ޗައިނާގެ އެއަރލައިނެއް ކަމަށްވާ ސިޗުއާން އެއަރލައިންގެ ދަތުރުތައް އަންނަމަހު ރާއްޖެއަށް ފެށުމަށް ތައްޔާރުވެއްޖެއެވެ.
ވިޔަފާރި ޚަބަރު ގެނެސްދޭ ބައެއް ވެބްސައިޓުތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި އެއަރލައިންގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް މިހާރު ނިންމާފައިވަނީ އަންނަ އޮގަސްޓް މަހުގެ 28 ގައެވެ.
ޗައިނާގައި ފާހަގަކޮށްލެވޭ އަދި ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ މި އެއަރލައިނުން ހަފުތާއަކު ތިން ދަތުރު ރާއްޖެއަށް ކުރުމަށް ވަނީ ނިންމާފައި ކަމަށާއި އެ އެއަރލައިނުން ދަތުރުކުރާނީ މާލެއިން ޗައިނާގެ ޗެންދޫއާ ދެމެދު ކަމަށް ވެސް ރިޕޯޓުތައް ބުނެއެވެ.
ކޮވިޑުގެ ސަބަބުން ރާއްޖޭގެ ބޯޑަރު ވެސް ބަންދުކޮށްފައި އޮތުމަށްފަހު، އަލުން ހުޅުވާލުމާއެކު ތިން އަހަރުގެ މެދުކެނޑުމަކަށް ފަހު ޗައިނާ ފަތުރުވެރިން ވަނީ ރާއްޖެ އަންނަން ފަށާފައެވެ.
އެގޮތުން މިދިޔަ ޖެނުއަރީ މަހުން ފެށިގެން، އެގައުމުގެ ފަތުރުވެރިން ރާއްޖެއަންނަމުންދާއިރު، އެންމެ ފުރަތަމަ ޗާޓަރު ދަތުރުތައް ޗައިނާގެ ބެއިޖިންގ އެއަރލައިނުން ފެށިއިރު އޭގެ ފަހުން ޗައިނާގެ އީސްޓާން އެއަރލައިންގެ ދަތުރުތައް ވެސް މިހާރުވަނީ ފަށާފައެވެ.
ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ގައުމުތަކުގެ ލިސްޓުގެ ހަތަރު ވަނައަށް ޗައިނާ ޗައިނާ މިހާރުއަރާފައިވާއިރު، ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައީ ވެސް ޗައިނާއިންނެވެ.
އެގޮތުން އެ މަހު އެ ގައުމުން 17،028 ޗައިނާ ފަތުރުވެރިން ރާއްޖެ އައިސްފައިވާ ކަމަށް ތަފާސް ހިސާބުން ދައްކައެވެ.
