މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އާ ބިޒްނަސް ސެންޓަރެއް ހުޅުވައިފިއެވެ.
ހެންވޭރު މެރިން ޑްރީމްގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑޮލަރު އޭޓީއެމް ހިންގި ތަނުގައި ގާއިމުކޮށްފައިވާ މި ސެންޓަރު ހުޅުވައިދެއްވީ ކުރީގެ ރައީސް އަލް އުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ.
އެމްއައިބީ އިން ބުނީ މި ސެންޓަރުން ސެލްފް ސަރވިސް ރުފިޔާ އަދި ޑޮލަރު އޭޓީއެމްގެ ހިދުމަތާއި، ކާޑު ދޫކުރުމާއި އަދި ބިޒްނަސް ލައުންޖް ގެ ހިދުމަތް ލިބޭނެ ކަމަށެވެ. އަދި ކަސްޓަމަރުންނަށް ވަން ސްޓޮޕް ހިދުމަތެއް ލިބޭނެ ތަނަކަށް ވެސް މި ސެންޓަރު ވެގެންދާނެ ކަމަށް ވެސް ބުންޏެވެ.
އައު ބިޒްނަސް ސެންޓަރަކާއި އެކު، އެ ބޭންކުގެ ކަސްޓަމަރުންނަށް ދޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެ، ކަސްޓަމަރުންނަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްއައިބީން ދެކެއެވެ.
ރާއްޖެ އަށް މުޅިން އައު ހިދުމަތެއްގެ ގޮތުގައި މިފަހުން އެމްއައިބީން ވަނީ ބޭންކަށް ނުގޮސް އެ ބޭންކުގެ އެކައުންޓް ހުޅުވޭ ހިދުމަތެއް ވެސް ތައާރަފުކޮށްފައެވެ.
އެމްއައިބީން އަންނަނީ އެ ބޭންކުން ދޭ ހިދުމަތްތައް ފުޅާކޮށް، ޒަމާނީ ފެންވަރަށް ފޯރުކޮށްދެމުންނެވެ.
