މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ހެރީ މެގުއާ އަތުން އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގް އަތުލާފައިވާ ކަމަށް އޭނާ ބުނެފިއެވެ.
މެގުއާ، 30، ބުނީ، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ނެގުމުން ވަރަށް ބޮޑަށް މާޔޫސްވެފައިވާ ކަމަށާއި، އެހެންނަމަވެސް ކުރިއަށް އޮތް ތާނގާއި ވެސް އެ ޓީމަށް އޭނާގެ އެންމެ ބެސްޓް ދޭނެ ކަމަށެވެ.
އިނގިރޭސި ގައުމީ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށްވާ މެގުއާ އަށް ޔުނައިޓެޑްގެ ކެޕްޓަންކަމުގެ ޒިންމާ ހަވާލުކުރީ އޭރުގެ ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީ އެއް ގައި ލެސްޓާ ސިޓީ އިން ޔުނައިޓެޑަށް ބަދަލުވިތާ ހައެއްކަ މަސް ފަހުން 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ކުރީގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ އެވެ.
"މިއަދު މެނޭޖަރާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކޯޗު (ޓެން ހާގް) ވަނީ އަހަރެންނަށް އެކަން އަންގާފަ،"
"އޭނާ، އަހަރެންނަށް ސަބަބުތައް ހާމަކޮށްދީފި. އެކަމާ އަހަރެން މާޔޫސްވި ނަމަވެސް، ޔުނައިޓެޑްގެ ޖާޒީ ލާ ކޮންމެ ފަހަރަކު އަހަރެންގެ އެންމެ ބެސްޓް ދޭނަން." މެގުއާ ބުންޏެވެ.
މެގުއާ ބުނީ، ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ދުވަސްވަރު އެ ކްލަބުގެ ސަޕޯޓަރުންގެ ފަރާތުން ލިބުނު ލޯތްބާއި ސަޕޯޓަށް ވަރަށް ބޮޑަށް ޝުކުރުވެރިވާ ކަމަށެވެ.
ނިމިދިޔަ ސީޒަނުގައި ޕްރިމިއާ ލީގުގައި ޔުނައިޓެޑްގެ ފުރަތަމަ އެެގާރައިގައި ހިމެނިގެން މެގުއާ ކުޅެފައިވަނީ އެންމެ 8 މެޗެވެ. އަދި އެ ޓީމުން މުޅި ސީޒަނުގައި ކުޅުނު 62 މެޗުގެ ތެރެއިން ކުޅުނީ 31 މެޗެވެ. މެގުއާ ނެތްއިރު ޔުނައިޓެޑްގެ ކެޕްޓަންކަމުގެ ޒިންމާ އަދާކުރީ ޕޯޗުގަލްގެ މިޑްފީލްޑަރު، ބްރޫނޯ ފެނާންޑޭސް އެވެ.
ޔުނައިޓެޑާއެކު މެގުއާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން އަދި ބާކީ ދެ އަހަރު އޮތްއިރު، އޭނާގެ ސޮއި ހޯދުމަށް ޝައުގުވެރިވާ ކްލަބުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ވެސްޓް ހޭމް ޔުނައިޓެޑް ކަމަށް ފަހުގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ.
