ކްލަބް މޯލްޑިވްސް ކަޕްގައި ރޭ ޓީމް އެފްއެސްއެމް އިން 9-0 ގެ ބޮޑު ތަފާތަކުން އުރީދޫ އަތުން މޮޅުވިއިރު، ބަރޮސް މޯލްޑިވްސް އަތުން މޯލްޑިވިއަން މޮޅުވީ 5-1 އިންނެވެ. 

2021 ވަނަ އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅުނު އެފްއެސްއެމް އިން މި ފަހަރުގެ ކްލަބް މޯލްޑިވްސް ކަޕްގައި ކުޅުނު ފުރަތަމަ މެޗުގައި 2-3 އިން ވަނީ ކްލަބް ވެމްކޯ އަތުން ބަލިވެފައެވެ. މި ގްރޫޕުގައި މިހާތަނަށް ކުޅުނު މެޗުތަކަށްފަހު ވެމްކޯ ވަނީ ހަ ޕޮއިންޓާއެކު ގަދަ 16 ގެ ބުރަށް ދަތުރުކޮށްފައެވެ. އެފްއެސްއެމް އަށް ދެ މެޗުން ތިން ޕޮއިންޓް ލިބިފައިވާއިރު، އުރީދޫ އާއި ކްލަބް އާރްއޯއެލް އަށް ލިބިފައިވަނީ އެއް ޕޮއިންޓެވެ. ފައިދާ ގޯލްގެ ތަފާތުން އާރްއޯއެލް އޮތީ ތިނެއްގައެވެ. އެންމެ ފުލުގައި އޮތީ އުރީދޫ އެވެ.

ރެހެންދި ފުޓްސަލް ދަނޑުގައި ރޭ ކުޅުނު މެޗުގައި އެފްއެސްއެމް އިން ޖެހި ނުވަ ލަނޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން މުޙައްމަދު ނާފިއު އަހުމަދު ހެޓްރިކް ހެދިއެވެ. އަލީ އަލްސަން ދެ ލަނޑުޖެހިއިރު އަނެއް ލަނޑުތައް ޖެހީ މުޙައްމަދު ޒިޔާދު، އަބްދުﷲ ޒިޔާން އާއި އިބްރާހިމް ހުސައިން އަދި އަހުމަދު އައިހަމް (އައިހު) އެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެފްއެސްއެމްގެ ކެޕްޓަން ނާފިއު އެވެ.

ގްރޫޕް އޭ ގައި ހިމެނޭ މޯލްޑިވިއަނުން ބަރޮސް ކޮޅަށް ޖެހި ފަސް ލަނޑުގެ ތެރެއިން އެ ޓީމުގެ ހުސައިން އަފްސަލް ހެޓްރިކެއް ހެދިއިރު، އަނެއް ދެ ލަނޑުޖެހީ އިބްރާހިމް ނަދާދު (ކުޑައްޓޭ) އެވެ. ބަރޮސްގެ ހަމައެކަނި ލަނޑުޖަހައިދިނީ ހަސަން އިރުފާން އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހާސިލްކުރީ މޯލްޑިވިއަންގެ އަފްސަލް އެވެ.

އިއްޔެ ކުޅުނު ކްލަބް މޯލްޑިވްސް ކަޕް ކްލަސިކް މުބާރާތުގެ މެޗުތަކަށް ބަލާއިރު ގްރޫޕް އީ ގައި ހިމެނޭ ހާރިޖީއާ އޭޖީ އޮފީސް ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މި ގްރޫޕުގައި ހިމެނޭ އަނެއް ދެ ޓީމުގެ ކުރިމަތިލުމުގައި ހަޔާ އެޑިއުކޭޝަނާ ހެލްތު ރެކްރިއޭޝަން ކްލަބް ކުޅުނު މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.

މި މުބާރާތުގެ ގްރޫޕް އެފް ގައި ހިމެނޭ ފެހިފަހި ކްލަބު އަތުން އެމްއެމްއޭ ސޯޝަލް ކްލަބު ވަނީ ފަހަތުންއަރައި 2-5 އިން މޮޅުވެފައެވެ. މި ގްރޫޕްގައި ހިމެނޭ އަނެއް ދެ ޓީމުގެ މެޗުގައި މީރާ އިން ވަނީ 2-0 އިން އުމްރާނީ ކްލަބް ބަލިކޮށްފައެވެ.