ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުގައި މުބާރާތް ބާއްވާ އެއް ގައުމު ކަމަށްވާ އޮސްޓްރޭލިއާ އިން 1-0 އިން ރިޕަބްލިކް އޮފް އަޔާލެންޑް ބަލިކޮށް، އެ ޓީމުން މޮޅަކާއެކު މުބާރާތް ފަށައިފިއެވެ.
މިއަދުން ފެށިގެން އަންނަ މަހުގެ 20 ގެ ނިޔަލަށް އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައި ބާއްވާ މި ފަހަރުގެ މުބާރާތުގައި ހޯސްޓްކުރާ ދެ ގައުމު ކުޅުނު ފުރަތަމަ މެޗުން މިވަނީ މޮޅުވެފައެވެ. މިއަދު މެންދުރު ކުޅުނު މެޗުގައި ނިއުޒީލެންޑުން ވަނީ ނޯވޭގެ މައްޗަށް 1-0 އިން ކުރިހޯދާފައެވެ.
މިއަދުގެ މެޗަށް ނިކުތުމުގެ ކުރީން އޮސްޓްރޭލިއާގެ ކެޕްޓަން އަދި ތަރި ސޭމް ކާ އަށް އަނިޔާގެ ސަބަބުން އެ ޓީމުން ގްރޫޕް ސްޓޭޖުގައި ކުޅުމަށް ހަމަޖެހިފައިވާ ފުރަތަމަ ދެ މެޗުގައި ނުކުޅެވޭނެކަން ވަނީ ކަށަވަރުވެފައެވެ. އޮސްޓްރޭލިއާގެ ވިމެންސް ޓީމަށް މިހާތަނަށް އެންމެ ގިނަ ލަނޑުޖަހައިދީފައިވާ ކާގެ ފަލަމަސްގަނޑަށް އަނިޔާވީ، މިއަދުގެ މެޗުގެ ކުރީން އޮސްޓްރޭލިއާ އިން އެންމެ ފަހުން އިއްޔެ ބޭއްވި ފަރިތަކުރުންތަކުގައެވެ. އޭނާގެ ބަދަލުގައި އެ ޓީމުގެ ފުރަތަމަ އެގާރައިން ފުރުޞަތު ދީފައިވަނީ މޭރީ ފައުލާ އަށެވެ.
ސިޑްނީގެ އޮލިމްޕިކް ސްޓޭޑިއަމްގައި 75 ހާހެއްހާ ސަޕޯޓަރުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި އޮސްޓްރޭލިއާގެ ހަމައެކަނި ލަނޑުޖަހައިދިނީ ލިބުނު ޕެނަލްޓީއަކުން އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސްޓެފް ކެޓްލީ އެވެ. މެޗުގެ 52 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އޮސްޓްރޭލިއާގެ ހޭލީ ރާސޯ އަށް އަޔާލެންޑްގެ މަރީސާ ޝީވާ ކުރި ފައުލަކަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ، ކެޓްލީ ވަނީ ގޯލްގެ މަތީ ކަނަށް އަމާޒުކޮށްލާފައެވެ. މިއީ ވޯލްޑް ކަޕެއްގައި ޕެނަލްޓީޝޫޓްއައުޓް ފިޔަވައި އެ ޓީމުން ޕެނަލްޓީއެއް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
އޮސްޓްރޭލިއާގެ ލަނޑަށްފަހު އެ ޓީމުގެ ލީޑް ފުޅާކޮށްދޭން ފައުލާ އަށް ލިބުނު ފުރުޞަތުގެ ބޭނުމެއްނުހިފުނެވެ. އޭގެ މާގިނައިރުތަކެއް ނުވަނީސް، އަޔަލޭންޑްގެ ކޯޗު ވެރާ ޕައު ވަނީ ޝީވާ އާއި ސިނިއެޑް ފަރެލީގެ ބަދަލުގައި އެބީ ލާކިން އާއި ލުސީ ކުއިން ކުޅެން އަރުވާފައެވެ. މި ދެ ކުޅުންތެރިން އެރުވުމުން އަޔާލެންޑަށް ކައުންޓާގައި ލިބޭ ފުރުޞަތުތަކުގައި އެޓޭކްތައް ކުރިއަށްވުރެ އިތުރުވެ، ނުރައްކާކުރިއެވެ.
މި މެޗުގެ ފަހުވަގުތުކޮޅުގެ ތެރޭގައި އަޔާލެންޑަށް ލިބުނު ހިލޭޖެހުމުންނާއި، ކޯނަރުގެ އެހީގައި އޮސްޓްރޭލިއާގެ ގޯލަށް ނުރައްކާކުރި ނަމަވެސް، އެ ޓީމަށް މެޗުގެ ނަތީޖާ ބަދަލުކުރެވޭގޮތެއްނުވިއެވެ.
މި މުބާރާތުގައި މާދަމާ ތިން މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި ކެނެޑާ ނިކުންނާނީ ނައިޖީރިއާ އާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ފިލިޕީންސްއާ ސްވިޒަލޭންޑް ބައްދަލުކުރާއިރު، މާދަމާގެ ފަހު މެޗުގައި ސްޕެއިން ނިކުންނާނީ ކޮސްޓަ ރީކާއާ ދެކޮޅަށެވެ.
