ޕޯޗުގަލް ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އެނބުރި ޔޫރަޕްގެ ކުލަބް ފުޓްބޯޅައަށް ނުދާނެ ކަމަށާއި، އޭނާ މިހާރު ކުޅެމުން އަންނަ ސައުދީ އަރަބިއްޔާގެ ލީގަކީ ވާދަވެރި ލިއޮނަލް މެސީ ބަދަލުވި އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) އަށް ވުރެ ވަރުގަދަ ލީގެއް ކަމަށް ބުނެފިއެވެ.
މެންޗެސްޓާ ޔުނައިޓެޑާއެކު ރޮނާލްޑޯ ހަދާފައިވާ ކޮންޓްރެކްޓް ބާތިލްކުރުމަށްފަހު މިދިޔަ ޑިސެންބަރު މަހު ދެ އަހަރާއި ބައިގެ އެއްބަސްވުމެއްގައި ސައުދީގެ ކުލަބް އަލް ނަސްރުއާ ގުޅުމަކީ ދުނިޔޭގެ ފުޓްބޯޅައިގައި ފާހަގަކޮށްލެވޭ އިތުރު ކުޅުންތެރިން ސައުދީ ޕްރޯ ލީގަށް އައުމަށް ކޮށައިދެވުނު މަގެއް ކަމަށް ވެސް ރޮނާލްޑޯ ވަނީ ބުނެފައެވެ.
މިދިޔަ ހޯމަ ދުވަހު ކުޅުނު ޕްރީ ސީޒަން ފްރެންޑްލީއެއްގައި ސްޕެއިނުގެ ސެލްޓާ ވިގޯ އަތުން 5-0 އިން އަލް ނަސްރު ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން ރޮނާލްޑޯ ވަނީ ޔޫރަޕްގެ ލީގުތައް ދަށްވަމުންދާ ކަމަށް ބުނެފައެވެ.
"ޔޫރަޕްގެ އެއްވެސް ކުލަބަކަށް ނުދާނެ ކަމުގެ 100 ޕަސެންޓް ޔަގީންކަން އަހަރެން ދެން. އަހަރެންގެ އުމުރުން މިހާރު 38 އަހަރު،"
"ޔޫރަޕްގެ ކުލަބް ފުޓްބޯޅައިގެ ކޮލިޓީ ވަރަށް ބޮޑަށް ދަށަށް ގޮސްފި. ހަމައެކަނި ވަރުގަދަކޮށް، އަދިވެސް ވާދަވެރިކަމާއެކު ފެނިގެންދާ ލީގަކީ (އިނގިރޭސި) ޕްރިމިއާ ލީގު. އެ ލީގު އޮތީ އެހެން ހުރިހާ ލީގަކަށް ވުރެ ކުރީގަ." ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯގެ ވާދަވެރި މެސީ، އެމެރިކާގެ އެމްއެލްއެސް އަށް ބަދަލުވުމުގެ ކުރީން ސައުދީ އަރަބިއްޔާ އަށް ބަދަލުވެދާނެ ކަމުގެ އަޑުތައް އަރާފައިވެއެވެ. ދާދިފަހުން މެސީ ވަނީ އެމްއެލްއެސްގެ މިއާމީ އެފްސީ އަށް 2025 ވަނަ އަހަރުގެ ނިޔަލަށް އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
"ސައުދީ ލީގަކީ އެމްއެލްއެސް އަށް ވަރުގަދަ ލީގެއް،" ރޮނާލްޑޯ ބުންޏެވެ.
ރޮނާލްޑޯ އިތުރަށް ބުނީ، ސައުދީ ލީގަށް އަންނަ މަތީ ފެންވަރުގެ ކުޅުންތެރިން އިތުރުވަމުން އަންނަ ކަމަށާއި، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް މިއަށްވުރެ ގިނަ އަދަދެއްގެ ކުޅުންތެރިން ސައުދީ އަށް އަންނާނެ ކަމަށެވެ.
ރޮނާލްޑޯގެ ފަހުން ސައުދީ ލީގަށް ބަދަލުވި މަތީ ފަންތީގެ ކުޅުންތެރިންގެ ތެރޭގައި، 2022 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ހާސިލްކުރި ކަރީމް ބެންޒެމާ އާއި އެންގޯލޯ ކާންޓޭ ހިމެނެއެވެ. މި ދެ ކުޅުންތެރިން ވެސް ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން އަލް އިއްތިހާދަށެވެ.
