މިހާރު ކުރިއަށްދާ ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ކުޅުނު މެޗުގައި ކްލަބް އާރްއޯއެލް އަތުން 6-0 އިން ހޯދީ މޮޅާއެކު ކްލަބް ވެމްކޯ އިން މުބާރާތުގެ ގަދަ 16 ގެ ބުރުން ޖާގަ ހޯދިއިރު، ސްޓެލްކޯ އިން ވަނީ 2-1 ގެ ހަނި ނަތީޖާއަކުން ޓީމް އެމްޓީސީސީ ބަލިކޮށް، އެ ޓީމުގެ ފުރަތަމަ މޮޅު ހޯދާފައެވެ.

ރޭގެ ނަތީޖާއެކު ގްރޫޕް ބީ ގައި ހިމެނޭ ވެމްކޯ ވަނީ މިހާތަނަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދާފައެވެ. އެ ޓީމުން ކުޅުނު ފުރަތަމަ މެޗުގައި ޓީމް އެފްއެސްއެމް އަތުން 3-2 އިން މޮޅުވިއިރު، ރޭގެ މެޗުގައި އާރްއޯއެލްގެ މައްޗަށް ކުރިހޯދީ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއާއެކު، އެ ޓީމުން ވަނީ މުބާރާތުގެ ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި ވެމްކޯގެ ހަ ލަނޑުގެ ތެރެއިން، އެ ޓީމުގެ އިސްމާއިލް ވަޖީހު (ވައްޖެ) އާއި އަލީ ޝިޔާހު (ޝިޔަޅޭ) ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ގޯލް ކާމިޔާބުކުރިއެވެ. އެ ޓީމުގެ އަނެއް ދެ ލަނޑުގެ ތެރެއިން އެއް ގޯލަކީ އާރްއޯއެލް ޓީމުގެ ކުޅުންތެރިއަކު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. އަނެއް ގޯލް ޖެހީ އަހުމަދު ވިޖުދާން (ވިޖުއްކޮ) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެމްކޯގެ ވައްޖެ އެވެ.

ގްރޫޕް އޭ ގައި ހިމެނޭ ސްޓެލްކޯ އިން އެމްޓީސީސީއާ ދެކޮޅަށް ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް ސްޓެލްކޯ އިންނެވެ.  އިބްރާހިމް ރިމާހު (ރިމޭ) ގެ ގޯލުން ސްޓެލްކޯ ލީޑްނަގާފައިވަނިކޮށް އެމްޓީސީސީ އަށް އެއްވަރުކޮށްދިނީ އިބްރާހިމް އާޒިމް އެވެ. އަދި އޭގެފަހުން، ސްޓެލްކޯ މޮޅުވި ލަނޑުޖަހައިދިނީ އަލީ މާއިސް (މައްޓު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ވެސް މައްޓު އެވެ.

ކްލަބް މޯލްޑިވްސް ކަޕް ކްލަސިކްގައި އިއްޔެ ކުޅުނު މެޗުތަކަށް ބަލާއިރު ތައުލީމީ ގުޅުންއާ އައިޖީއެމްއެޗް ކްލަބް ކުޅުނު މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. ޕްރެޒިޑެންޓް އޮފީސް ސޯޝަލް ކްލަބުން 2-1 އިން ޓީމް ބަދަހި ބަލިކުރިއިރު ޓީމް ޑީޖޭއޭ އިން ވަނީ 10-2 ގެ ނަތީޖާއަކުން ޓްރާންސްޕޯޓް ރެކްރިއޭޝަން ކްލަބް ބަލިކޮށްފައެވެ. މެޓް އޮފީސް އަތުން ކްލަބް 220 މޮޅުވީ 8-2 އިންނެވެ.

ކްލަބް މޯލްޑިވްސް ކަޕްގެ މި ފަހަރުގެ މުބާރާތުގައި ޕްލެޓިނަމް ޕާޓްނަރުންގެ ގޮތުގައި؛ މައިލޯ، ބްރޭންޑް ޗޮއިސް މޯލްޑިވްސްގެ ސިންގާ އަދި އާބަންކޯ ހަމަޖައްސާފައިވާއިރު ކަވަރޭޖް ޕާޓްނަރެއްގެ ގޮތުގައި މެޗުތައް ވަގުތުން ގެނެސްދޭނީ މީޑިއާނެޓްގެ އައިސް ޗެނަލްތަކުންނެވެ.

އިތުރު ސްޕޮންސަރުން/ޕާޓްނަރުންނަށް ބަލާއިރު؛ ސޯޝަލް މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ސިޑިބަރި، ޑިޖިޓަލް ޕާޓްނަރު ދިރާގު، އޮފިޝަލް އެޓަޔާގެ ގޮތުގައި ޗެމްބާސް، ޓެކްނޮލޮޖީ ޕާޓްނަރުންގެ ގޮތުގައި ސިމްޑީ ޓެކް، އެނާޖީ ޕާޓްނަރަކަށް ސްޓެލްކޯ، އެސޯސިއޭޓް ޕާޓްނަރަކަށް މަކިޓާ، ލޮޖިސްޓިކް ޕާޓްނަރު އާރްޑީސީ، އޮފިޝަލް ފޮޓޯގްރާފާ އިމޭޖަސް.އެމްވީ، ޕަބްލިސިޓީ ޕާޓްނަރު އެއްކާފު، ލައިޓް އެންޑް ސައުންޑް ޓެކް ވޭވްސް، ޕްރިންޓް ޕާޓްނަރު ދި ޕްރިންޓް އަދި ފަސްޓް އެއިޑް ޕާޓްނަރު ހުޅުމާލެ ހޮސްޕިޓަލް އެވެ.