މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި ޔުނައިޓެޑް ބީއެމްއެލް އިން 12-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ޓްރީޓޮޕް ހޮސްޕިޓަލް އަތުން މޮޅުވިއިރު، މި ފަހަރު މުޅިން އަލަށް ކުޅޭ 18/30 ކްލަސިކް މުބާރާތުގައި ޕްރިޒަން ކްލަބުގެ އަންހެން ޓީމުން ހުޅުމާލެ ހޮސްޕިޓަލް އަތުން މޮޅުވީ ވެސް 12-0 އިންނެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ ގްރޫޕް އީ ގައި ހިމެނޭ ބީއެމްއެލް އިން ރޭގެ މެޗުން ހޯދީ މޮޅާއެކު ވަނީ މުބާރާތުގެ ގަދަ 16 ބުރުން ޖާގަ ހޯދުމާ ގާތަށް ޖެހިލައިފައެވެ. އެ ޓީމަށް ދެވަނަ ބުރުގެ ފުރުޞަތު ބޮޑުވި، ކުރީން އެ ގްރޫޕުގައި ވާދަކުރަން ހަމަޖެހިފައި އޮތް ކްލަބް އެއަރޕޯޓްސް އިން މުބާރާތުން ވަކިވުމާއެކު، ދެން ހިމެނޭ އެސްޓީއޯ ރެކްރިއޭޝަން ކްލަބާއި ޓްރީޓޮޕްގެ ތެރެއިން އެ ގްރޫޕުން އެންމެ ދަށްވެގެން ދެވަނަ މަގާމު ހާސިލްކުރެވުމުގެ ފުރުޞަތު ބޮޑުވުމުންނެވެ. ބީއެމްއެލް އަށް ދެން އޮތީ އަންނަ ހޮނިހިރު ދުވަހުގެ ރޭ އެސްޓީއޯއާ ބައްދަލުކުރާ މެޗެވެ.
ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ބީއެމްއެލް އިން ޖެހި 12 ލަނޑުގެ ތެރެއިން އެ ޓީމުގެ އިބްރާހިމް ހަމްދާން ވަނީ ފަސް ގޯލް ޖަހާފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް އޭނާ އެވެ. ބީއެމްއެލްގެ ކެޕްޓަން އިޝާން އިބްރާހިމް (ސައްޓު) ހެޓްރިކް ހެދިއިރު، އަނެއް ލަނޑުތައް ޖެހީ އިސްމާއިލް އަލީފް ދެ ގޯލާއި، ހައިޝަމް ރަޝީދު އަދި ހުސެއިން އަލީ (އަޗޭ) އެވެ.
އިއްޔެ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ދިވެހި ސިފައިންގެ ކްލަބު އަތުން 3-0 އިން ކްލަބް ފެން މޮޅުވިއިރު އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ރައްޒާން ޖައުފަރު އާއި އަހުމަދު މާޒިން އަދި އިބްރާހިމް ޝަނޫން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ކްލަބް ފެންގެ ރައްޒާން އެވެ.
ކްލަބު އާސަންދަ ވަނީ 3-4 އިން ޕްރިޒަން ކްލަބު އަތުން ބަލިވެފައެވެ. މި މެޗުގައި ޕްރިޒަން ކްލަބުގެ މުޙައްމަދު ޝާއިން އާއި އަހުމަދު ހުޝާމް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. އާސަންދަ ޓީމުގެ ލަނޑުތައް ޖެހީ އަހުމަދު އަބްދުﷲ (ލިލީ) ދެ ގޯލާއި، އާދަމް ޝިޔާން މުޙައްމަދު އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޕްރިޒަން ކްލަބުގެ ހުޝާމް އެވެ.
18/30 ކްލަސިކްގައި ރޭ ކުޅުނު މެޗުގައި ޕްރިޒަންގެ އަންހެން ޓީމުން ޖެހި ލަނޑުތަކުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން އައިމިނަތު ފަޒްލާ ފަސް ލަނޑުޖެހިއިރު، ހަދީޖާ އަފްނާން ހެޓްރިކެއް ހެދިއެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އައިޝަތު ވިޝާމާ، ފާތިމަތު އަފާ އިބްރާހިމް އާއި ފާތިމަތު ސިބާހަތު ހަނީފް އަދި ރުގިއްޔާ މާއިލާ އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ ޕްރިޒަން އަންހެން ޓީމުގެ ކެޕްޓަން ފަޒްލާ އެވެ.
ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި؛ މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހަމަޖައްސާފައިވާއިރު ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.
އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ ސޯޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރި، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.
