އޮސްޓްރޭލިއާ އާއި ނިއުޒީލެންޑްގައި އިއްޔެ ފެށި ފީފާ ވިމެންސް ވޯލްޑް ކަޕްގައި މިއަދު ކުޅުނު މެޗުތަކުން ސްޕެއިނާއި، ސްވިޒަލެންޑް މޮޅުވިިއިރު ކެނެޑާއާ ނައިޖީރިއާ ބައްދަލުކުރި މެޗު ނިމުނީ ދެ ޓީމު އެއްވަރުވެގެންނެވެ.

ސްޕެއިނުން ވަނީ ކޮސްޓަ ރިކާ އަތުން 3-0 އިން މޮޅުވެފައެވެ. ސްވިޒަލެންޑުން 2-0 އިން ފިލިޕީންސް ބަލިކުރިއިރު ނައިޖީރިއާ އާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ.

ސްޕެއިނުން މިއަދުގެ މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި މިދިޔަ ދެ އަހަރުގެ ވިމެންސް ބެލޮންޑިއޯ ހާސިލްކުރި އަލެކްސިއާ ޕުޓެޔާސް ނުހިމެނެއެވެ. ޕުޓެޔާސް ވަނީ ފަހު ހާފުގައި ކުޅެން ނިކުމެފައެވެ.

ވެލިންޓަންގައި ހުންނަ ވެލިންޓަން ރީޖަނަލް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސްޕެއިނުން ކާމިޔާބުކުރި ހުރިހާ ގޯލެއް ވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައެވެ. ސްޕެއިނުގެ ތިން ލަނޑުގެ ތެރެއިން އެއް ގޯލަކީ ކޮސްޓަ ރިކާގެ ވަލޭރިއާ ޑެލް ކޮމްޕޯ އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. އެ ޓީމުގެ އަނެއް ލަނޑުތައް ޖެހީ އައިޓާނާ ބޮންމަޓީ އާއި އެސްތާ ގޮންޒާލެޒް އެވެ.

ފިލިޕީންސްއާ ސްވިޒަލެންޑް ބައްދަލުކުރި މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

މި މެޗުގެ ފުރަތަމަ ހާފުގައި ސްޕެއިންގެ ލީޑް ފުޅާކޮށްދޭން ލިބުނު ފުރުޞަތުގައި އެ ޓީމުގެ ޖެނިފާ ހާމޯސޯ ފޮނުވާލި ޕެނަލްޓީ ކޮސްޓަ ރިކާގެ ގޯލްކީޕަރު ޑެނިއެލާ ސޮލޭރާ ވަނީ މަތަކޮށްފައެވެ. މީގެއިތުރުން، މި މެޗުގައި ސްޕެއިނުން ފޮނުވާލި ގިނަ ހަމަލާތަކެއް ހުށިޔާރުކަމާއެކު ދިފާއުކުރި ސޮލޭރާ ވަނީ 10 ސޭވްކޮށްފައެވެ.

މި މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނޭ ނައިޖީރިއާ އާ ދެކޮޅަށް ކެނެޑާ ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން ކްރިސްޓީން ސިންކްލެއާ އަށް ފަހު ހާފުގައި ލަނޑެއްޖަހައިދޭން ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. ކެނެޑާ އަށް ލިބުނު ޕެނަލްޓީއަކުން ސިންކްލެއާ ފޮނުވާލި ބޯޅަ ނައިޖީރިއާގެ ގޯލްކީޕަރު ޗިއަމަކާ ނަޑޯޒީ މަތަކުރިއެވެ. މި މެޗު ނިމެން ދަނިކޮށް ނައިޖީރިއާގެ ޑެބްރާ އަބިއޮޑުން އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން ނިންމާލީ 10 ކުޅުންތެރިންނާއެކު އެވެ. މިއީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ރަތް ކާޑެވެ.

ގްރޫޕް އޭ ގައި ހިމެނޭ ސްވިޒަލެންޑުން ވަނީ މުބާރާތުގައި އަލަށް ވާދަކުރި ފިލިޕީންސްގެ މައްޗަށް 2-0 އިން ކުރިހޯދާފައެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ސްވިޒަލެންޑުން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުންނެވެ. ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން މި ޕެނަލްޓީ ކާމިޔާބުކޮށްދިނީ ރަމޯނާ ބަކްމަން އެވެ. ފަހު ހާފުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ ސެރައިނާ ޕިއުބެލް އެވެ.

ފީފާ ވިމެންސް ވޯލްޑް ކަޕްގައި މާދަމާ ހަތަރު މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު ފުރަތަމަ މެޗުގައި އެމެރިކާ ނިކުންނާނީ ވިއެޓްނާމްއާ ދެކޮޅަށެވެ. ދެވަނަ މެޗުގައި ޒެމްބިއާ އާ ޖަޕާން ބައްދަލުކުރާއިރު، އިންގްލެންޑް ނިކުންނާނީ ހެއިޓީއާ ދެކޮޅަށެވެ. އަދި މާދަމާގެ ފަހު މެޗުގައި ޑެންމާކް ނިކުންނާނީ ޗައިނާއާ ދެކޮޅަށެވެ.