5 ރަށެއްގެ ޢުމްރާނީ ތަރައްޤީއާ ގުޅުންހުރި މަޝްރޫޢުތަކެއް ހިންގުމަށް ސަރުކާރުން، އެމްޓީސީސީއާ ހަވާލުކުރައްވައިފިއެވެ.

އެ ކުންފުންޏާއި ޙަވާލުކުރެއްވީ 5 މަޝްރޫޢަކީ؛ ހއ. އުލިގަމު ބަނދަރު ބޮޑުކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު، ހއ. ތުރާކުނު ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަޝްރޫޢު، ހއ. ކެލާ ނެރު ފުންކުރުމާއި، ބޭރު ތޮށި ހެދުމުގެ މަސައްކަތާއި، އއ. ހިމަންދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢު އަދި ހއ.ދިއްދޫ ބިންހިއްކުމުގެ މަޝްރޫއުގެ މަސައްކަތެވެ.

މި މަޝްރޫޢުތައް އެމްޓީސީސީއާ ޙަވާލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ހުސައިން މޫސާ އެވެ. އަދި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. 

އެމްޓީސީސީއާ ޙަވާލުކުރެއްވި މަޝްރޫޢުތަކުގެ ތެރެއިން؛ ހއ. އުލިގަމު ބަނދަރު ތަރައްޤީ ކުރުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، 10،400 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 46،181 ކިއުބިކް މީޓަރުގެ ސަރަޙައްދުގެ ބަނދަރު ފުންކުރުމާއި، 21،708 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 238 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 180 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 300 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 183 މީޓަރުގެ ސަރަޙައްދެއްގައި ވެލިފުރާފައިވާ  އައުޓަރ ބޭރުތޮށްޓެއްލުމާއި، 162 މީޓަރުގެ ސަރަޙައްދެއްގައި ވެލިފުރާފައިވާ އިނަރ ބޭރުތޮށްޓެއް ލުމާއި، 238 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، މޫރިންގ ބޯއީސް ހަރުކުރުމާއި، 11 މީޓަރު ދިގު 11 މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 25 މީޓަރު ދިގު ދެ މީޓަރު ފުޅާ ބްރިޖެއް ހެދުމާއި، 100 މީޓަރު ދިގު ދެ މީޓަރު ފުޅާ ޖެޓީއެއް ހެދުމާއި، ބަނދަރު ބައްތި ހަރުކުރުމާއި، 2،200 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރު ޕޭވްމަންޓް ހެދުމާއި، 390 މީޓަރުގެ ކާރބް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 73.88 މިލިއަން ރުފިޔާ އަށް 600 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 

ހއ. ތުރާކުނު ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ ދަށުން، ސޭންޑް ސާރޗް ސަރވޭއެއް ހެދުމާއި، 8.16 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 1251 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 152.04 މިލިއަން ރުފިޔާ އަށް 630 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ މަޝްރޫޢުކެވެ. 

ހއ. ކެލާ ނެރު ފުންކުރުމާއި ބޭރުތޮށި އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ ދަށުން، 16،632 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ކުރިން ފުންކޮށްފައިވާ ފަޅު އަލުން ފުންކުރުމާއި، 57،750 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ނެރު ފުންކުރުމާއި، 36 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 309 ސަރަޙައްދެއްގައި ޖިއޯބޭގް ބޭރުތޮށްޓެއް ލުމާއި، ނެރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 16.91 މިލިއަން ރުފިޔާ އަށް 300 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ މަޝްރޫޢުކެވެ. 

ހއ. ދިއްދޫ ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން ސޭންޑް ސަރވޭއެއް ހެދުމާއި، 26 ހެކްޓަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢަކީ 83.07 މިލިއަން ރުފިޔާ އަށް 360 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. 

އެމްޓީސީސީއާ މިއަދު ޙަވާލުކުރެއްވި އަނެއް މަޝްރޫޢަކީ އއ. ހިމަންދޫ ގޮނޑުދޮށްހިމާޔަތްކުރުމުގެ މަޝްރޫޢެވެ. މި މަޝްރޫޢުގެ ދަށުން، 43،200 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ގޮނޑުދޮށަށް ވެލިއެޅުމާއި، 110 މީޓަރުގެ ސަރަޙައްދެއްގެ ރިވެޓްމެންޓް ޖެހުމާއި، 235 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖެހުމާއި، 240 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 20 މީޓަރުގެ ސަރަޙައްދެއްގައި ޖިއޯބޭގް ގްރޮއިން ޖެހުން ހިމެނެއެވެ. މި މަޝްރޫޢަކީ 24.54 މިލިއަން ރުފިޔާ އަށް 365 ދުވަސް ތެރޭ ނިންމުމަށް އެ ކުންފުންޏާއި ޙަވާލުކޮށްފައިވާ މަޝްރޫޢުއެކެވެ. މިއަދު އެމްޓީސީސީއާ ޙަވާލުކުރެއްވި ހުރިހާ މަޝްރޫޢުއެއްގެ ވެސް ޢަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓެއް ހެދުމަށްފަހު އެވެ.