އެ އެސޯސިއޭޝަނުން ބާއްވާ މުބާރާތްތަކުގައި އަމްޕަޔަރުންގެ ޕާފޯމަންސަށް ބަލާފައި ފައިސާގެ އިނާމު ވެސް ދީފައިވެއެވެ.

މީގެއިތުރުން، ސީއޭއެމް އިން ފާހަގަކުރިގޮތުގައި އެ އެސޯސިއޭޝަނުން ކުރިއަށްގެންދާ އަމްޕަޔަރުންގެ ކޯސްތައް ފުރިހަމަކުރާ ފަރާތްތަކަށް ދުބާއީގައި މި އަހަރު  އޮންނަ ކެރަމް ވޯލްޑް ކަޕާއި، އަންނަ އަހަރު ސްވިޒަލެންޑްގައި ބާއްވާ ކެރަމް ވޯލްޑް ކަޕްގައި އިންސާފުކުރުމުގެ ފުރުޞަތު ވެސް ލިބިގެންދާނެއެވެ.

ސީއޭއެމް އިން ވަނީ އެންމެ ފަހުގެ ކެރަމް ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ރާއްޖޭގެ ހަތަރު އަމްޕަޔަރުންނަށް އިންސާފުކުރުމުގެ ފުރުޞަތު ހޯދައިދީފައެވެ.