ފީފާ ވިމެންސް ވޯލްޑް ކަޕް ހުޅުވި މެޗުގައި ނޯވޭ ސިއްސުވާލުމަށްފަހު މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ ނިއުޒީލެންޑުން ތާރީޚީ މޮޅެއް ހޯދައިފިއެވެ. މި މެޗުން ނިއު ޒީލެންޑް މޮޅުވީ 1-0 އިންނެވެ.
މިއީ މިދިޔަ 32 އަހަރުގެ ތެރޭގައި މޮޅެއް ނުހޯދި ކުޅުނު 15 މެޗަށްފަހު ނިއުޒީލެންޑުން، ވޯލްޑް ކަޕެއްގައި ހޯދީ ފުރަތަމަ މޮޅެވެ. އެ ޓީމު މިހާތަނަށް ވޯލްޑް ކަޕްގައި ވާދަކުރި ފަސް ފަހަރު ވެސް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މިއަދުގެ މެޗު ފެށުމުގެ ކުރީން މެޗު ކުޅުމަށް ހަމަޖެހިފައިވާ ނިއުޒީލެންޑްގެ އޯކްލޭންޑް ސިޓީގައި ހުންނަ އެޑެން ޕާކް ސްޓޭޑިއަމްއާ މާ ދުރު ނޫން ހިސާބެއްގައި ހިނގި ބަޑީގެ ހަމަލާތަކެއްގައި ދެ މީހަކު މަރުވެ، ހަ މީހަކު ޒަހަމްވެފައިވީ ނަމަވެސް މިއަދުގެ މެޗުތައް ކުރިއަށްގެންދާން ވަނީ ނިންމާފައެވެ.
މި މެޗު ފެށިގެން ނިއުޒީލެންޑުން ޑޮމިނޭޓްކުރިއިރު ދެވަނަ ހާފުގެ ކުރީކޮޅުގައި އެ ޓީމުގެ ހަމައެކަނި ލަނޑުޖަހައިދިނީ ހެނާ ވިލްކިންސަން އެވެ. މިއީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމުގެ ޖެކީ ހޭންޑް ނެގި ހުރަހެއްގެ އެހީގައި ވިލްކިންސަން ކާމިޔާބުކުރި ގޯލެކެވެ.
ނޯވޭ އިން އެއްވަރުކުރަން ކުރި މަސައްކަތުގެ ތެރެއިން އެ ޓީމުގެ ޓޫވާ ހަންސެން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ. އޭގެފަހުން، މެޗުގެ 87 ވަނަ މިނެޓުގައި ނިއުޒީލެންޑަށް ލީޑް ފުޅާކުރަން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިން ނޯވޭގެ ހަންސެން އަތުގައި ބޯޅައިން ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ނިއުޒީލެންޑްގެ ރިއާ ޕާސިވާލް ފޮނުވާލުމުން ދިޔައީ ހުރަސްދަނޑީގައި ޖެހިފައެވެ.
މި މުބާރާތުގައި މިއަދު ކުޅޭ އަނެއް މެޗުގައި އޮސްޓްރޭލިއާ ނިކުންނާނީ ރިޕަބްލިކް އޮފް އަޔާލެންޑާ ދެކޮޅަށެވެ.
