މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ފެނަކަ  އަށް ކްލަބް އޭވިއޭޝަން ސެކިއުރިޓީއާ 2-2 އިން އެއްވަރުވިއިރު، ރޯޑް ރެކްރިއޭޝަން ކްލަބް (އާރްއާރްސީ) ކުޅުނު ފުރަތަމަ މެޗުގައި 2-0 އިން ކަސްޓަމްސް ރެކްރިއޭޝަން ކްލަބް އަތުން މޮޅުވެއްޖެއެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު  މެޗު ފެށިގެން ހަތްވަނަ މިނެޓުގައި ލީޑްނެގީ އޭވިއޭޝަން ސެކިއުރިޓީ އިންނެވެ. މި ލަނޑު އެ ޓީމަށް ޖަހައިދިނީ އަލީ މީސާގް އީސާ އެވެ. ފުރަތަމަ ހާފު ނިމެންދަނިކޮށް ފެނަކަ އަށް އެއްވަރުކޮށްދިނީ ޒައިން ޒަފަރު އެވެ.

މި މެޗުގައި ދެވަނަ ފަހަރަށް އޭވިއޭޝަން ސެކިއުރިޓީން ލީޑްނެގީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ދެވަނަ މިނެޓުގައި ތައުމީން ނޫހު ކާމިޔާބުކުރި ގޯލުންނެވެ. އަދި އޭގެ ތިން މިނެޓުފަހުން، ފެނަކަ އަށް އެއްވަރުކޮށްދިނީ ހުސެއިން ނާޝިދު (ނާއްޓޯ) އެވެ. މި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ޒައިން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޭވިއޭޝަން ސެކިއުރިޓީ ޓީމުގެ މީސާގް އެވެ.

މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ކްރޮސްރޯޑްސް މޯލްޑިވްސް ވަނީ 3-2 އިން މީޑީއާނެޓް އަތުން މޮޅުވެފައެވެ. މި މެޗުގައި ކްރޮސްރޯޑްސްގެ ލަނޑުތައް ޖަހައިދިނީ އިސްމާއިލް ވަހީދު އާއި އިބްރާހިމް ޒާހީ އަދި އަލީ ޒަޔާން އަހުމަދު އެވެ. މީޑިއާނެޓްގެ ލަނޑުތައް ޖެހީ ޝީހާން އަބްދުއްހަމީދު އާއި އަހުމަދު ޝިނާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކްރޮސްރޯޑްސްގެ އިސްމާއިލް ވަހީދު އެވެ.

މި މުބާރާތުގެ ގްރޫޕް އެޗްގައި ރޭ ކުޅުނު މެޗުގައި އާރްއާރްސީގެ ލަނޑުތައް ޖަހައިދިނީ  އަބްދުﷲ ޔާމީން (ޔާން)، އަލީ ޝިފާއު (ރޮނާ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އާރްއާރްސީގެ ޔާން އެވެ.

އާރްއާރްސީއާ ކަސްޓަމްސް ރެކްރިއޭޝަން ކްލަބް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: އިމޭޖަސް.އެމްވީ / ކްލަބް މޯލްޑިވްސް

ގްރޫޕް އެޗްގެ އަނެއް މެޗުގައި ރޭ ޔޫރޯ މާކެޓިން (އީއާރްއެފްސީ) ވަނީ ޓީއެމްއޭ އަތުން 2-3 އިންބަލިވެފައެވެ. ޓީއެމްއޭގެ ލަނޑުތައް ޖަހައިދިނީ އަހުމަދު ވިސާމް އާއި ރަބީއު މުޙައްމަދު އަދި އަހުމަދު ނާހިލް އިބްރާހިމް އެވެ. އީއާރްއެފްސީގެ ލަނޑުތައް ޖެހީ މުޙައްމަދު ލީވާން ހަސަން އާއި އަހުމަދު ސަމްހާދު އެވެ. މި މެޗުގައި އީއާރްއެފްސީގެ ޔާޒީ ނާޒިމް އަށް ދެވަނަ ރީނދޫ ކާޑާއެކު ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީއެމްއޭގެ ރަބީއު އެވެ.

18/30 ކްލަސިކްގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ކްލަބް ވެމްކޯ އިން ވަނީ 3-1 އިން ޓީމް އެމްއޭސީއެލް ބަލިކޮށްފައެވެ. މީރާ ރެކްރިއޭޝަން ކްލަބު އަތުން ޓީމް ޔޫތު މިނިސްޓްރީ މޮޅުވީ 6-1 އިންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި؛ މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހަމަޖައްސާފައިވާއިރު ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.

އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ ސޯޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރި، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.